10 Dec 2023, 01:16
ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ބާކީ ހުރީ 140 މިލިއަނެއްހާ ރުފިޔާ ކަމަށާއި އެ ފައިސާ ވީ އެންމެ އަވަހަކަށް މަސްވެެރިންނަށް ދޫކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން ބޭއްވި "މަސްވެރިންގެ ގުންޒަރު 2023"ގައި ބައިވެރިވެވަޑައިގެން މަސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
އިއްޔެ ހެނދުނުން ފެށިގެން ކުރިއަށްދިޔަ މި ގުންޒަރުގެ ރޭގެ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ރައީސް ވަނީ މަސްވެރިންގެ ޝުއޫރުތައް އަޑުއައްސަވައި، މަސްވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.
މަސްވެރިންނަށް ސަރުކާރުން ނުދީ އެތައް ދުވަހެއް ވެފައިހުރި ފައިސާ، މި ސަރުކާރު ވެރިކަމާ ހަވާލުވެ މިވީ ތިން ހަފުތާގެ ތެރޭގައި ދޭން ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާރު މަސްވެރިންނަށް ނުދެވި ހުރީ 140 މިލިއަނެއްހައި ރުފިޔާ ކަމަށެވެ.

"މަސްވެރިންގެ ގުންޒަރު 2023"ގައި ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ/ ރައީސް އޮފީސް
ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 106 މިލިއަން ރުފިޔާ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ދޫކޮށްފައެވެ.
މީގެ އިތުރުން ރިޔާސީ ކެމްޕެއިންގައި މަސްވެރިންނަށް ވީ ވައުދުތަކުގެ ތެރެއިން މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ މަސްވެރިންނަށް އަރުވާފައެވެ. މިހާރު މަސް ކިލޯއެއް ވިއްކަނީ 25 ރުފިޔާއަށެވެ. މީގެ ކުރިން މަސް ކިލޯއެއް ވިއްކަމުން އައީ 17 ރުފިޔާގެ މަގުންނެވެ.
ހަމައެއާއެކު ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަހައްދަކަށް މަސްވެރިކަން ފުޅާކުރުމާއި، މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖް ފަދަ ވަސީލަތްތައް ގިނަ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ސަރުކާރުން އިސްކަން ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފޯރަމްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 40 މަސްވެރިން ބައިވެރިވެއެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ. އެގޮތުން މިއަދަކީ ރާއްޖޭގެ 43ވަނަ މަސްވެރިންގެ ދުވަހެވެ.