23 May 2012, 13:55
ގ. ޑްރީމް އޮފް ގާޑަން މުހައްމަދު އަނީލްގެ "ނަސްރު" ދޯނިން ހޮވި 20 ކިލޯ އަށް ވުރެ ބަރު މާވަހަރު ޝަރީއަތުގެ ބެލުމުގެ ދަށުގައި ބޭއްވުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ސިވިލް ކޯޓުން މިއަދު އެގޮތަށް ކަނޑައެޅީ މާވަހަރު ބެހުމާމެދު ޚިޔާލު ތަފާތު ވެގެން އޮޑިވެރިޔާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބާތިލު ކުރުމަށްފަހު އަލުން އިއްޔެ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ފަހު އެ މައްސަލައިގެ ޝަރީއަތް ނިމެންދެން މާވަހަރު ޝަރީއަތުގެ ބެލުމުގެ ދަށުގައި ބާއްވައިދިނުމުގެ އަމުރަކަށް އޮޑިވެރިޔާ އަނިލް އެދިފައިވާ މައްސަލަ ބެލުމަށްފަހު އެވެ.
އެ މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަގުތީ އަމުރާ މެދު ޝަރީއަތުން ނިންމި ގޮތް އިއްވަވަމުން ގާޒީ އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ މާވަހަރު މިހާރު ވަނީ ވަކި ބައެއްގެ ބެލުމުގެ ދަށުގައި ރައްކާކޮށްފައި ކަމާއި އަދި އެގޮތަށް ރައްކާކޮށްފައި ވަނީ އޮޑިވެރިޔާއާއި ކެޔޮޅު އެއްބަސް ވެގެންކަން ދެ ފަރާތުގެ ބަހުން ވެސް އެނގޭ ކަމަށެވެ.
ގާޒީ ޝުޖޫން ވިދާޅުވީ ޝަރީއަތުގެ ބެލުމުގެ ދަށުގައި މާވަހަރު ބޭއްވުމުގެ އަމުރަކަށް އެދިފައިވީ ނަމަވެސް އެފަދަ އެއްޗެއް ބެލެހެއްޓޭނެ އުސޫލެއް އަދި ވަސީލަތެއް ވެސް ކޯޓުގައި ނެތް ކަމަށާއި އެހެންކަމުން އޮޑިވެރިޔާ އެދިފައިވާ ވަގުތީ އަމުރު ނެރެވެން ނެތް ކަމަށެވެ. އަދި ވިދާޅުވީ ދޯނީގެ ކެޔޮޅު ޅ. ނައިފަރު ނޫރާނީމާގޭ އަބްދުﷲ މުހައްމަދުގެ ބެލުމުގެ ދަށުގައި މާވަހަރު ބާއްވައިފިނަމަ އޭނާގެ ފަރާތުން އެއަށް ގެއްލުން ދީފާނެކަމަށް ބެލެވޭކަމަށް އޮޑިވެރިޔާ ބުނި ނަމަވެސް ގެއްލުންދީފާނެ ކަމަށް ބެލެވެނީ ކޮންގޮތަކުން ކަން އޮޑިވެރިޔާ ބުނެދީފައި ނުވާ ކަމަށެވެ.
"... އަދި ޝަރީއަތަށް ހުށަހެޅޭ ދައުވާތަކާއި ގުޅުންހުރި ތަކެތި ގަޒިއްޔާގެ ހުކުމް ކުރުމާއި ހަމައަށް ޝަރީއަތުގެ ބެލުމުގެ ދަށުގައި ބޭއްވުމުގެ އުސޫލެއް އަދި ވަސީލަތެއް ވެސް ނެތަތީ އާއި، އެ މާވަހަރު ބަލައި ބަލަހައްޓާނެ ބަޔަކު ކަނޑައަޅައި، މިމަގުން ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުން ލިޔުމުން އެއްބަސްވެފައިވާކަން އެ ދެފަރާތުގެ ބަހުން ސާފުކޮށް އެނގެން އޮތަތީ، މުހައްމަދު އަނިލްގެ ފަރާތުން އެދިފައިވާ ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައިފީމެވެ،" ސިވިލް ކޯޓުގެ އަމުރުގައި ވެއެވެ.