12 Dec 2023, 15:27
މިއީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މާ މޮޅު ކަމެއް ކޮށްގެން ގެނައި ސަރުކާރެއް ނޫން ކަމަށާއި އެފަދަ މޭރުމަކުން އޭނާ ވާހަކަދައްކަވާނަމަ އެއީ އިތުރުފުޅެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ސިޔާސީ ކަންކަމުގައި އެންމެ އިސްކޮށް ހުންނަވާ އަދުރޭ ގެންދަވަނީ ޕީއެންސީ ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.
މިދިޔަ ހަފުތާގައި "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޖަމީލު ވިދާޅުވީ، މި ސަރުކާރަކީ އަދުރޭ "އާދަޔާ ހިލާފު މޮޅު ކަމެއް" ކޮށްގެން ގެނައި ސަރުކާރެއް ކަމަށް އާންމު މެންބަރުންނަށް ވިސްނައިދޭން މަސައްކަތްކޮށްގެން ނުވާނެ ކަމަށާއި އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އެ މަނިކުފާނު އިޝާރާތް ކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފޮނުއްވި ކަމަށް ބުނާ 'ބޮއިކޮޓު ނޯޓުކޮޅަ'ށެވެ.
"އަބްދުއްރަހީމް ޕަބްލިކަށް ވިސްނައިދޭން އުޅެގެން ނުވާނެ ވަރަށް މޮޅު ކަމެއް ތިމަންނާ ކޮށްގެނޭ މި ވެރިކަން މިއައީ. ނޫން އެހެނެއް ނޫން،" ޔާމީންގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ޖަމީލު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މުތުލަޤަށް އިންތިޚާބު ބޮއިކޮޓުކުރަން ޔާމީން ނާންގަވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ފޯރީގެ ތެރޭގައި ޔާމީން ފުރަތަމަ އެންގެވީ އެ މަނިކުފާނަށް ވާދަނުކުރެވޭނެ ހާލަތެއް ބަލައި ޕީއެންސީން ކެންޑިޑޭޓަކު ހޮވުމަށެވެ. އެހެންވެ، ސެނެޓުގައި ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް އެ ޓިކެޓު ހޯއްދެވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެކަމަކު، އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބާތިލުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރުމުން، އެ މަނިކުފާނު ވަނީ އިންތިޚާބު ބޮއިކޮޓު ކުރަން ސެނެޓަށް ފެންނަ ނަމަ ބޮއިކޮޓުކުރަން ގޮވާލައިފައެވެ.
ސެނެޓުގައި އެ މައްސަލައިގައި ވޯޓަށް އެހުމުން ސެނެޓުން ނިންމީ ބޮއިކޮޓުކުރަން ނުފެންނަ ކަމަށެވެ.
އެކަމަކު، ޖަމީލު ވިދާޅުވީ، ޔާމީން މުތުލަގަށް ބޮއިކޮޓުކުރަން ނާންގަވާ ކަމަށާއި އެންމެ ފުރަތަމަ ވެސް ޕީއެންސީން ކެންޑިޑޭޓެއް ނެރެން އެންގެވީ ވެސް ޔާމީން ކަމަށެވެ. އަދި، ސުޕްރީމް ކޯޓުން ޔާމީންގެ ކެންޑިޑެސީ މައްސަލަ ނިންމުމުގެ ކުރިން ވެސް ރައީސް މުއިއްޒުގެ ކެންޑިޑެސީ ހުށަހަޅަން ޔާމީން އެދިވަޑައިގެން ކަމަށް ޖަމީލް ވިދާޅުވިއެވެ.
ކުރީގެ ނައިބު ރައީސް ޑޜ. މުހައްމަދު ޖަމީލު އަހުމަދު -- ސަން ފޮޓޯ/ އިންފިނިޓް މޫވްމަންޓްސް/ މުހައްމަދު މާވީ
"އަބްދުއްރަހީމް އިތުރުފުޅެއް ތި ހައްދަވަނީ. ރައީސް ޔާމީން ޖަލުގައި ހުންނަވާފައި ފުރަތަމަ ފޮނުއްވި ނޯޓުކޮޅު ކެންޑިޑޭސީއާ ބެހޭ ގޮތުން ފޮނުއްވި ނޯޓުގައި މި އޮންނަނީ. ޕްލޭން އޭ، ޕްލޭން ބީ، ޕްލޭން ސީ، މިހެން ޖައްސަވާފައި،" ޖަމީލް ވިދާޅުވިއެވެ.
"ޕްލޭން އޭއަކީ އެ މަނިކުފާނު. އަޅުގަނޑު ހުންނެވީ އެ މަނިކުފާނުގެ ރަނިންމޭޓަކަށް. ޕްލޭން ބީގައި މިއޮތީ ޕީޕީއެމް. އަނެއްކާ ވެސް ޕީޕީއެމުން ނެރެވޭ ކަމުގައި ވަންޏާމުން ނެރެން. ސީގައި މިއޮތީ ޕީއެންސީ. ދެން ހަމަ ޖެހިގެން އައި ދުވަހު ވިދާޅުވެއްޖެ ޕްލޭންސީ ޓްރިގާ ކުރައްވާށޭ. އޭރު އަދި ކޯޓަށް ވެސް ހުށަނާޅުއްވާ. ހުށަހެޅުމުގެ މަރުހަލާގައި އޮތީ،"
އެ މަނިކުފާނު ވިދާޅުވީ، ޔާމީން ބޮއިކޮޓު ކުރައްވަން އުޅުއްވަނިކޮށް އަދުރޭ ބޮއިކޮޓު ކުރިޔަނުދިނީ ކަމަށް އާންމު މެންބަރުން ވިސްނައިދޭން އުޅޭ ނަމަ އެއީ ވަރަށް ބޮޑު އޮޅުވައިލުމެއް ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުރިން ވެސް ރައީސް އޮތީ އަންގަވާފައޭ މުއިއްޒާއި ސެމްބެގެ އެޕްލިކޭޝަން ވައްދާށޭ. އެހެންވީމާ ނެތެންނުންހެއްޔޭ އަބްދުއްރަހީމް އެ ވިދާޅުވާ ގޮތަކަށް އާދަޔާ ހިލާފު މޮޅު ކަމެއް ނެރެވޭކަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ޔާމީން ބޮއިކޮޓުކުރަން ނާންގަވާ ކަމަށާއި އެ މަނިކުފާނު ބޭނުންފުޅުވީ ސެނެޓުގެ ވިސްނުންހުރި ގޮތް ބަލައިލަން ކަމަށެވެ.
ޔާމީން ބޮއިކޮޓު ކުރަން އެންގެވި ނަމަވެސް ސެނެޓުން ފާސްކުރުމުން ދެވަނަ ފަހަރަށް ވެސް ޔާމީން ބޮއިކޮޓު ކުރަން އެންގެވިއެވެ. އެކަމަކު، ސެނެޓުން ދެވަނަ ފަހަރު ވެސް ބޮއިކޮޓު ކުރަން ފާސްނުވުމުން، ރައީސް މުއިއްޒަށް ތާއީދުކުރައްވަން ޔާމީން ނިންމެވީ ރައީސް މުއިއްޒު ކެންޑިޑެސީ ފޯމު ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުގައި އިންނަވަނިކޮށެވެ.