10 Dec 2023, 13:14
އިޓާލިއަން ސެރީއާގައި އިންޓާ މިލާނާއި އުދިނޭސީ ބައްދަލުކުރިމެޗު އިންޓާއިން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އަނެއްކާ ވެސް އަރައިފިއެވެ.
އިންޓާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަކަމާއެކު 0-4ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދީ އިންޓާއިންނެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި އިންޓާއިން މެޗުގެ ލީޑު ނަގައިފައިވަނީ މެޗުގެ 37ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ އެ ޓީމަށް ލީޑު ނަގައިދިނީ ހަކާން ޗަލަނޮގްލޫއެވެ.
އަދި މެޗުގެ 42ވަނަ މިނެޓްގައި ފެޑެރީކޯ ޑިމާކޯ ޖަހައިދިން ލަނޑުން އިންޓާއިން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. އަދި ފުރަތަމަ ހާފް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް މާކަސް ތުރާމްވަނީ އިންޓާގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
މި މެޗުގެ ދެވަނަ ހާފްގައި ވެސް މެޗު ޑޮމިނޭޓް ކުރަމުންދިޔައީ އިންޓާއިންނެވެ. ނަމަވެސް މިހާފްގައި މާ ގިނަ ލަނޑުތަކެއް ޖެހޭ ގޮތެއް ނުވިއެވެ. މި މެޗުގައި އިންޓާގެ ހަތަރު ވަނަ ލަނޑު މެޗުގެ 84ވަނަ މިނެޓްގައި ޖަހައިދިނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒްއެވެ. މިއީ އޭނާ މި ސީޒަންގައި ސެރީއާގައި ކާމިޔާބުކުރި 14ވަނަ ލަނޑެވެ. މިއާއެކު އޭނާ އުޅެނީ ލަނޑު ލިސްޓުގެ ވެސް އެންމެ ކުރީގައެވެ.
މި ކާމިޔާބީއާއެކު އިންޓާއިން ވަނީ އަނެއްކާ ވެސް ތާވަލްގެ އެއްވަނައަށް އަރައިފައެވެ. އެއީ ކުޅުނު 15 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކުއެވެ. ތާވަލްގެ ދެވަނައިގާ އުޅެނީ 36 ޕޮއިންޓާއެކު ޔުވެންޓަސްއެވެ. އަދި ތިން ވަނައިގައި އުޅޭ އޭސީ މިލާނަށް ލިބިފައިވަނީ 29 ޕޮއިންޓެވެ. އުދިނޭސީ އުޅެނީ 15 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.