އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ގްރޭން ސްލޭމް ފުރަތަމަ މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންއިން އަނިޔާގެ ސަބަބުން ނިކް ކިރްގިއޯސް ނުފެންނާނެކަން އޭނާ ހާމަކޮށްފިއެވެ.

އޮސްޓްރޭލިއާގެ އުމުރުން 28 އަހަރުގެ ކިރްގިއޯސް ވަނީ އަނިޔާގެ ސަބަބުން މި އަހަރު ބޭއްވި ގްރޭން ސްލޭމްގެ ހަތަރު މުބާރަތުގައި ވެސް ނުކުޅެވިފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ އަތުގެ ކުޑަ ހުޅާއި ކަކޫ އަދި ފައިތިލަޔަށް ލިބިފައިވާ އަނިޔާތަކަކާއި ގުޅިގެން ފަރުވާ ހޯދަމުންނެވެ. ގިނަ ބަޔަކު އުންމީދު ކޮށްގެންތިބީ އޮސްޓްރޭލިއާގައި ބާއްވާ މި މުބާރާތުން ގައުމަށް ނިސްބަތްވާ އަދި އެންމެ ފާހަގަކޮށްލެވޭ އެއް ޓެނިސް ކުޅުންތެރިޔާ ފެންނާނެކަމަށެވެ.

ނަމަވެސް އޮސްޓްރޭލިއަން އޯޕަން އިންތިޒާމް ކުރާ ފަރާތްތަކުން އަންނަ އަހަރުގެ މި މުބާރާތުގެ ނަން ލިސްޓު އާންމު ކުރިއިރު އޭނާގެ ނަން ނެތުމާއެކު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދުނެވެ.

ކިރްގިއޯސް މި ސީޒަންގައި ކުޅުނީ އޭޓީޕީ ޓުއާގެ އެންމެ މެޗެއްގައެވެ. އެއީ ޖޫން މަހު ޝްޓުޓްގާޓްގައި ބޭއްވި މުބާރާތުގައި ޗައިނާގެ ވޫ ޔީބިން އާ ބައްދަލުކުރި މެޗެވެ. ނަމަވެސް އެ މެޗުން އޭނާ ވަނީ ބަލިވެފައެވެ.

ކިރްގިއޯސް ހާމަކުރި ގޮތުގައި އޭނާ ބޭނުންވަނީ އެއްކޮށް ރަނގަޅުވެގެން ކުޅުމުގެ ތެރެއަށް އަންނާށެވެ. ނަމަވެސް އަދި އެކަމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް އޭނާ ބުނެއެވެ.

އޭނާ މި ފަހަރުގެ މުބަރާތުގައި ނުކުޅުނު ނަމަވެސް ބައެއް މެޗުތަކުގައި ކޮމެންޓޭޓް ކުރުމުގައި ބައިވެރިވާނެކަމަށްވެއެވެ.