އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލްގެ އެއްވަނައިގައި އުޅުނު އާސެނަލާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު އެސްޓަން ވިލާ ކާމިޔާބު ކުރުމާއެކު އާސެނަލް ތާވަލްގެ ދެވަނައަށް ވެއްޓިއްޖެއެވެ.

ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ އެއް ލަނޑު ސުންލަނޑުންނެވެ.

ދެ ޓީމު ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ އާސެނަލުންނެވެ. ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުކުރީ ވިލާއެވެ.

އެ ޓީމުން މެޗު ފެށީ ވަރަށް ފޯރިއާއެކުއެވެ. މިގޮތުން މެޗުގެ ހަތްވަނަ މިނެޓްގައި ވިލާއިން އުފެއްދި ހަމަލާއެއްގައި އެ ޓީމުންވަނީ މެޗުގެ ލީޑު ވެސް ނަގައިފައެވެ.

މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޖޯން މެކްގިންއެވެ. މި ލަނޑާއެކު އާސެނަލްއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ވިލާގެ ގޯލަށް ނުރައްކާކުރިއެވެ.

ނަމަވެސް ވިލާގެ ޑިފެންސް އާސެނަލަށް ފޫއަޅުވައިލެވޭ ގޮތެއްނުވިއެވެ.

ވިލާއިން ލީޑު ލިބުމާއެކު ބޮޑަށް ބެލީ ޑިފެންޑްކުރުމަށްފަހު ލިބޭ ފުރުސަތުތަކުގައި އާސެނަލްގެ ގޯލަށް ނުރައްކާ ކުރެވޭތޯއެވެ. މިގޮތުން އެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބުނެވެ.

މި މެޗުގެ ދެވަނަ ހާފްގައި އާސެނަލުން އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކުރި ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުތައްވ ބޭކާރެވެ. މި މެޗުގެ އިތުރު ވަގުތުގައި އާސެނަލްގެ ކައި ހަވާޓްޒް ވިލާގެ ގޯލް ތެރެއަށް ބޯޅަ ޖެހި ނަމަވެސް ރެފްރީ ވަނީ ބޯޅަ އަތުގައި ޖެހުނު ކަމަށް ބުނެ ގޯލެއް ނޫންކަމަށް ކަނޑައަޅައިފައެވެ.

ނަމަވެސް އެ ކަން ޔަގީންކުރަން ވީއޭއާރަށް ވަރަށް ގިނަ ވަގުތު ނެގިއެވެ. އަދި އެންމެ ފަހުން ވީއޭއާރުން ނިންމީ ރެފްރީގެ ނިންމުމާ އެއްގޮތަށެވެ.

މި ކާމިޔާބީއާއެކު ވިލާއިން މިހާރުވަނީ ކުޅުނު 16 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ވެއްޓުނު އާސެނަލާ އެއް ޕޮއިންޓަށް ގާތްކޮށްފައެވެ.

އަދި އެއްވަނައިގާ މިހާރު އުޅޭ ލިވަޕޫލާއި ދެ ޕޮއިންޓާ ގާތް ކޮށްފައެވެ. ވިލާއިން މިހާރު މިވަނީ ވޭތުވެދިޔަ ހަތަރު ދުވަހުގެ ތެރޭގައި އާސެނަލްގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވެސް ބަލިކޮށްފައެވެ.

އެއާއެކު މިސީޒަންގައި ތައްޓަށް ވާދަކުރާ ޓީމުތަކުގެ ލިސްޓަށް ވެސް ވިލާ މިހާރުވަނީ އަރައިފައެވެ. އެ ޓީމަށް އެންމެ ފަހުން ލީގު ކާމިޔާބު ކުރެވިފައިވަނީ 1980-1981 ވަނަ ސީޒަންގައެވެ.