11 Dec 2023, 17:09
ކަރީމް ޝެލޮމް ހުރަސްކޮށް ޣައްޒާއަށް ފޯރުކޮށްދޭ އެހީ ޗެކް ކުރުމަށް އައު އުޞޫލުތަކެއް އެކަށައަޅަމުން އައި ނަމަވެސް އެ ހުރަސް މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އަދި ކުރިއަށް ނުދާ ކަމަށް އދ އިން ބުނެފިއެވެ.
އާ އުޞޫލުގެ ދަށުން ޢިސްރާއީލާއި ޣައްޒާ އަދި މިޞްރުގެ ބޯޑަރު ގުޅޭ ކަރީމް ޝެލޮމް ހުރަސްކުރުމަށް ފުރަތަމަ ފަހަރަށް ޢުރުދުން އިން ޓްރަކްތައް އަންނާނެ ކަމަށާއި، އޭގެ ކުރިން ގާތްގަނޑަކަށް ތިން ކިލޯމީޓަރު (1.86 މޭލު) ދުރުގައި އޮންނަ ރަފަޙް ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އެހީ ފޯރުކޮށްދެވޭނެ ކަމަށްވެސް އދ އިން ބުނެއެވެ.
ނަމަވެސް ކަރީމް ޝެލޮމް ހުރަސްކޮށް އަންނަ ޓްރަކްތަކަށް ސީދާ ޣައްޒާއަށް ވަނުމުގެ ހުއްދަ ދޭން ޖެހޭނެ ކަމަށް އދ އިން ބުނެއެވެ.
ކަރީމް ޝެލޮމް ހުޅުވައި ދިނުމަށް އެދި އދ އިން އެތައް ފަހަރަކު އެދުނު އެދުމާ ޢިސްރާއީލުން މިހާތަނަށްވެސް ދެކޮޅު ހަދައިފައި އޮތް ނަމަވެސް އެ ހުރަސް މެދުވެރިކޮށް ޣައްޒާއަށް އެހީ ފޯރުކޮށްދެވޭނެ ކަމުގެ އިޝާރާތެއް ބުރާސްފަތި ދުވަހު އދ އާއެކު މަޝްވަރާތަކަށްފަހު އިސްރާއީލުން ވަނީ ދީފައެވެ.
ޣައްޒާ އަށް މިހާތަނަށްވެސް އެހީ ފޯރުކޮށްދެމުން އަންނަނީ މިޞްރާއި ޣައްޒާ ގުޅޭ ރަފަޙް ބޯޑަރު މެދުވެރިކޮށެވެ. އެހީ ބަރުކޮށްގެން އޮތް ޓްރަކްތައް ޣައްޒާއަށް ނުވަދެވި މިހާރުވެސް އެބަތިއްބެވެ. ޣައްޒާއަށް ވަންނަ އެހީގެ ޓްރަކްތައް އިސްރާއީލުން އަންނަނީ ބަލައި ޗެކް ކުރަމުންނެވެ.
ޢުރުދުން އިން ޣައްޒާއަށް ފޯރުކޮށްދޭ އެހީގެ ޓްރަކްތައް ބަލައި ޗެކް ކުރުމުގެ މަސައްކަތް ޢިސްރާއީލުން މިހާރު ކުރަމުން އަންނަ ކަމަށް ވެސް ރޮއިޓާސްއިން ރިޕޯޓުކުރެއެވެ.