ޖަރުމަނު ބުންޑަސްލީގާގައި އެއިންޓްރެކްޓް ފްރެންކްފާޓް އަތުން އެންމެ ފަހުގެ ޗެމްޕިއަން ބަޔޭން މިޔުނިކް ބަލިވެއްޖެއެވެ.

ފްރެންކްފާޓްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 1-5 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދައިފައިވަނީ ބަޔާނުންނެވެ. ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުކުރީ ވީ ފްރެންކްފާޓުންނެވެ.

މި ގޮތުން އެ ޓީމުންވަނީ މެޗުގެ 12ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އޮމަރު މަރްމޫޝްއެވެ. އަދި މެޗުގެ 31ވަނަ މިނެޓްގައި ފްރެންކްފާޓްގެ އެރިކް އެބިމްބޭވަނީ ލަނޑެއް ޖަހައި ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މި ލަނޑު ޖެހިތާ ފަސް މިނެޓްފަހުން ފްރެންކްފާޓްގެ ތިންވަނަ ލަނޑު ޖަހައިދިނީ ހޫގޯ ލާސަންއެވެ. މި މެޗުގައި ބަޔޭން އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 44ވަނަ މިނެޓްގައި ޖަހައިދިނީ ޖޯޝުއާ ކިމިޗްއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބަޔޭންގެ ހަމަލާތައް ވަރުގަދަ ވެގެންދާނެކަމަށް ބެލެވުނު ނަމަވެސް މި ހާފުގައި ވެސް ފެނުނީ ފްރެންކްފާޓްގެ ދެ ލަނޑެވެ.

މިގޮތުން ފްރެންކްފާޓްގެ ހަތަރުވަނަ ލަނޑު މެޗުގެ 50ވަނަ މިނެޓްގައި ޖަހައިދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން އެބިމްބޭއެވެ. އަދި އެ ޓީމުގެ ފަހު ލަނޑު މެޗުގެ 60ވަނަ މިނެޓްގައި ޖަހައިދިނީ އަންސްގާ ކްނައުފްއެވެ.

މިއީ މިސީޒަންގައި ބުންޑަސްލީގާގައި ބަޔާން ބަލިވި ތިންވަނަ މެޗެވެ. މި ނަތީޖާއާއެކު ބަޔޭން މިހާރު އުޅެނީ 13 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ.

ބަޔާން ކޮޅަށް އެންމެ ފަހުން ވެސް ފަސް ލަނޑު ޖަހައިފައިވަނީ ފްރެންކްފާޓްއެވެ. 2019ވަނަ އަހަރުގެ އެ މެޗު ވެސް ފްރެންކްފާޓް ކާމިޔާބު ކޮށްފައިވަނީ ހަމަ މި ނަތީޖާއިންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ބަޔާންގެ ކޯޗު ތޯމަލް ޓިކެލް ހާމަކުރި ގޮތުގައި މި މެޗުގައި ކުރަން ރޭވި އެއްވެސް ކަމެއް ރަނގަޅަށް ކުރެވިފައިނުވާ ކަމަށެވެ. އަދި މިދިޔަ ހަފްތާގައި ނުކުޅުމުގެ ނަތީޖާ މި މެޗުން ދައްކައިފިކަމަށް ވެސް އޭނާ ހާމަކުރިއެވެ. މި މެޗުން މޮޅުވުމުން ފްރެންކްފާޓް މިހާރު އުޅެނީ 14 މެޗުން ލިބިފައިވާ 21 ޕޮއިންޓާއެކު ތަވަލްގެ ހަތްވަނައިގައެވެ.