10 Dec 2023, 08:49
ދޮރުގައި ޓަކި ޖަހާލާފައި ރާދިން އެތެރެއަށް ވަނެވެ. ކޮންޕިއުޓަރަށް ނަޒަރު ހުއްޓާލައިގެން އިން ސްޓެފަން އިސް އުފުލާލިއެވެ. މީގެ ކުރިން ސްޓެފަންއަށް ރާދިން ފެނިފައިވަނީ މައާލް ބާއްވައިގެން އުޅުނުއިރުއެވެ. ނަން ނޭނގުނު ނަމަވެސް، އޭނާއަށް ރާދިންގެ ސޫރަ ވަކިކުރަން އެނގެއެވެ. ސްޓެފަންގެ މޫނުމަތީގެ ކުލަވަރުތަކަށް ސަމާލުވެގެން ހުރި ރާދިންއަށް އެ މޫނުމަތިން ނުތަނަވަސްކަން ފެނިލިއެވެ.
އެ ކުލަވަރުތަކުން ކޮންމެވެސް ގޯހެއް އުޅޭކަމުގައި ރާދިންގެ ހަވަނަ ހިއްސުން އޭނާއަށް ޔަޤީންކަން ދިނެވެ. ނަތީޖާއެއްގެ ގޮތުން ރާދިންގެ ނަފްސަށް ރުޅިވެރިކަމުގެ އަސަރުތައް ފޯރަން ފެށިއެވެ. އެހެންނަމަވެސް، އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން އޭނާ ގޮސް މައާލްގެ ރިޕޯޓްތައް ސްޓެފަންގެ މޭޒު މައްޗަށް ޖެހުމާއެކު، އިނގިރޭސިން ވާހަކަ ދެއްކިއެވެ.
"މީގައި ހުރި އެއްޗެއް އަހަންނަށް އޮޅުން ފިލުވާލަދީފާނަންތަ؟" ސްޓެފަންއަށް ރިޕޯޓްތަކާ ދިމާލަށް ބަލައިލެވުނެވެ. އެއަށްފަހު އަނެއްކާވެސް އޭނާ ރާދިންއަށް ބަލާލިއެވެ. އޭނާއަށް ރާދިން އެނގެއެވެ. އެއީ މައާލް ހޮސްޕިޓަލުގައި އޮތް އިރު އުޅުނު މައާލްގެ ބޭބެ ދަރިފުޅެވެ. ސްޓެފަން ހާސްވިކަން ރަމްޒުކޮށްދެމުން ދިޔައީ އެ ފިނި ކޮޓަރިތެރެއިންވެސް އޭނާގެ ނިތުން ހިއްލާލި ދާތިކިތަކާއި އުދާސްކަމާއި، ނުތަނަވަސްކަމާއެކު އެކު ލީ ފުން ނޭވާއިންނެވެ. ސްޓެފަންއަށް އަންނަމުން ދިޔަ ބަދަލުތަކުން، މައާލްގެ ރިޕޯޓްތައް އޮޅުވާލުމުގައި، އޭނާގެ އަތެއް ވާކަން ރާދިންއަށް ޔަޤީންކުރެވުނެވެ.
'މީ ކޮން. ކޯންޗެއް؟" ސްޓެފަން ހަމަޖެހެން މަސައްކަތްކުރިއެވެ.
"ތީ ޑޮކްޓަރަކީ. އަހަންނަށް ވުރެ މޮޅަށް ކިޔަވައިގެން ހުރި މީހަކީ ތީ. އެހެންވީމަ ކަލޭ ބުނެދީބަލަ. މީގައި މިވާ އެއްޗެއް ނިކަން ސާފުކޮށް އަހަންނަށް ކިޔައިދީބަލަ." ރިޕޯތްތައް ސްޓްފަންއާ ކައިރިކޮށްލާފައި ރާދިން ބުންޏެވެ.
"އެއްފަހަރު ރާދިންއަށް، އަނެއްފަހަރު ރިޕޯޓްތަކަށް ބަލަހައްޓައިގެން އިނދެފައި ސްޓެފަން މަޑުމަޑުން އެ ރިޕޯޓްތައް ނަގާ ބަލާލިއެވެ. އެއާއެކު އޭނާއަށް ހާސްކަން ވެރިވި ނޭވާ އަވަސްވާ ގޮތްވިއެވެ. ސްޓެފަންއަށް ބަލަން ހުރި ރާދިންއަށް ހުރިހާކަމެއް އެނގުނު ފަދައެވެ. އޭނާ ނުރުހުންތެރިކަމާއެކު ވާހަކަ ދެއްކިއެވެ.
"އަހަންނަށް ބުނެލަދީބަލަ، މިފަދަ ހޮސްޕިޓަލަކުން، ތިފަދަ މޮޅު ޑޮކްޓަރެއްގެ އަތުން މިފަދަ ގޯހެއް ހެދެން ޖެހުނު ސަބަބެއް؟ މީ ގަސްތުގަ ވީކަމެއްތޯ ނުވަތަ ނޭނގި މީކަމެއްތޯ އަހަރެން އެނގެން ބޭނުން." ރާދިން ފުރުސަތުގެ ބޭނުން ހިފިއެވެ. މިވަގުތު ސްޓެފަން އެ ހުރި ޙާލަތު އޭނާއަށް ކަމުދިޔައެވެ. ސްޓެފަންގެ އެ ހާސްކަމާއި ބަކިކަށިކަމުގެ ފައިދާ ނަގަން ރާދިން ހުރީ ނިންމައިގެންނެވެ. ރާދިންގެ އެ ވާހަކައާއެކު ސްޓެފަން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.
"މީ… އޮޅުމެއް…. ހޮސްޕިޓަލުން…" ޖުމްލަތައް އަތުރާލަން އުނދަގޫވި ސްޓެފަންގެ ދުލުގައި ބަރު އެއްޗެއް އެލުވާލާފައި ވާފަދައެވެ. ރާދިންގެ މޫނުމަތިން ފެންނަ ނުރުހުންތެރިކަމާއި، އެ ދެ ލޮލުގައި ވީ ރުޅިވެރިކަމުގެ ސަބަބުން، އޭނާ ހުރީ ހަމަ ރަނގަޅަށްވެސް ޖެހިލުންވެފައެވެ. ދެކޮޅު ހެދި ނަމަވެސް، ރިޕޯތްތައް ހިފައިގެން ކޯޓަށް ގޮސްފިނަމަ އެމީހުންގެ މައްޗަށް ދައުވާ ކުރެވޭނެކަން ސްޓެފަންއަށް އެނގެއެވެ.
"ކަންތައް ހިނގި ގޮތް އެންމެ ރަނގަޅަށް ކިޔައިދނުމަކީ މީގަ ސްރެފަންއަށް އެންމެ ރަނގަޅު ގޮތް. މި ހިފައިގެން އަހަރެން ކޯޓަށް ގޮސްފިނަމަ ސްޓެފަންގެ އަގުވެސް ވެއްޓޭނެ. މުޅި ޕްރޮފެޝަނަލް ލައިފް ހަލާކުވާނެ. އެގޮތަށް ވާން ބޭނުމިއްޔާ އަހަންނަށް އޯކޭ." ރާދިން ބުންޏެވެ. ހަރުކަށިކަން އެ އަޑުގައިވިއިރު، ރުޅިވެރިކަން ކޮންޓްރޯލް ކުރަން ރާދިންއަށް ވަނީ އުނދަގޫވެފައެވެ. ކެތްކުރެވޭނެ އެންމެ މައްޗަކަށް ކެތްކުރަމުން ރާދިން ދިޔައީ ސްޓެފަންގެ އަނގައިން އެ ހުރިހާ އެއްޗެއް ހާމަކުރަންދެނެވެ. މުށްކަވާލެވިފައިވާ އަތް ޖީބަށް ޖަހާލައިގެން ހުރިއިރު، އޭނާ ހީވަނީ ގަދަކަމުން އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވަން މަސައްކަތް ކުރާހެންނެވެ.
"މިކަމުގެ ފަހަތުގަ ހުރީ ކާކުކަން ބުނުން ސެޓަފަންއަށް އޮތް އެންމެ ރަނގަޅު ގޮތަކީ. މި ރިޕޯޓްތަކުގައި އެބަ އޮތް ސްޓެފަންގެ ސޮއިވެސް. އަހަރެން މިއެއްޗެހި ލީކްކޮށްލިޔަސް، ހިފައިގެން ޝަރީއަތަކަށް ދިޔަޔަސް ފަޟީހަތްވާނީ ސްޓެފަން. ބަލިމީހުންގެ ކުރިމަތީގައި ފަޟީހްތްވެ އިތުބާރު ގެއްލޭނީވެސް ސްޓެފަންގެ. މީހުންގެ ތެރޭގައި މަޤްބޫލު ޑޮކްޓަރަކަށް ވުމަށް ސްޓެފަން ކުރި ހުރިހާ މަސައްކަތެއްވެސް ފެނަށް ވެގެން ދާނެ. ސްޓެފަންގެ ދިރިއުޅުން ހަލާކުކޮށްލުމަށްފަހު، އެމީހާ އުޅޭނީ ވަރަށް އުފަލުން، އޭނާއަށް މަދުވާ އެއްޗެއް ނޯންނާނެ. އެގޮތަށް ވާންތަ ބޭނުންވަނީ؟" ރާދިން މަސައްކަތްކުރީ އަތް އިސްނުކޮށް ސްޓެފަންގެ އަނގައިން ހުރިހާ ހަޤީގަތެއް ހާމަކުރެވޭތޯއެވެ. އޭނާގެ ވާހަކަތަކުން ސްޓެފަންގެ މޫނުމަތިން އޭނާ އެކަމާ ވިސްނަމުންދިޔަ އަސަރުތައް ފެނިލިއެވެ. ރާދިންއަށް އޭނާ ބޭނުންވާ ޖަވާބު ލިބޭނެހެން ހީވި ވަގުތު ކޮޅު ސްޓެފަން ތެދުވެލާފައި ދެބުމަ ގާތްކޮށްލާފައި ވާހަކަ ދެއްކިއެވެ.
"އަހަރެން ތިކަހަލަ ކަމެއް ނުކުރަން." ސްޓެފަން ރާދިންއަށް ބަލާލިއެވެ. ސްޓެފަން އަދިވެސް މަސައްކަތްކުރީ އޮޅުވާލަން ނަމަވެސް، އޭނާގެ އެއްވެސް ވާހަކައެއް ރާދިން ގަބޫލުނުކުރާކަން އޭނާއަށް އެނގެއެވެ. މުޅި އުމުރު ދުވަހުގެ މަސައްކަތް ބޭކާރުވެގެން ދާކަށް ސެޓެފަން ބޭނުމެއް ނޫނެވެ. ރާދިންއަށް ހަޤީގަތް ކިޔައިދިނުމުން، ވެސް ދެރަ ލިބޭނީ އޭނާއަށެވެ. ލައިސެންސް ހިފައްޓާ ފަޟީހަތް ވާނީވެސް އޭނާއެވެ. ރާދިން އެ މައްސަލައިގައި ކޯޓަށް ނުދާނެ އެއްގޮތެއްވެސް ނޯންނާނެއެވެ. ހަޤީގަތް ކިޔައި ނުދީފިނަމަވެސް، ރާދިންއަށް ކޯޓުގައި އެއީ ދޮގު ރިޕޯޓްތަކެއް ކަން ސާބިތުކޮށްދެވޭނެވަރަށް ހެކި އެބަހުއްޓެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ހަތަރު އުދަރެސް ފެނުނު ޖެހުނު އިޙްސާސްއާއެކު، ސްޓެފަން ބިރުގަތެވެ. އެއްގޮތަކުންވެސް އޭނާއަށް ސަލާމަތެއް ނެތްކަން ޔަޤީންވިއެވެ.
"އެއްޗެއް ނުބުނާނީތަ؟" ހިމޭންކަމުގައި ސްޓެފަން ހުންނަން ފެށުމުން ރާދިން ހަޅޭއްލަވައިގަތެވެ.
"އަހަރެން… އަހަރެން ނުކުރަން ތިކަމެއް…" ސްޓެފަން ހަމަ ރަނގަޅަށްވެސް ހާސްވެއްޖެއެވެ. މެޑިކަލް ޕޮރޕފެޝަންއަކީ އޭނާގެ މުޅި ދިރިއުޅުމެވެ. އެކަން އަތުން ބީވެގެން ދާނަމަ އޭނާ ދިރިހުރުމުގެ ބޭނުމެއް ވެސް ނެތެވެ. އެހާ ވަރަށް އޭނާ ހާސްވަނީ އެހެންވެގެންނެވެ.
"އަދިވެސް ދޮގު ހަދަނީތަ؟ އެއީ ކާކުކަން ނުބުނާނަމަ މިހުރިހާ އެއްޗަކާ އެކީ އަހަރެން ދާނީ ކޯޓަށް." ޖަޒުބާތުތައް ކޮންޓްރޯލް ނުކުރެވުނު މީހެއްފަދައިން ރާދިން އެ ދިމާލަށް ދިޔަގޮތުން ސްޓެފަންއަށް ފަހަތަށް ވެސް ޖެހިލެވުނެވެ. ރާދިން ގޮސް ސްޓެފަންގެ މޫނުމައްޗަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލާލިއެވެ. އެއާއެކު ސްޓެފަންގެ ތުންފަތްމަތި ފަޅައިގެން ގޮސް ލޭތައް އޮހެން ފެށިއެވެ. ސްޓެފަން އޭނާގެ ނޭފަތުގައި އިނގިލި ޖައްސާލާފާއި ދުރުކޮށްލާފައި އެއަތަށް ބަލާލިއެވެ. އެއަށްފަހު އޭނާ ރާދިންއަށް ބަލާލިއެވެ. ރާދިން ދެވަނަ ފަހަރު ޖަހަން އަތް މަޅާލުމާއެކު، ސްޓެފަން ވާހަކަ ދެއްކިއެވެ.
"އަހަރެން ބުނެފާނަން، އެއީ ކާކުކަން، އަހަރެން ކުރި ކަމެއް ނޫން. އަހަރެން ބުނާނަން." އޭނާ އެހެން ބުނުމުން ރާދިން ސްޓެފަންގެ ގިރުވާނުން އަތް ދޫކޮށްލިއެވެ. އެއަށްފަހު، އޭނާ ފަހަތަށް ފިޔަވަޅެއް އަލާލިއެވެ. ސްތެފަން އޭނާ ލައިގެން ހުރި ކޯޓާ ގަމީސް ރަނގަޅުކޮށްލަމުން އެތަނުން ޓިޝޫއެއް ނަގާ ތުންފަތުގައި ޖައްސާލިއެވެ. އިރުކޮޅެއް ފާއިތުވެ ދިޔަފަހުން ރާދިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"އަނގަ ހުޅުވަން އަދިވެސް ތައްޔާރެއް ނޫންތަ؟" ރާދިންގެ އަޑުގައި ރުޅިވެރިކަން ނޫނީ ނެތެވެ.
"ނޫން. ނޫން… އެއީ… އަހަންނަކަށް ނޭނގެ ނަމެއް…" ސްޓެފަން ބުނެލިއެވެ.
"ނަން ނޭނގުނަސް ކާކުކަން އެނގޭނެ. ޖަލަށް ދާން ބޭނުން ނޫނިއްޔާ ހަމަ މިހާރު ބުނޭ!" ސްޓެފަންއަށް އޭނާގެ އަތުން އިތުރު އަނިޔާއެއް ނުދީ ވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ރާދިން ކުރަމުން ދިޔައެވެ.
ރާދިންގެ ރުޅިވެރިކަމާއި އިންޒާރުތަކުގެ ސަބަބުން ގޮތް ދޫކުރުން ސްޓެފަންއަށް މަޖުބޫރުވަމުން ދިޔައެވެ. އެންމެފަހުން ގޮތް ހުސްވުމާއެކު، ސްޓެފަން ހަޤީގަތް ހާމަކުރަން ފެށިއެވެ.
"އަހަންނަކަށް ނޭނގެ އޭނާގެ ނަމެއް. އެއީ އެ އަންހެން ކުއްޖާގެ ބޮޑުބޭބެއެއް. އޭނަ އަހަރެން ކައިރީގައި ބުނީމަ އަހަރެން އެކަން ކުރީ… އަހަރެން…" ސްޓެފަންއަށް ބުނެވުނީ އެހާ ވަރަށެވެ. ރާދިން އޭނާގެ ވާހަކަ މެދު ކަނޑާލާ ވާހަކަ ދައްކަން ފެށިއެވެ.
"ޑޮކްޓަރަކަށް ވެ ހުރެ އެހެން މީހުންގެ ދިރިއުޅުމާ ތިފަދަ ގޮތަކަށް ކުޅޭކަށް ލަދެއް ނުގަނޭތަ؟ މީހަކު ބުނާ އިރަށް އެ ބުނާ ގޮތަކަށް ރިޕޯޓްތައް ތައްޔާރުކުރަން ތިބޭ ބައެއްތަ ތީ. އޭތް؟" ރާދިންއަށް އެއީ ފުއާދުކަން ޔަޤީންވެ އިތުރަށް ރުޅި އަންނަ ގޮތްވިއެވެ. ފުއާދު އެފަދަ ގޮތަކަށް މައާލްގެ ދިރިއުޅުމާ އެ ކުޅުނީ މުދާތައް ބޭނުންވެެގެން ހެއްޔެވެ؟ އެފަދަ ބޮޑު ދެރައެއް ނިކަމެތި އަންހެން ކުއްޖަކަށް ދޭން ވާނެހެއްޔެވެ؟ ފުއާދު އެފަދަ ގޮތަކަށް ކަންތައްކުރިއިރު، އެއްވެސް ވަރަކަށް ޖެހިލުން ނުވަނީހެއްޔެވެ؟ މުދަލާ ފައިސާއަަށް ދަހިވެތިވުމަކީ އިންސާނާގެ ކިބައިން ރިވެތި އެތަކެއް ސިފަތަކެއް ނިގުޅައިގަންނަ ކަމެކެވެ. ދަހިވެތިކަމަކީ އިންސާނާގެ ހަމަބުއްދިއާ ކުޅެލާ ކަހަލަ ކަމެކެވެ. އަނެކާއަށް ކިތަންމެ ބޮޑު ގެއްލުމެއް ދިނުމަކީ ވެސް އެފަދަ މީހުންނަށް ބޮޑު ކަމެއް ނޫނެވެ. ދީނުގައި ހަސަދައާ ނަފްރަތާއި، ރުޅިވެރިކަމުން ދުރުވުމަށް އިންސާނާއަށް ބާރު އަޅުއްވާފައިވަނީ ވަރަށް މާތް ޙިކުމަތަކަށް ޓަކައެވެ. ހަސަދައިގެ ހުޅު ހިތުތެރޭގައި އަނދާހާ ހިނދަކު އަނެކާގެ މައްޗަށް އެ ހިތް ސާފުކުރުމަކީ އުނދަގޫކަމެކެވެ.
"އަހަރެން…" ސްޓެފަން އަނެއްކާވެސް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެފަދަ ކަމެއް ސްޓެފަން ކުރާނީ ކުޑަ އަގަކަށް ނޫންކަން ރާދިންއަށް ޔަޤީންވުމާއެކު، އޭނާ ސްޓެފަންގެ ވާހަކަ ހުއްޓުވާ ވާހަކަ ދެއްކިއެވެ.
"ކިހާވަރަކަށް…. ކިވާރަރެއް އޭނަ ދިނީ؟" ރާދިން ސުވާލުކޮށްލިއެވެ.
"ކިހާވަރެއްހޭ އޭނަ ދިނީ؟" ސްޓެފަން އެއްޗެއް ނުބުނުމުން، ރާދިން ހަޅޭއްލަވައިގަތެވެ.
"ފަސްލައްކަ ޑޮލަރު…" ސްޓެފަން ބުނެލިއެވެ. ހުރިހާ ހަޤީގަތެއް ސްޓެފަންގެ ކައިރިން ހޯދާފައި ރާދިން ދިޔައީ ސްޓެފަންއަށް ވަރުގަދަ އިންޒާރެއް ދީފައެވެ. މައާލްގެ ދިރިއުޅުމާ އެފަދަ ގޮތަކަށް ކުޅުމަކީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހިތުގައި މައާލްއާ މެދު ފުން ލޯބިވާއިރު، އެހެން މީހެއްގެ ފަރާތުން މައާލްއަށް ކުޑަނަމަވެސް، ގެއްލުމެއް ލިބުމަކީ އޭނާގެ ހިތަށްވެސް ތަދުވާނެ ކަމެކެވެ. ލޯތްބަކީ ފާޑެއްގެ އިޙްސާސްއެކޭ މީހުން ބުނަނީ އެހެންވެއެވެ. ތެދުވެރި ލޯބިވާ މީހެއްގެ ލޮލުން ވެއްޓޭ އެންމެ ކަރުނަ ތިއްކަކީ އަނެކާގެ ހިތަށް ޒަޚަމްދޭ ހަތިޔާރަކަށް ވެދެއެވެ.
"އައި އެމް ސޮރީ މާލް…" ކާރަށް އަރާ އިށީނުމާއެކު، ސީޓުގައި ލެނގިލާފައި ފުންނޭވާއެއް ދޫކޮށްލާފައި ރާދިންއަށް ބުނެވުނެވެ. އެނގިގެން އެ ދިޔަ ހަޤީޤަތް އޭނާ މުނީރަށް ކިޔައިދޭން ބޭނުމެވެ. އެކަން އެނގުމުން ބައްޕަވެސް މަޑުން ނުހުންނާނެކަން އޭނާއަށް އެނގެއެވެ. އެ ދިޔަ ގޮތަށް ރާދިން ދިޔައީ ހޮސްޕިޓަލަށެވެ. އޭނާ ދިޔައިރު މުނީރު ގެއަށް ދާންވެެގެން މައާލްގެ ކޮޓަރިން ނުކުންނަނީއެވެ.
"ރާދިންއަށް ގުޅަންވެގެން އަދި މިއުޅުނީ. ބައްޕަ މިދަނީ ގެއަށް ގޮސްލަން. މައާލްގެ ކައިރީގައި އެމާ އެބަހުރި." މުނީރު ބުންޏެވެ.
"މައާލް ނިދާފަތަ؟" ރާދިންއަށް ސުވާލުކޮށްލެވުނެވެ.
"ނޫން ނިދާފައެއް ނޫން. އެކަމަކު ކުޑަކޮށް ވަރުބަލި ވާ ވާހަކަ ބުނީމަ ޕްރެޝަރާ އެއްޗެހި ބެލިއިރު، ދަށްކޮށް ހުރީ. އައިވީ އަކާ އެއްޗެހި ގުޅާފަ މިހާރު އޮތީ…" މުނީރު ބުނެލިއެވެ.
"ކަމެއް ގޯސްވީތަ އަނެއްކާ؟" ރާދިންއަށް އަވަސް އަވަހަށް ސުވާލުކޮށްލެވުނެވެ.
"ނޫނޭ. މައްސަލައެއް ނޫންކަމަށް ޑޮކްޓަރު ބުނީ. ދެން ގައިގަ ވަރުޖެހޭ ކަހަލަ ކާއެއްޗެހި ކާ ވަރަކަށް ރަނގަޅުވާނެކަމަށް ބުނީ." މުނީރު ބުނެލިއެވެ.
"އެހެންތަ… އަޅުގަނޑު މަޑުކޮށްލާނަން އެހެންވިއްޔާ ބޭރުގަ." މައާލް ދެކިލާހިތުން ބޭޤަރާރުވަމުން ދިޔަ ނަމަވެސް، އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރަމުން ރާދިން ބުންޏެވެ. ހަމަޖެހިގެން ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް، ސްޓެފަންގެ ވާހަކަތަކުން އޭނާ ހުރީ ހާސްވެފައިކަން އެމޫނުމަތިން ރަނގަޅަށް ދޭހަވެއެވެ. ފުންނޭވާއެއް ދޫކޮށްލާފައި ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލާފައި ރާދިން ސޯފާތަކާ ދިމާލަށް ހިނގައިގަތީ އެ ވަގުތު މުނީރުގެ ކައިރީގައި ހުރިހާ ވާހަކައެއް ދައްކައިގެން އިތުރަށް ހާސްކުރުވަން ބޭނުން ނުވީތީއެވެ. ރަނގަޅު ވަގުތެއް ހޯދާލައިގެން އެ ވާހަކަތައް ކިޔައިދޭން އޭނާ ހުރީ ނިންމައިގެންނެވެ.
"ދަރިފުޅާ…" މުނީރު ރާދިންއަށް ގޮވާލީ ރާދިންގެ ހާސްކަން ފަހުމްވުމުންނެވެ. ދަރިފުޅުގެ މޫނުމަތިން ފެންނަ މާޔޫސްކަމުން އޭނާގެ ކައިރީގައި ކޮންމެވެސް ބޮޑު ވާހަކައެއް ދައްކަން ބޭނުންވެގެން އުޅޭހެން އޭނާއަށް ހީވަނީއެވެ.
ރާދިން ފަސް އެނބުރި ބަލާލުމާއެކު މުނީރު ރާދިންއާ ދިމާލަށް ހިނގައިގަތެވެ.
"ދަރިފުޅު ބައްޕަ ކައިރީގައި ވާހަކައެއް ބުނަން ބޭނުންވެއްޖެނަމަ ބުނެވޭނެ. ކޮންމެ ވާހަކައަކަށް ވިޔަސް ބައްޕަ އަޑު އަހާނަން." މުނީރު ޔަޤީންކަން ދިނެވެ. އެ ދަރިފުޅުގެ އެކަނިވެރިކަން އޭނާއަށް އުނދަގޫކުރަނީއެވެ. ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ބޭނުންވާނެކަން މުނީރަށް ވެސް އެނގެއެވެ. ކުރެވުނު ކުށުގެ ސަބަބުން ރާދިން ވަނީ ދެރަވެ ލަދުގަނެފައެވެ.
"ބައްޕާ…" ރާދިން ގޮވާލުމާއެކު މުނީރު ބޯ ޖަހާލިއެވެ.
"ހިނގާ އިށީނދެލަން." ރާދިންގެ ކޮނޑުގައި އަތް ޖައްސާލާފައި މުނީރު ބުނެލިއެވެ. ވަރުބަލިވެފައި ހުރިނަމަވެސް، ރާދިންގެ ވާހަކައަޑު އަހަން މުނީރު ބޭނުންވެފައި ހުރި ވަރު އެ މޫނުމަތިން ހާމަވަމުން ދިޔައެވެ.
"ދެން ކިޔާބަލަ…" އިށީނދެފައި، ރާދިންއަށް ސަމާލުކަން ހުއްޓާލަމުން މުނީރު ބުންޏެވެ. ރާދިން ފެށިގެން ނިމެންދެން ހުރިހާ ވާހަކައެއް ކިޔައިދެމުން ދިޔައިރު މުނީރުގެ މޫނުމަތިން ހައިރާންކަމާ އެއްވަރަށް ރުޅިވެރިކަން ވެސް ފެނިގެން ދިޔައެވެ.
"ކޮންފަދަ ނުބައި މީހެއް އެއީ…." މުނީރަށް ބުނެވުނެވެ.
"މައާލްގެ ހުރިހާ ރިޕޯޓަކީވެސް ހުސް ފޭކް…" ރާދިން އަނެއްކާވެސް ބުނެލިއެވެ. އެއާއެކު ކުރީގެ ހަނދާނެއް މުނީރުގެ ސިކުނޑީގައި ޓަކި ޖަހާލިއެވެ. އޭނާ ސްޓެފަންއާ ބައްދަލުކުރަން ދިޔަ ދުވަހު، ފުއާދު އެކޮޓަރިން ނުކުމެ އޭނާގެ އަތުގައި އޮތް ދަބަހަށް ފައިލެއް ލިޔެވެ. މިއަދު ވިސްނާލުމުން އެއީ މައާލްގެ އަސްލު ރިޕޯޓްތައްކަން ވެސް އޭނާއަށް ޔަޤީން ވެއްޖެއެވެ.
"ޕޮލިހަށް މައްސަލަ ލާންވީ. ސްޓެފަންގެ ލައިސެންސް ވެސް ކެންސަލް ކުރުވަންވީ. އެ ފުއާދުގެ ދަހިވެތިކަން ދުވަހަކުވެސް ބަދަލެއް ނުވާނެ. ބްލެކްމައިލް ކޮށްގެން ލާރި ހޯދަމުން ކޮށްލި ނުބައިކަންތައް ބާލަބަލަ. މާޒީގައިވެސް މުދަލާ ހެދި އެހާ ދަހިވެތިވި މީހެއް އޭނާއަކީ. ހިތް ސާފުނުކުރެވޭ ނަމަ ހަސަދައިގެ ހުޅު ދާނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންކަން ފުއާދު އެ ސާބިތުކޮށްދިނީ." މުނީރަށް ބުނެވުނެވެ. މުނީރު މާޒީގެ ވާހަކަ ބުނުމުން އެކަމާ ބެހޭގޮތުން ރާދިން ސުވާލުކޮށްލި ވަގުތު މުނީރަށް ފޯނެއް އައެވެ.
"ބައްޕަ ކުޑަ ކަމަކު ގޮސްލަން ޖެހިއްޖެ. އެއީ ވަރަށް ދިގުވާހަކައެއް. ހަމަޖެހިލައިގެން ބައްޕަ ރާދިންއަށް ހުރިހާ ވާހަކައެއް ވެސް ކިޔައިދޭނަން އިނގޭ." ތެދުވެލަމުން މުނީރު ބުނެލުމާއެކު، ރާދިން ބޯ ޖަހާލިއެވެ.
މުނީރު ދިޔުމުންވެސް ހުރިހާކަމަކާ ވިސްނަން ރާދިން އެތަކެއް އިރަކު އިނެވެ. އެހެން އިނދެފައި އޭނާ މާހިލްއަށް ގުޅާލިއެވެ. އެއަށްފަހު ފުއާދު ދިޔަތަނެއް ހޯދުމަށް ބުންޏެވެ.
***
އެރޭ މާހިލް ގުޅާފައި ފުއާދު ދިޔަތަން ބުނެލުމާއެކު ރާދިންގެ ދެ ބުމަ ގޮށް ޖެހުނެވެ.
"އޭނަ ހުރީ ލަންޑަނުގަ؟" ރާދިންއަށް ޔަޤީންކޮށްލުމުގެ ގޮތުން ސުވާލުކޮށްލެވުނެވެ.
"އާ. އަހަންނަށް ހަމަ ޔަޤީން." މާހިލް ޔަޤީންކަމާއެކު ބުނެލިއެވެ.
"އޯކޭ… ތޭންސް ބަޑީ…" އެހެން ބުނެލާފައި ރާދިން ފޯނު ބޭއްވިއެވެ. އެހެން އިންދާ ނަރުސް ކުއްޖަކު މައާލް އޮތް ކޮޓަރިއަށް ވަދެފައި ނުކުތުމުން ރާދިން ސާފާއިން ތެދުވެގެން ބާރު ބާރަށް ގޮސް އެ އަންހެން ކުއްޖާއަށް ގޮވާލިއެވެ.
"އެކްސް ކިއުޒް… އިޒް ޝީ އޯކޭ؟" ރާދިން ސުވާލުކޮށްލުމާއެކު، މައާލްގެ އައިވީ ހުސްވީ ކަމަށާއި މިހާރު ހުރިހާކަމެއްވެސް ރަނގަޅުކަމުގައި ނަރުސް ކުއްޖާ ބުނެލިއެވެ. އެ ހުރިހާ ވާހަކައެއް ދައްކާފައި އެނބުރިލީ ވަގުތު ކުރިން ވެސް އެ މީހުންނާ ދިމާލަށް ބަލަން ހުރި މީހާ ހަމަ އެ ގޮތަށް ބަލަން ހުއްޓާ ރާދިންގެ ލޮލުގައި އަޅައިގަތެވެ. ރާދިން ބަލަން ފެށުމުން އެމީހާ ހާސްވިކަން އޭނާއަށް ރަނގަޅަށް އެނގުނެވެ. އެވަރަކަށް އެމީހަކު ބަލަން ޖެހޭ ސަބަބެއް ރާދިންއަކަށް ނުވިސްނުނެވެ. ނަރުސް ކުއްޖާ ފޮނުވާލާފައި ރާދިން އެމީހަކާ ދިމާލަށް ހިނގައިގަތުމާއެކު އެމީހާ ފަސް އެނބުރި ހިނގައިގަތެވެ.
"އެކްސް ކިއުޒް މީ…" ރާދިން ބާރަށް ގޮވާލުމާއެކު ފަހަތް ބަލާލާފައި އެމީހަކު ފިޔަވަޅުތައް އަވަސްކޮށްލިއެވެ.
(ނުނިމޭ)