ކުރީގެ ސަރުކާރުން އިއުލާންކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ މައްސަލަތައް ތަހުގީގުކުރުމަށް ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދީފި އެވެ.

އޭސީސީއިން މީޑީއާތަކަށް ހިއްސާކުރި މެސެޖުގައި ބުނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާންކުރި 4،000 ފްލެޓާ ގުޅިގެން ކޮމިޝަނުން ކުރާ ތަހުގީގުގެ ބޭނުމަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް, ހައުސިން މިނިސްޓްރީން މިހާރު ދީފައިވާކަމަށެވެ.

"އެކްސެސް ދިނުމާ އެކު، މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލައި ފުރިހަމަކުރުމަށް ކުރަން ޖެހޭ ކަންކަން ފެށިގެން ކުރިއަށް އެބަދޭ،" އެ މެސެޖުގައިވެއެވެ.

އޭސީސީން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ މިންވަރަކުން ތަހުގީގަށް ހުރަސްނޭޅޭ ގޮތަށް މި މައްސަލައާ ގުޅޭ މައުލޫމާތު ކޮމިޝަނުން މީޑިއާތަކާއި ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

މި މައްސަލައިގައި މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީ އަށް އޭސީސީގެ މެމްބަރުން ހާޒިރުކުރުމުން އެ ކޮމިޝަނުން ބުނީ އެ މައްސަލައިގެ ތަހުގީގު ލަސްވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމަށް ގާއިމްކޮށްފައިވާ ގެދޮރުވެރިން ޕޯޓަލްގެ އެކްސެސް ނުލިބިގެން ކަމަށެވެ.

ސަރުކާރު ބަދަލުވެ، މިހާރު އޭސީސީގެ އެންގުމާއެކު މިނިސްޓްރީން މަސައްކަތް ހުއްޓައިފައި އޮތްއިރު ވަރަށް އަވަހަށް އޭސީސީއިން ކުރާ ތަހުގީގު ނިމޭނެކަމަށް މިހާރުގެ މިނިސްޓަރު ޑރ. އަލީ ހައިދަރު ކޮމިޓީގައި މީގެ ކުރިން ވިދާޅުވިއެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އާންމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓު ވެގެން ދިޔައީ ގިނަ ބަޔަކު ނުރުހުންވި ލިސްޓަކަށެވެ. އެހެންވެ، އެ ލިސްޓުތައް ބާތިލުކުރުމަށް ވެސް މީގެ ކުރިން ރައްޔިތުން ގޮވައިލިއެވެ.