ސަރުކާރުން އަލަށް އުފެއްދި އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީގެ މަސައްކަތް ވަގުތީ ގޮތުން ކުރަމުން ގެންދަނީ އަމީނީ މަގުގެ ދެކުނުގައި ހުރި ހައުސިން މިނިސްޓްރީގެ އިމާރާތުގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ހުސައިން އާމިރު ވިދާޅުވީ އެންވަޔަރަންމަންޓު މިނިސްޓްރީގެ މަސައްކަތްތައް ހިނގައިގެންފައިވާ ކަމަށާއި ނަމަވެސް އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަމާއި މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތް ވެސް ރައީސް އޮފީހުން ކުރަމުން އަންނަ ކަމަށެވެ.

އާމިރު ވިދާޅުވީ އެ މިނިސްޓްރީ ދާއިމީ ގޮތުން ހިންގާނީ ކޮން އިމާރާތެއްގައިކަން ބުނަން އަދި ދަތި ކަމަށާއި މިނިސްޓްރީ ހިންގާނެ އިމާރާތެއް ހޯދުމުގެ މަސައްކަތް ރައީސް އޮފީހުން ބަލަމުން އަންނަ ކަމަށެވެ.

"އަލަށް އުފެއްދި މިނިސްޓްރީއެއްވީމަ އިދާރީ ގޮތުން ބައެއް ކަންކަން ފުރިހަމަ ކުރަން ޖެހޭ އެ މަސައްކަތް މިދަނީ ކުރަމުން. އަދި މުއައްޒަފުންގެ ކަންކަން ވެސް ހަމަޖައްސަމުން މިގެންދަނީ ހަމަ އެގޮތަށް އިމާރާތެއް ހޯދުމުގެ މަސައްކަތް ވެސް އެބަކުރަން،" އާމިރު ވިދާޅުވި އެވެ.

މީގެކުރިން ސަރުކާރުގެ އިސް އޮފިޝަލަކު ސަންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެންވަޔަރަންމަންޓް މިނސްޓްރީ ގާއިމްކުރަން ސަރުކާރުން މަސައްކަތް ކުރަނީ ހުޅުމާލޭގައި ކަމަށާއި އެކަމާގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ފަހަރަށް މިނިސްޓްރީއެއް ހުޅުމާލެއަށް ބަދަލު ކުރުމަށް ވިސްނީ މާލޭގެ ތޮއްޖެހުން ކުޑަކޮށް މާލެއާ ގުޅިފައިވާ އެހެން ތަންތަން ތަރައްގީ ކުރުމުގެ ޕްލޭންގެ ދަށުން ކަމަށެވެ. އަދި ހުޅުމާލެއަކީ ތިމާވެއްޓާބެހޭ މިނިސްޓްރީ ފަދަ މިނިސްޓްރީއެއް ހުރުން އެންމެ ރަނގަޅު ތަން ކަމަށާއި އޭގެ ސަބަބުން މުވައްޒަފުންނަށް މާބޮޑު ދައްޗެއް ކުރިމަތިވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެންވަޔަރަންމަންޓް އެނާޖީ މިނިސްޓްރީގެ މެންޑޭޓްގެ ތެރެގައި ހިމެނެނީ ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތައް (ކްލައިމެޓް ޗޭންޖް) އާއި ހަކަތައާބެހޭ ރޮނގުތަކުންނާއި ފެނާއި، ނަޖިހާއި، ނަރުދަމާއާއި އަދި މީޓިއޮރޮލޮޖީ އާބެހޭ ސިޔާސަތުތައް އެކަށައަޅައި ކަމާބެހޭ ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމެވެ.

މީގެ އިތުރުން ވެސް ރާއްޖޭގައި ހަކަތައާއި ފެނާއި ނަރުދަމާއާއި މީޓިއޮރޮލޮޖީއާބެހޭ ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް ސްޓްރެޓީޖިކް ޕްލޭންތަކާއި އެކްޝަން ޕްލޭންތަކާއި ޕްރޮގްރާމްތައް ރޭވުން ވެސް ހިމެނެ އެވެ.

އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަ ތަންތަނުގެ ތެރޭގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި މޯލްޑިވްސް އެނާޖީ އޮތޯރިޓީ ހިމެނެއެވެ.