10 Dec 2023, 07:41
ނުވަދިހައިގެ އަހަރުތަކުގެ ތެރޭ ބޮލީވުޑަށް ތަޢާރަފުވި އެކްޓަރު ބޮބީ ޑިއޯލްގެ ވިސްނުން ހުރީ އޭނާގެ ދެ ކުދިން ވެސް ފިލްމީ ދާއިރާއަށް ނެރެން ކަމަށާއި އެހެންނަމަވެސް އެކަމަށް އަދި ވަރަށް ވަގުތު އެބައޮތް ކަމަށް ބޮބީ ބުނެފިއެވެ.
ބޮބީ ކުޅުނު ފިލްމުތަކަށް އާއްމުންގެ ފަރާތުން ލިބުނު މަގުބޫލުކަން ކުޑަވުމާ އެކު ފިލްމީ ކެރިއަރުގައި މާ ބޮޑު ކުރިއެރުމެއް ނުލިބި އާއްމުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތައް ވެސް ބޮބީއަށް ވަނީ އަމާޒުވެފައެވެ.
ކެރިއަރު ނާކާމިޔާބުވެ، އާއްމުންގެ ފަރާތުން ލިބުނު ފާޑުކިޔުންތަކާ އެކު ބޮބީއަށް ނަފްސާނީ ބަލިމަޑުކަމާ ވެސް ކުރިމަތިލާން ޖެހުނުކަމަށް ދާދި ފަހުން ބޭބެ ސަނީ ޑިއޯލްއާ އެކު ބައިވެރިވި 'ކޮފީ ވިތު ކަރަން'ގެ އެޕިސޯޑެއްގައި ވަނީ ވަރަށް ތަފުސީލުކޮށް ކިޔާދީފައެވެ. މި ހުރިހާ ގޮންޖެހުންތަކާ އެކު ވެސް ބޮބީ ދެކޭގޮތުގައި ފިލްމު އިންޑަސްޓްރީއާ އެއް ފެންވަރުގެ އެއްވެސް އިންޑަސްޓްރީއެއް އިންޑިއާގައި ނެތެވެ.
އެހެންކަމުން ބޮބީ އާއި އަންހެނުން ތާންޔާގެ ކައިވެންޏަށް ލިބިފައިވާ ދެ ފިރިހެން ކުދިން ވެސް ފިލްމު އިންޑަސްޓްރީއިން ފެންނާނެކަމާ މެދު ޝައްކެއް ނެތް ކަމަށް 54 އަހަރުގެ އެކްޓަރު ވަނީ ބުނެފައެވެ. ނަމަވެސް ދެ ކުދިން ފިލްމީ ދާއިރާއަށް ނުކުންނާނީ މީގެ ތިނެއް ނުވަތަ ހަތަރު އަހަރު ފަހުން ކަމަށާއި އެ ކުދިން ފިލްމީ ދާއިރާއަށް ނުކުންނަށް އަދި ވަރަށް ޅަ ކަމަށް ބޮބީ ވަނީ ބުނެފައެވެ.

ބޮބީ ޑިއޯލް އަންހެނުން ތާންޔާ ޑިއޯލްއާ އެކު
ފިލްމު "އެނިމަލް"ގައި ބޮބީ ދެއްކި މޮޅު ހުށަހެޅުމަށް ގިނަ ބައެއްގެ ތަޢުރީފު ލިބެމުން އަންނައިރު ފިލްމުގެ ކާމިޔާބީއާ ގުޅިގެން ބާއްވަމުން އަންނަ ގިނަ ހަފްލާތަކުގައި ބޮބީގެ ދޮށީ ދަރިފުޅު އަރިއަމަން ޑިއޯލްއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. މިފަދަ ޙަފުލާތަކުން ޢުމުރުން 22 އަހަރުގެ އަރިއަމަން ފެނުން އާދައަކަށް ވުމީ އޭނާ ބޮލީވުޑަށް ތަޢާރަފުކުރުމުގެ ފެހި ސިގްނަލެއް ކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ.
ފިލްމު "އެނިމަލް"އަކީ ބޮލީވުޑްގައި ބޮބީގެ އޮއްސުނު ތަރި ފިޔަޖަހާ ކެރިއަރު ކޮޅަށްޖަހައިދިން އެކްޓަރުގެ 'ޓާނިންގް ޕޮއިންޓެއް"ގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވާއިރު ދާދި ފަހުން ބޭބެ ސަނީ ޑިއޯލްގެ ފިލްމު "ގަދަރު2" ވެސް ވަނީ ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާލާފައެވެ.