11 Dec 2023, 08:48
ވިމެންސް ސުޕާ ލީގުގައި އެސްޓަންވިލާއާ ދެކޮޅަށް ކުޅުނު މެޗު މެންޗިސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 2-1 އިންނެވެ.
މެޗުގެ ހަތްވަނަ މިނެޓުގައި ވިލާއިން އުފެއްދި ހަމަލާއެއްގައިވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑެނިއެލް ޓާނާއެވެ.
މެޗުގައި ސިޓީން މެޗުގެ ތެރެއަށް ވަދެ ރަނގަޅަށް ކުނެގަންނަށް ވަގުތު ކޮޅެއް ނެގިއެވެ. ނަމަވެސް ފުރަތަމަ ހާފުގެ މެދަކާ ހިސާބުން ފެށިގެން ސިޓީން ވަނީ ވިލާގެ ގޯލަށް ނުރައްކާ ކުރަން ފަށައިފައެވެ.
ސިޓީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 61 މިނެޓުގައި ލޯރެން ހެމްޕް ޖަހައިދިން ލަނޑުންނެވެ. ހެމްޕް ވަނީ އޭގެ ހަތަރު މިނެޓު ފަހުން ސިޓީއަށް މެޗުގެ ލީޑު ވެސް ނަގައިދީފައެވެ. މެޗުގެ ދެވަނަ ހާފުގައި ވިލާއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.
މި މެޗު ކާމިޔާބު ކުރުމާ އެކު ސިޓީ ވިމެން މިހާރު ވަނީ ކުޅުނު ނުވަ މެޗުން ލިބިފައިވާ 19 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފައެވެ. އެއީ، ކުރިން ދެވަނައިގައި އޮތް އާސެނަލް ވިމެންއާއި ޕޮއިންޓްގެ ގޮތުން ހަމަވި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ކުރި ލިބޭތީއެވެ.