އަސާސީ އެއްވެސް ބާވަތެއްގެ މުދަލެއް ރާއްޖެ އެތެރެ ކުރުމުގައި ހުރަހެއް ނެތްކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ އިންޑިއާއިން އެއްވެސް ގައުމަކަށް ފިޔާ ބޭރުކުރުން މަނާކޮށް އެކަން އިއުލާނުކޮށްފައި ވަނިކޮށެވެ.

ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ޤައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލުއައުމަކީ އެކި ދުވަސްވަރު ހިނގާކަންކަން ކަމަށެވެ. ނަމަވެސް، ރާއްޖެއާއެކު ވިޔަފާރިކުރާ އެކުވެރި ޤައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ސައީދު ވިދާޅުވީ، ކެމްޕެއިން ދުވަސްވަރުން ފެށިގެންގޮސް ރައީސް ކަމާ، ރަސްމީކޮށް ހަވާލުވުމަށް ފަހު ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ފުޑް ސެކިއުރިޓީ ގާއިމް ކުރުން ކަމަށެވެ. އަދި އެކަން ހައްލުކުރާނީ ދެމެހެއްޓެނިވި، ވަށާޖެހޭ ހައްލަކާ އެކުކަމަށް ސައީދު ވިދާޅުވިއެވެ.

"ރޮއިޓާސް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން މަނާކޮށް އަމުރެއް ނެރުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފިޔާ އެތެރެކުރާ ގައުމެވެ. އެހެންކަމުން އެ ގައުމުން ފިޔާ ބޭރުކުރުން ހުއްޓައިފިނަމަ ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.