ބޯޑަ ކޮންޓްރޯލް ސިސްޓަމްގައި ބޭނުންކުރާ ސޮފްޓްވެއާ ޓެސްޓް ކުރުމަށް، އެ ސިސްޓަމް ގާއިމްކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ މެލޭޝިއާގެ ކުންފުނި، ނެކްސް ބިޒް އިން އިމިގްރޭޝަން ޑިޕާޓްމަންޓަށް 70 ވަރަކަށް ލެޕްޓޮޕް ދީފި އެވެ.

ނަން ހާމަނުކުރާ އިމިގްރޭޝަންގެ އޮފިޝަަލަކު މިއަދު ވިދާޅުވީ ނެކްސް ބިޒް އިން ދިން 70 ވަރަކަށް ލެޕްޓޮޕްގެ ތެރެއިން 15 ލެޕްޓޮޕް އެ ޑިޕާޓްމަންޓްގެ ބައެއް އިސް މުވައްޒަފުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބާކީ ހުރި ލެޕްޓޮޕްތައް ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެލެޕްޓޮޕްތައް އެއީ ބޯޑަ ކޮންޓްރޯލް ސޮފްޓްވެއާ ޓެސްޓް ކުރުމަށާއި މުވައްޒަފުންނަށް ބާއްވާ ތަމްރީނުތަކަކަށް ގެނައި ލެޕްޓޮޕްތަކެއް. ތަމްރީނުތައް ފެށުމަށް ހަމަޖެހިފައި އޮތީ މި މަހު 24، 25 ހާތަނުގައި،" އޮފިޝަލް ވިދާޅުވި އެވެ.

އިމިގްރޭޝަންގެ އޮފިޝަލަކާ ހަވާލާދީ މިއަދު ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ ނެކްސްބިޒް އިން އިމިގްރޭޝަނަށް ލެޕްޓޮޕްތަކެއް ހަދިޔާކޮށްފައިވާ ކަަމަށެވެ.

ގާތްގަނޑަކަށް 39 މިލިޔަން ޑޮލަރުގެ އަގު ހުރި ބޯޑަކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ނެކްސްބިޒްއާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަންގައިފަ އެވެ.

އެ މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ.