ތަފާތު އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 374.9 މިލިއަން ރުފިޔާ ނުދައްކައި ހުރި ކަމަށް މީރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

މީރާގެ ހިސާބުތަކުން ދައްކާ ގޮތުން ޓޫރިޒަމާއި ދަނޑުވެރިކަން އަދި އެހެނިހެން ވެސް ދާއިރާތަކުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން އެންމެ ގިނަ ފައިސާ ނުދައްކައި ހުރީ ޓޫރިޒަމް ސެކްޓަރުންނެވެ. އެ ސެކްޓަރުން ބިމު ކުއްޔާއި ރިސޯޓް ކުލީގެ ގޮތުގައި އަދި ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ވަނީ 21.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 332 މިލިއަން ރުފިޔާ) އަށް އަރައިފަ އެވެ. އަދި ޓޫރިޒަމް ޓެކްސް އާއި އެ ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ އަށް 2.3 މިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހެ އެވެ.

އެ ފައިސާ ނުލިބިގެން މީރާ އިން އަންނަނީ 17 ފަރާތެއްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރަމުންނެވެ.

އެގްރިކަލްޗަރާއި މަސްވެރިކަމާ ގުޅޭ ދާއިރާ އިން 37.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވާ އިރު ފިނޭންސް މިނިސްޓްރީއާ ގުޅުން ހުރި ދާއިރާތަކުން ކޮށްފައި ހުރި ކޮންޓްރެކްޓްތަކުން ދައުލަތަށް 2.1 މިލިއަން ރުފިޔާ ލިބެން ޖެހެ އެވެ. އެ ހުރިހާ ދާއިރާއަކުން ދައުލަތަށް ނުދައްކާ ފައިސާގެ ޖުމްލަ 374.9 މިލިއަން ރުފިޔާކަމަށް ހިސާބުތަކުން ދައްކަ އެވެ. އެ ފައިސާ ނުދައްކައިގެން 12 ފަރާތަކެއްގެ މައްސަލަ މީރާ އިން ވަނީ ކޯޓަށް ވައްދައިފަ އެވެ.

އެ ފައިސާގެ ތެރެއިން ޑޮލަރުގެ ގޮތުގައި ދައުލަތަށް 21.6 މިލިއަން ޑޮލަރު (333.2 މިލިއަން ރުފިޔާ) ލިބެން ޖެހޭ އިރު، ރުފިޔާގެ ގޮތުގައި 41.7 މިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހެ އެވެ. ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 21 މިލިއަން ރުފިޔާ ވަނީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު މީރާ އަށް ލިބިފަ އެވެ. އަދި އޮޑިޓްތަކުން މީރާ އަށް 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.

ފައިސާ ނުދައްކާ 29 ފަރާތެއްގެ މައްޗަށް މީރާ އިން އަންނަނީ ސިވިލް ކޯޓުގައި ދައުވާ ކުރަމުންނެވެ. ޖީއެސްޓީ ނުދައްކައި އަދި ޖީއެސްޓީގެ ބަޔާން ހުށަނާޅައި 200 އަށް ވުރެ ގިނަ ވިޔަފާރިތަކުން އެބަ ހުއްޓެވެ.