23 May 2012, 13:39
ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީން ގާއިމު ކުރި ޓެންޓްތައް ރޫޅާލި މައްސަލައިގައި ސިފައިންނާއި ފުލުހުންގެ މައްޗަށް ސިވިލް ކޯޓުގައި އެމްޑީޕީން ދައުވާކޮށްފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރުމުން އެ މައްސަލައިގެ މިއަދުގެ ޝަރީއަތް ސިވިލް ކޯޓުން ކެންސަލްކޮށްފި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ފެށުމުން ދައުލަތުގެ ވަކީލު، ބަންޑާރަ ނާއިބު އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އެމްޑީޕީގެ ރައީސްގެ ހައިސިޔަތުން ޑރ. އިބްރާހިމް ދީދީ ދައުވާ ފޯމްގައި ސޮއިކުރައްވާފައި ވުމަކީ އެ މައްސަލަ ކުރިއަށްގެންދިޔުމަށް އޮތް ހުރަހެއް ނޫން ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު، އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމުގެ ހައި ކޯޓުގެ އަމުރަކަށް އެދުމުން ހައިކޯޓުން މިއަދު އެ އަމުރު ނެރެފައި ވާތީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ ވިދާޅުވީ ހައިކޯޓުން އެފަދަ އަމުރެއް ނެރެފައި ވާތީ އެ މައްސަލައިގެ މިއަދުގެ ޝަރީއަތް ކެންސަލް ކުރެއްވީ ކަމަށާއި ދެން އެ މައްސަލައިގެ ޝަރީއަތް ފަށާނީ ހައިކޯޓުން އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމުން ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އެމްޑީޕީގެ ވަކީލުންގެ ޓީމަށް ފުރުސަތު އެރުވުމުން އެ ޕާޓީގެ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ހައިކޯޓުން އެފަދަ ވަގުތީ އަމުރެއް ނެރެފައި ވާތީ އެކަމާ މެދު ދައްކާނެ ވާހަކައެއް ނެތްކަމަށެވެ.
މަގާމުން ދުރުކޮށްފައިވާ އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމް ދީދީ ދައުވާ ފޯމްގައި ސޮއިކުރުމަކީ އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔުމަށް އޮތް ހުރަހެއް ނޫން ކަމަށް ސިވިލް ކޯޓުން ކަނޑައެޅީ ޑީޑީ ރައީސް ކަމަށް އިންތިޚާބު ކުރީ، އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުކޮށްފައިވާ އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށް ބުނެ، ބަންޑާރަ ނާއިބްގެ އޮފީހުން ސިވިލް ކޯޓުގައި ނެގި އިޖްރާއީ ނުކުތާއާ މެދު މި މަހުގެ 16 ވަނަ ދުވަހު ގޮތެއް ނިންމެވި އިރު އެވެ.