11 Dec 2023, 09:14
އެންބީއޭއިން މި ސީޒަންގައި އަލަށް ތައާރަފްކުރި އިން ސީޒަން ޓޯނަމަންޓްގެ ތަށި ލޮސް އެންޖަލިސް ލޭކާސް އިން އުފުލައިލައިފިއެވެ.
ލޭކާސްއިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ފައިނަލްގައި އިންޑިއާނާ ޕޭސާސް އާއި ބައްދަލުކޮށް 123 ޕޮއިންޓް ހޯދައިގެންނެވެ.
އެންބީއޭގައި އުފެދުނު އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މަޝްހޫރު އެއް ޓީމްކަމަށްވާ ލޭކާސްއިން ފަހަކަށް އައިސް އެންބީއޭ މުބާރާތްތަކުގައި ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަމަވެސް މި މުބާރާތުގައި މި ޓީމު ފާހަގަވީ އެންމެ ކާމިޔާބު އެއް ޓީމުގެ ގޮތުގައެވެ.
ލޮސް އެންޖަލިސްގެ ޓީ މޯބައިލް އެރިނާގައި ކުޅުނު މި މެޗުގެ ހަތަރު ކުއާޓާގައި ވެސް ލީޑުކޮށްފައިވަނީ ލޭކާސްއެެވެ. ފައިނަލް މެޗުގައި ލޭކާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 41 ޕޮއިންޓް ހޯދައިދީ 20 ރީބައުންޑް ނަގައިދިން އެންތަނީ ޑޭވިސްއެވެ. އޭނާވަނީ ފަސް އެސިސްޓްކޮށްދީފައެވެ.
ޕޭސާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް ހޯދައިދީ އެއް ރީބައުންޑް ނަގައިދިނުމުގެ އިތުރުން 11 އެސިސްޓް ދިން ޓައިރީސް ހެލިބާޓަންއެވެ.
މި މުބާރާތުގެ މޯސްޓް ވެލުއަބަލް ޕްލެޔާގެ އިނާމް ލިބުނީ ތަޖުރިބާކާރު ކުޅުންތެރިޔާ ލެބްރޮން ޖޭމްސަށެވެ. ލެބްރޮން އަންނަނީ ވޭގާސްގެ ނަމުގައި އެންބީއޭ ފްރެންޗައިޒްއެއް ގާއިމްކުރުމަށް ޝައުގުވެރިވާކަން ހާމަކުރަމުންނެވެ.
މި ކާމިޔާބީއާއެކު ލޭކާސްގެ ކޮންމެ ކުޅުންތެރިޔަކަށް ފައްސަތޭކަހާސް އެމެރިކާ ޑޮލަރު ލިބޭނެއެވެ. އަދި ޕޭސާސްގެ ކޮންމެ ކުޅުންތެރިޔަކަށް ދުއިސައްތަހާސް އެމެރިކާ ޑޮލަރު ލިބޭނެއެވެ.
ލޭކާސްގެ ކޯޗް ޑާވިން ހޭމްވަނީ ލެބްރޮންއާއި އެންތަނީ މި މެޗުގައި ދެއްކި މޮޅު ކުޅުމަށް ތައުރީފްކޮށްފައެވެ.
ޕޭސާސްގެ ކޯޗު ހާމަކުރި ގޮތުގައި މި މެޗުގައި ފެނުނީ މިފެންވަރުގެ ފައިނަލް މެޗުތަކުގެ ތަޖުރިބާ ދެ ޓީމަށް ހުރި މިންވަރު ކަމަށެވެ. މި މެޗުން ބަލިވި ނަމަވެސް މިއީ އޭނާގެ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ކަމަށާއި މިއީ އެ ކުޅުންތެރިންނަށް ލިބެން ބޭނުންވެފައިވި ހުރި ތަޖުރިބާއެއްކަމަށް ވެސް އޭނާ ހާމަކުރިއެވެ.