އުސް ފަސްގަނޑު މައްސަލާގައި ސުލްހަވެރި ހައްލެއް ހޯދަން މަޝްވަރާގެ މޭޒަށް އައުމަށް ހައުސިން މިނިސްޓްރީން އެމްޑީޕީއަށް ހުށަހަޅައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ސޮއިކުރައްވައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކަށް ފޮނުއްވެވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީން އުސް ފަސްގަނޑު ބޭނުންކުރަމުން ގެންދާ ގޮތާ ބެހޭ ގޮތުން ދެފަރާތުގެ ދެމެދުގައި މަޝްވަރާކުރަން މިއަދު ހަވީރު 5:00 ޖަހާއިރު މިނިސްޓްރީއަށް ވަޑައިގަތުމަށެވެ.

ސިޓީއާ ބެހޭ ގޮތުން ޑރ. މުއިޒް މިއަދު ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ އިހްތިސާސުގެ ދަށުން އުސް ފަސްގަނޑު ނަގައިފައިވުމުން، އެމްޑީޕީން މިހާރު މުއާމަލާތް ކުރަންޖެހޭނީ ހައުސިން މިނިސްޓްރީއާ ކަމަށެވެ.

އަދި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބިމެއް ސިޔާސީ ހަރަކާތް ހިންގަން ދޫކޮށްފައިވުމުން އާންމު މަސްލަހަތު ހިމާޔަތް ކުރެވިފައި ނުވާތީ ސުލްހަވެރި ހައްލެއް ހޯދަން އެމްޑީޕީއާއެކު މަޝްވަރާ ކުރަންޖެހިފައިވާ ކަމަށެވެ.

"ގާނޫނީ ހަމަތަކުގެ މަތިން ބިން މިހާރު ވަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައި. އަޅުގަނޑުމެން އެދުނީ އެތަނުގައި އެހެން ބަޔަކު ތިބުމުން އެތަން ހުސްކޮށް ދިނުމަށް. އެކަން ދިގުލައިގެން ދާތީ އާންމުންގެ މަސްލަހަތު ހިމާޔަތް ނުކުރެވޭތީ، ކޮންމެހެން ވެސް މިހާރު އެމްޑީޕީއާ މަޝްވަރާ ކުރަންޖެހިއްޖެ،" މުއިޒް ވިދާޅުވި އެވެ.

އެމްޑީޕީ އޮފީހުން ބުނީ ހައުސިން މިނިސްޓްރީ ފޮނުވި ސިޓީ ލިބިފައިވާ ކަމަށާއި ނަމަވެސް އަދި އެ ސިޓީއާމެދު އަމަލު ކުރާނެ ވަކިގޮތެއް އަދި ނުނިންމާ ކަމަށެވެ. ޕާޓީގެ ސްޕޯކްސް ޕާސަން އިންތިޔާޒް ފަހުމީ ވިދާޅުވީ އެ މައްސަލާގައި ހައުސިން މިނިސްޓްރީއާއެކު މަޝްވަރާއަށްދާނަމަ އެކަން މީޑިއާއަށް އަންގާނެ ކަމަށެވެ.

އުސް ފަސްގަނޑު ހައުސިންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މިނިސްޓްރީ ފުލުހުންނަށް އަންގާފައިވަނީ އެމްޑީޕީން އުސް ފަސްގަނޑުގައި ޖަހާފައިވާ ކޭމްޕު ރޫޅައި ދިނުމަށެވެ. ނަމަވެސް އެތަން ރޫޅާލުމަށް ކޯޓް އަމުރެއް ހޯދަން ފުލުހުން ކްރިމިނަލް ކޯޓަށް ދިއުމުން ކޯޓުން ބުނެފައި ވަނީ އެއީ ކޯޓާ ބެހޭ ކަމެއް ނޫން ކަމަށާއި އެތަން ރޫޅާލުމުގެ އަމުރެން ކޯޓުން ނެރެދެވެން ނެތް ކަމަށެވެ. އެ މައްސަލާގައި ފުލުހުން ދަނީ އުސް ފަސްގަނޑުގެ މައްސަލައިގައި ދެން އަމަލު ކުރާނެ ގޮތެއް ނިންމުމަށް އިތުރަށް މައްސަލަ ދިރާސާ ކުރަމުންނެވެ.

ފެބުރުއަރީ 7 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުމަށް ފަހު އެމްޑީޕީގެ ހަރަކާތްތައް ހިންގަން ފުރަތަމަ ކޭމްޕް ޖަހާފައި ވަނީ ލޮނުޒިޔާރަތްކޮޅުގަ އެވެ. ނަމަވެސް ފުލުހުން ވަނީ މާޗް 19 ވަނަ ދުވަހު އެ ކޭމެޕަށް ވަދެގަނެ ކޭމްޕް ރޫޅާލައިފަ އެވެ. އޭގެ ފަހުން އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހނގަމުން ދަނީ އުސް ފަސްގަނޑުގަ އެވެ. އެތަން އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަން ދީފައި ވަނީ އަންނަ މަހުގެ ނިޔަލަށެވެ.

އެމްޑީޕީން ބުނެފައި ވަނީ އުސް ފަސްގަނޑު އަތުލައިފިނަމަ މުޅި މާލޭގައި ކޭމްޕްޖަހާ މުޒާހަރާ ކުރާނެ ކަމަށެވެ.