ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެތެރޭގެ ދަތުރުތަކަށް ޚާއްޞަ ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް ޓެކްސީއަށް މަޑުކުރެވޭ ގޮތް ހަދަން ނިންމައިފިއެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލްއިން ބުނީ ޓެކްސީތަކަށް އެ ހުއްދަ ދެނީ މާދަމާއިން ފެށިގެން ކަމަށެވެ. އެކަމަށް ޓަކައި ޚާއްޞަ ރަސްމިއްޔާތެއް މާދަމާ ބާއްވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެއާޕޯޓަށް މީހުން ގެންދާ ޓެކްސީތަކަށް މިހާރު މަޑުކުރެވެނީ އިންޓަނޭޝަނަލް ޓާމިނަލް ކައިރިއަށެވެ.

މާލެއަށް ނުވަތަ ހުޅުމާލެއަށް ދިޔުމަށް ޓެކްސީ ނަގަން ޖެހެނީ އެކަމަށް ޚާއްޞަކޮށްފައި އޮންނަ ޓެކްސީ ކިޔޫއިންނެވެ.

މާދަމާ ގެންނަ ބަދަލާއެކު ވެސް، ޓެކްސީ ނަގަން ޖެހޭނީ ހަމަ އެ ކިޔޫއަށް އަރައިގެންނެވެ.

ސިނަމާލެ ބުރިޖުން މާލެ އާއި އެއާޕޯޓާ ދޭތެރޭގެ ޓެކްސީ ދަތުރަކަށް މިހާރު 70 ރުފިޔާ ނަގާއިރު ހުޅުމާލެ އާއި އެއާޕޯޓާ ދޭތެރޭގެ ދަތުރަކަށް 80 ރުފިޔާ ނަގައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވައްސާއި އެއާޕޯޓާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް 85 ރުފިޔާ ނަގައެވެ.