10 Dec 2023, 10:46
ރާއްޖޭގައި މަސްވެރިކަމުގެ މަސައްކަތް ދަމަހައްޓައި، ދެމެހެއްޓެނިވި ގޮޮތެއްގައި ކުރުމަށް ޓަކައި މި ސިނާއަތުގެ މަސައްކަތްތެރިން ފާހަގަކުރާ މައްސަލަތަކާއި ކަންބޮޑުވުންތަކަށް އަވަހަށް ހައްލު ހޯދަންޖެހޭކަމަށް އެމްޑީއޭގެ ރައީސް އަދި. ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހާ ގުޅިގެން ސިޔާމް ފޮނުއްވި ޚިތާބުގައި ވިދާޅުވީ މަސްވެރިކަމަކީ ދިވެހިންގެ ހިތްތަކާ ގުޅިފައިވާ އިހު ޒަމާނުގެ މަސައްކަތެއްކަމަށެވެ. އަދި އެއީ ރާއްޖޭގެ އިގްތިޞާދުގެ މައި ލޭނާރުކަމަށާއި މިއަދު ވެސް ގިނަ އާއިލާތަކެއްގެ އާމްދަނީ ބިނާވެފައިވަނީ މި ސިނާއަތުގެ މައްޗަށްކަމަށް ސިޔާމް ވިދާޅުވިއެވެ.
އެހެންކަމުން މަސްވެރިންގެ ދުވަހަކީ، މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ދެނެގަނެ އަޑުއަހައި، ހައްލު ހޯދަން މަސައްކަތްކުރުމަށް އެންމެ މުނާސަބު ދުވަސްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި މަސްވެރިކަން ދަމަހައްޓަން ބޭނުންނަމަ މަސްވެރިން ފާހަގަކުރާ ކަންބޮޑުވުންތަކަށް އަވަސް ހައްލު ހޯދުން މުހިންމުކަމަށް ވެސް ސިޔާމް ފާހަގަކުރެއްވިއެވެ.
"މިއަދު ދިވެހިރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބާނާ މަސްކޮޅު ކިރުވުމުގައި ދިމާވާ މައްސަލަތަކާއި މަހަށް ހަމަ އަގު ނުލިބުމުގެ މައްސަލަ. ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި ދެންނެވުނު ހައްސާސީ މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ ކުރަންޖެހޭ ކަމެއް،" ސިޔާމް ވިދާޅުވިއެވެ.
އެއާއެކު އެ މަނިކުފާނުވަނީ އާ ސަރުކާރުން އިސްވެ މަސްވެރިންގެ ކަންބޮޑުވުންތަކާއި މައްސަލަތައް ހައްލުކޮށްދިނުމަށް ފަށައިފައިވާ މަސައްކަތަށް ރައީސް ޑރ. މުޙައްމަދު މުއިއްޒަށާއި ސަރުކާރަށް ޝުކުރު އަދައިކުރައްވައިފައެވެ.
އެ މަނިކުފާނު ވިދާޅުވީ މިއަދު މަސްވެރިންގެ އަޒުމަކަށް ހަދަންވީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރަށް އެއްބާރުލުން ދީ، މި ސިނާއަތް އިތުރަށް ކުރިއެރުވުންކަމަށެވެ.
އަަދި މަސްވެރިކަމުގެ އުފެއްދުންތައް ވިއްކޭނެ އާ މާކެޓުތައް ހޯދައި މަހުގެ އުފެއްދުންތައް އިތުރުކޮށް ދުނިޔޭގެ ބާޒާރުގައި އެންމެ ރަނގަޅު އަގު ލިބޭ އުފެއްދުންތަކަކަށް ހެދުމަށް ވެސް އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ.