23 May 2012, 13:02
ސާކް ގައުމުތަކުގެ އައްސޭރިފަށާ ގުޅިފައިވާ ސަރަހައްދު ބަލަހައްޓަން އުފައްދަވާފައިވާ، ސާކް ކޯސްޓަލް ޒޯން މެނޭޖްމަންޓް ސެންޓަރަށް އިންޑިޔާ އިން 31526.28 އެމެރިކާ ޑޮލަރުގެ ކޮންޓްރިބިއުޝަނެއް ދީފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ ރާއްޖޭގައި ގާއިމު ކޮށްފައިވާ ސާކް ކޯސްޓަލް ޒޯން މެނޭޖްމަންޓް ސެންޓަރަށް އިންޑިޔާއިން ދޭ ފައިސާގެ އެހީ އެނާޖީ މިނިސްޓަރުކަމާ އަލަށް ހަވާލުވެވަޑައިގެންނެވި މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ، (ފޮޓޯގައި) އެ ހައި ކޮމިޝަނަށް ޒިޔާރާތް ކުރެއްވުމުން ހަވާލުކޮށްފައިވާ ކަމަށެވެ. ފައިސާގެ އެހީގެ ޗެކް މިނިސްޓަރާ ހަވާލު ކުރެއްވީ އިންޑިޔާ ހައިކޮމިޝަނަރު މުލޭ އެވެ.
އެހީއާ ހަވާލުވެ ވަޑައިގަތުމަށްފަހު މިނިސްޓަރު ވިދާޅުވީ ސެންޓަރުގެ ތަރައްގީއަށާއި ހިންގުމަށް އިންޑިއާއިން ވެދޭ އެހީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އިންޑިއާގެ ހައި ކޮމިޝަނުން ބުނީ ސާކު ކޯސްޓަލް ޒޯންގެ ތަރައްގީއަށްޓަކައި ބޮޑެތި އެހީތައް އިންޑިޔާއިން ދޭ ކަމަށާއި ވޭތުވެދިޔަ ތަނުގައި މިލިއަނަކަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ އެހީ ދީފައިވާނެ ކަމަށެވެ.
ސާކް ކޯސްޓަލް ޒޯން މެނޭޖްމަންޓް ސެންޓަރަކީ ސާކް ސަރަހައްދުގެ އައްސޭރިފައް ހިންގާ ބެލެހެއްޓުމައް، ސާކްގެ ދަށުން ހިންގާ މައި އިދާރާއެެވެ. އެ ސެންޓަރުން ދިރާސާ ކުރުމާއި މީހުން ތަމްރީން ކުރުމާއި އަދި ސާކު ސަރަހައްދުގައި ހޭލުންތެރިކަން އިތުރުކުރުން ހިމެނެ އެވެ. ކޯސްޓަލް ޒޯން ތަމްސީލު ކޮށްދެނީ އައްސޭރިފަށް އެކުލެވިގެންވާ ސާކްގެ ފަސް ޤައުމު ކަމުގައިވާ އިންޑިއާ އާއި ބަންގްލަދޭޝް އާއި ޕާކިސްތާނާއި ސްރީލަންކާ އަދި ރާއްޖެ އެވެ. ނޭޕާލާއި އަފްގާނިސްތާނާއި ބޫޓާން ސާކް ކޯސްޓަލް ޒޯންއިން އިސްތިސްނާވެ އެވެ.