10 Dec 2023, 14:55
ބިންވެރިޔާ ސްކީމަށް ކުރިމަތިލީ މީހެއްގެ ޝަރުތު ހަމަނުުވާކަމަށް ނިންމައި ގޯތި ނުދޭން ނިންމީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އެ މީހާއަށް ގޯތި ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައިވަނީ މާލޭ ދަފްތަރު ނަންބަރު 234، ފާތިމަތު އަހްމަދެވެ.
އޭނާ އެ މައްސަލަ ހުށަހެޅީ މާލޭގެ ރަށްވެހިންނަށް ގޯތި ދޭން ނިމިދިޔަ ސަރުކާރުން ހުޅުވައިލި ބިންވެރިޔާ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ވަގުތީ ލިސްޓު ނެރުނުއިރު އޭނާގެ ޝަރުތު ފުރިހަމަނުވާކަމަށް ބުނެ ނަން ހިމަނައިފައިނުވާތީއެެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަވާ ހަތްކަމުގެ ތެރޭގައި އެއްވެސް އިރެއްގައި މާލެ ނޫން ތަނަކަށް ރަޖިސްޓްރީވެފައި ނުވުން ހިމެނެއެވެ.
އޭނާގެ ނަން ލިސްޓުގައި ނުހިމަނަން އެންމެ ފުރަތަމަ މިނިސްޓްރީން ނިންމީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން ދޫކުރި ސައްހަ ނޫން މައުލޫމާތެއްގައި ފާތިމަތު އެންމެ އައިޑީކާޑު 1985ގައި ހައްދައި ރަޖިސްޓްރީވެފައިވަނީ މ. މުލައް ރަށްވެއްސެއްގެ ގޮތުގައިކަމަށް ބުނެފައި އޮތުމުންނެވެ.
އަދި ފަހުން 1996ވަނަ އަހަރު އޭނާވަނީ އެ ރަށުގައި އޭނާ ރަޖިސްޓްރީވެފައިވާ އެޑްރެހުން ނަން އުނިކޮށް، މާލޭ ދަފްތަރުގައި ނަން ޖައްސައި އަލުން ކާޑު ހައްދައިފައިވާކަމަށް ބުނެފައި އޮތުމުންނެވެ.
ނަމަވެސް އެއީ ސައްހަ ނޫން މައުލޫމާތެއްކަން ފާތިމަތު ކޯޓަށް ހުށަހެޅި ލިޔުންތަކުންނާއި ފަހުން ޑީއެންއާރުން ސައްހަނޫން ކަން އެނގުމުން ހާމަވާކަމަށެވެ.
އަދި އޭނާ ކޯޓަށް ހުށަހެޅި އުފަންދުވަހުގެ ސެޓްފިކެޓުން އެނގޭ ގޮތުގައި ވެސް އޭނާގެ އުފަން ރަށަކީ މާލެއެވެ. އޭނާ އުފަންވީ 1969ވަނަ އަހަރު ހ. މަދަރާގެއަށް ކަމަށް ވެސް ކޯޓުގެ ހުކުމުގައި ވެއެވެ.
އެ ސެޓްފިކެޓުން އޭނާއަކީ މާލޭގެ ރަށްވެއްސެއްކަން ހާމަވާކަމަށް ކޯޓުން ބުނެއެވެ. އަދި ހ. މަދަރާ ގޭގައި ރަޖިސްޓްރީވެފައިވުމުގެ ކުރިން އެހެން އެއްވެސް ގެއެއްގައި ރަޖިސްޓްރީވެފައިނުވާ ކަަން އެނގެން އޮތްކަމަށް ވެސް ކޯޓުން ބުންޏެވެ.
އަދި އޭނާ މާލޭގެ ރަށްވެހިކަމުގައި އޮތް އޮތުން ބަދަލުވެ، އެއްވެސް އިރެއްގައި މެދުކެނޑުމެއް އެ ކަމަށް އައިސްފައިނުވާކަން ސާފުވާ ކަމަށެވެ.
އެހެންވެ ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމްވަނީ ބިންވެރިޔާ ސްކީމުގެ ދަށުން އޭނާގެ ޝަރުތު ހަމަވާ ކަމަށް ނިންމައި، ސްކީމުގެ ދަށުން ލިބެންވާ މިންވަރުގެ ގޯއްޗެއް ދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ހައުސިން މިނިސްޓްރީއަށް ހުކުމްކޮޮށްފައެެވެ.
ބިންވެރިޔާއާއި ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން މީގެ ކުރިން ވެސް ޝަކުވާތައް ފެންމަތިވެފައި އެބަހުއްޓެވެ.