"ހަޔާތަށް ބަދަލެއް ގެންނަން އަޒުމް ކަނޑައަޅައިފިއްޔާ އެންމެ ފުރަތަމަ ކަމަކަށް ހަދަންވާނީ ނަމާދަށް ބަންގިދިނުމާއެކު ނަމާދުކުރުމެވެ. ނަމާދު ގާއިމުކުރަން ފެށުމުން އުފާވެރިކަމާއި ހަމަޖެހުން ހިތަށް ލިބޭނެއެވެ. ދެވަނަކަމަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. ދުރުގައި ހުންނަނަމަ ހާލު ބަލަން ގުޅާށެވެ. ކައިރީގައިވާނަމަ އަޅައިލާ އެހީތެރިވާށެވެ. އަދި ދުނިޔޭގައި ނެތްނަމަ ދުޢާކޮށް ސަދަގާތްދޭށެވެ. އެއީ ސުވަރުގެއަށް ދާން އޮތް އެއް މަގެވެ."

***

އައްޒަހްރާގެ ހުވަފެނަކީ އުމްރާއަށް ދެވުމެވެ. ތަންކޮޅެއް ކުރިން ހައްޖު ދަތުރެއްވިޔަސް އެހަނދާންތައް ސިކުނޑީގައި ފަނޑުވެ އަލުން އެ މާތްބިމަށް ދެވުމުގެ އުއްމީދު އޭނަގެ ކެތްތެރިކަން ކޮޅުންލާވަރުކޮށްލައިފިއެވެ. ސަކީނާ ގާތު އުމްރާގްރޫޕެއް ހަދަން ޚިޔާލުކުރާ ކަމަށް ހިއްސާކުރަން އުޅެފައިވެސް ސަކީނާގެ ޚަސީލަތް ހުންނަގޮތް ހަދާންވެ ލަފުޒުތައް ދިރުވައިލިއެވެ. ސަކީނާއަށް ސިއްރު ހިފެހެއްޓުމަކީ ވެވޭނެކަމެއްނޫނެވެ. އެއީ ހުޅުވިފައިވާ ފޮތެކެވެ.

"ޒަހްރާދައްތާ. އަދި ހަނދާން ނެތުނީ....ސިއްރެއް އެބައޮތް...."ސަކީނާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ.

"ޔަގީން ޒަހްރާދައްތައަށް މި ޚަބަރު އިވުނީމަ އިނާމެއް ދޭނެ..."

"ބުނެބަލަ."

"ޒަވިއާރު އަންހެންކުއްޖަކާއި އެކީ ރެސްޓޯރެންޓުން ފެނުނު ވާހަކަ ޖަންނަތު ބުނި....."

"އޭނ؟ ތިއީ ތެދަކަށް ނުވާނެ..މަގޭ ފިރިހެންދަރިންނަށް ކަމުދާ އަންހެންކުއްޖެއް ފެނިއްޖެއްޔާ ހުރިހާ ވާހަކައެއް ހިއްސާކުރޭ...ޒަވިއާރުވެސް ބުނެފައި އޮތީ މަންމަ ދައްކާ ކުއްޖަކާއި އިންނާނަމޭ، އެވަރުގެ ޔަގީންކަމެއް ދީފައި އޮތްވާ ތަނަކުން އަންހެނަކު ފެންނައިރަށް ހިތާވާނެއޭ މަ ނުބުނާނަން. ޖަންނަތުއަށް ޒަވިއާރު ވައްތަރު މީހެއް ތިފެނުނީ....."

"ދައްތަ އުފަލެއްނުވޭތަ؟ ބައެއްފަހަރު މަންމަ އުފާކޮށްލަން ކުއްލިއަކަށް މިގެއަށް ގެންނަން ނިންމީ ކަމަށް ނުވާނެތަ؟"

ސަކީނާ ޕިއްޒާފޮތިން ބޮޑު ގަނޑެއް އަނގައިގާ ޖެހިގޮތަށް އަނގަ ފުރާލައިގެން އިނދެ ވާހަކަދެއްކިއެވެ.

"ދައްތަ ކުދިންގާތު ބުނެފައި އޮންނާނީ ކޮންމެފަދަ ކުއްޖަކަށްވިޔަސް މަންމަ ގަބޫލުވާނަމޭ ކަމެއް ކުރަންޏާ މަންމައަށް ދައްކާފައި މަންމަގެ ރުހުން ލިބިގެން ކުރިއަށް ގެންދާށޭ. ޒަވިއާރުއަކީ ވަރަށް ޒިންމާދާރު ކުއްޖެއް. ނުވީތާކަށް އިތުރަށް ކިޔަވަން ބޭނުންވަނީ...އެމެރިކާއަށް ގޮސް ކިޔަވަން ނިންމައިގެން ހުރީ..."

"އެއީ ސާޖަންޓެއްނު...ދެން އިތުރަށް ކޯންޗެއް ކިޔަވާނީ؟"

ދޮރުމައްޗަށް އެރި ޖޫރީ އޭނަގެ ބޮޑުދައިތަގެ ޖުމްލަ އިވުމުން ބުމަ އަރުވައިލިއެވެ. ކުރިންވެސް ކިތަންމެ ފަހަރަކު އޭނަވަނީ ބޮޑުދައިތައަށް ކުށްތައް އިސްލާހުކޮށްދީފައެވެ. އެންމެ އަޖައިބުވަނީ އަލްބާންމެން ތިއްބާ ބޮޑުދައިތަ އިނގިރޭސިބަސްތައް ނުބައިކޮށް ކިޔަސް ރަގަޅުކުރަން ބުނެނުދޭތީއެވެ. އޭނައަށް އެކަމާއި ކެތެއްނުކުރެވެއެވެ.

"ސަކީނާއްތަ...ސާޖަންޓެއް ނޫނޭ.. ސާޖަންއެއް..ދޮންބެއަކީ ޑޮކްޓަރެއް...އޮޕްރޭޝަން ޑޮކްޓަރުންނަށް ސާޖަން ކިޔަނީ...ސާޖަންޓުންނަކީ މިލިޓަރީ ވަކި ރޭންކެއްގެ ބަޔަކަށް ކިޔާ ނަމެއް..ކިހާ ބޮޑު ތަފާތެއް........" ޖޫރީ ހިނިގަނޑެއް ޖަހާލާފައި ކިޔާދިނެވެ.

ސަކީނާ އަނގަހެދިއެވެ. "ހަމަ އެކައްޗެއްނު ތިކިޔަނީ. ޒަވިއާރުއަކީ ސާޖަންޓެކޭ ދައްތަވެސް ބުނީ..."

ޖޫރީ އިސްތަށިގަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ. "ނޫނޭ...ޓީ ނުލާ ކިޔާނީ..........."

"ކޮއިފުޅަށް ނޭގެނީއޭ. ދައްތަގެ އެކުވެރިންވެސް ކިޔާ އުޅެނީ ހަމަ މިހެން................."

"ޖޫރީ. އިހަށް ބޭރަށް ދޭބަލަ. މަންމަމެން މުހިއްމު ވާހަކައެއްގައި މިތިބީ.."

ޖޫރީ ދެކޮޅުހަދަން އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައިވެސް ހިނގައިގަތެވެ.

"ޒަވިއާރު އޮޕަރޭޝަން ޑޮކްޓަރެއްނު. އެމީހުން އިތުރަށް ކިޔަވައިގެންނޯ ސިކުނޑީގެ އޮޕަރޭޝަންތައް ކުރަނީ. އެބައި ކިޔަވަންދާންވެގެން އުޅެނީ. އެހެންވީމަ ތިވަރުގެ ބޮޑުކަމެއް އޭނަގެ މަންމައާއި ވާހަކަ ނުދައްކާ ނުނިންމާނެ......."އައްޒަހްރާ ހީލިއެވެ. "އެކަމަކު...... ސަކީނާ މިކަހަލަ ގޮތަކަށް ތިކަން ހިނގާފާނެ...މަސައްކަތްކުރާ މާހައުލުގެ ގޮތުން ދެން އެއްކޮށް މަސައްކަތްކުރާ ޑޮކްޓަރުންނާއިއެކު ކޮފީއަށް ދިޔުމަކީ އާއްމުކަމެއް. އަހަރެމެންގެ ނަޒަރުގައި ރީތިކަމަކަށް ނުވިޔަސް މިޒަމާނު ކުދިންނަށް އާއްމުކަމަކަށްވަނީ. އެކުވެރިންގެ ތެރޭ ދެޖިންސްގެ މީހުންވެސް ހިމެނޭ އެއްކޮށް ކޮފީއަށް އަރާނެ. އެކަމަކު ޒަވިއާރުގެ ތިކަހަލަ އަޑެއް އިވިފައެއްނެތް..."

"އަޑެއް ކިއްޔާ ރެދެއްލާނެ....."

"ޒަވިއާރު އަމިއްލައަށް ބުނަންދެން މަޑެއްވެސް ނުކުރެވޭނެ. އަހެދްކަހަލަ ބަސްއަހާ ކިޔަމަންތެރި އަންބަކީ ފިރިހެނަކަށް ލިބޭނެ އެންމެ ބޮޑު ނަސީބު. ދަރިއެއްގެ މުސްތަގުބަލާއިމެދު ނުވިސްނާނީ ކޮން މަންމައެއް. އަހަރެން ޒަވިއާރު ގާތު ބުނާނަން އަވަހަށް އަހަދްއާއި ކައިވެނި ކުރާށޭ. މިޒަމާނުގައި އެކަހަލަ އަންހެންކުއްޖެއް މަދުވާނެ......" އައްޒަހްރާގެ ޚިޔާލުތައް އެކި ދިމާލަށް ދަތުރުކުރިއެވެ. ކުޑަަދޮރުން ބޭރުން ފެންނަން ހުރި މަންޒަރަށް ފުސްކަމެއް ވެރިވެ މާގިނައިރެއްނުވެ ވިއްސާރައިގެ ކުލަވަރު ދައްކާލައިފިއެވެ. ގަސްތަކުގައި ވައިއަޅުވާ މަންޒަރާއެކު އަނދިރިކަންގަދަވިއެވެ. ދޭތެރެއަކުން ރީތިކޮށް އޮވެފައިވެސް ބަނަވާން ނަގާނީ ހިނދުކޮޅެކެވެ.

***

ޖޫރީ ތުންދަމާލައިގެން ހުރެ ލިވިންރޫމަށް ނުކުތްގޮތަށް ހޭންފެށިއެވެ. އަލްބާންއާއި މުރުތަސިމް ސުވާލުކުރިއެވެ. ޖޫރީ ބުނީ ބޮޑުދައިތައަށް ކިޔަވާދީ ބަލިވީއިރުވެސް ޒަވިއާރުގެ ނަން "ސާޖަންޓް" އަކުން ބަދަލުކުރެވޭނެ ގޮތެއް ނުވީކަމުގައެވެ.

"ތީ ދެން ޖޯކުޖަހާވަރު ކަމެއްވެސް ނޫނެއްނު...ކޮންމެ މީހަކަށްވެސް އެވަރުކަމެއް ވެދާނެ.." މުރުތަސިމް ސީރިޔަސްވިއެވެ. "ޖޫރީ މުސްކުޅިވީމަ އަދި ހާލެއް ނޭގޭ މީހުންނަށް ޖޯކުޖެޖީމަ އެމީހަކަށް އެކަން ކޮންމެވެސް ދުވަހަކުން ފެންނާނެޔޯ މަންމަ ބުނޭ..."

"ބަޓް..މީތި ތަފާތު. އާންޓްގާތު އެވަރަށް ބުނީމަވެސް އެންމެން ގާތު ޒަވިއާއަކީ ސާޖަންޓެކޭ ކިޔައިގެން އަދިވެސް އުޅެނީ. ވަރަށް އެމްބެރެސިން އަސްލު. ބައެއްފަހަރު ހިތަށް އަރާ ޖޫރީ ފެމިލީވެސް ތަންކޮޅެއް ޔަންގްވާނެ ނަމައޭ. އައި މީން މަންމަވެސް ކިހާ އޯލްޑް..ހުރިހާ ފްރެންޑުންގެ މަންމަމެންވެސް ފުދޭވަރަކަށް ޔަންގް އެންޑް އަންޑަސްޓޭންޑިން..މަންމަ އެހާ އޯލްޑްއިރު ޖޫރީ ލިބުނުކަން އެނގުނީމަ ވަރަށް ޖެއްސުންކުރޭ...."

"ދެން އެހެން ބުނި މީހެއްގެ އަނގަމަތީގައި ޖަހަން ކެރޭނެ؟" އަލްބާން އެހިއެވެ.

"ކީއްވެ؟"

"އެކަހަލަ ސުވާލެއް ކުރިއްޔާ އަނގަމަތީ ޖެހީމަ ދެން ހަނދާން ހުންނާނެ އަމިއްލަ ކަންތަކާ ބެހެން....."

ޖޫރީ ލޯބޮޑުކޮށްލިއެވެ. މުރުތަސިމް ހޭންފެށިއެވެ.

"ޔޫ ނޯ ވަޓް ޖޫރީ. ދުނިޔޭގައި އުޅެން އެންމެ ބޮލަށް ފަސޭހަވާނެގޮތް، އިގްނޯ ކޮށްލަންވަނީ. ބަޔަކު އެއްޗެކޭ ކީމަ ކޮއްކޮއަށް މަދުވަނީ ކޯންޗެއް؟"މުރުތަސިމް ބުނެލިއެވެ.

***

އަހެދް ގެއަށް އައިގޮތަށް މާމައަށް ކާންދީފައި ބޭސްދިނެވެ. މާމަގެ ބޯމޮޑެދޭން އެތައް އިރެއްވާންދެން އިނީ ވަރުބަލިކަމެއް ޝަކުވާއެއްނެތިއެވެ. އަހެދްގެ މޫނު ފެނުމުގެ ނަސީބެއް އަދި އައްޒަހްރާއަށް ނުފެނުނަސް އަޑުންވެސް އެކުއްޖާގެ ހިތްހެޔޮކަމާއި މަޑުމައިތިރި މިޒާޖު ދެނެގަނެވުނެވެ. މާމައަށް ކުޑަކޮށް ލުއިވެލުމުން އަހެދް ކާބަޔާއި ދިމާލަށް ދިޔައެވެ. އޭރު އައްޒަހްރާ އުޅުނީ ރޭގަނޑަށް ކައްކަންވެގެންނެވެ.

"ޒަހްރާދައްތާ...އަޅުގަނޑު ކޮންކަމެއްތޯ ކުރަންވީ؟"

"ތިއީ އަދި މެހުމާނެއް. މެހުމާނުން ލައްވާ އެއްވެސް ކަމެއް ކުރުވުމަކީ ޒަހްރާއްތަގެ ޟަމީރު ތަންދޭކަމެއްނޫން..."

"އެގޮތަށް ދެކިނުލައްވައިފިއްޔާ އުފާވާނެ. ސަބަބަކީ ކޯސްނިމެންދެން މިގޭގައި ހުންނަން އައުމުން މެހުމާނަކަށްވުރެ މިގޭގައި އުޅޭ މީހަކަށް ވާނެތީ....."

"އަހަދްއަށް ކިޔަވަމުން މަސައްކަތެއް ނުކުރެވޭނެ..."

"ނޫން. ގޭގައިވެސް މަސައްކަތް ކުރިން. އެއްޗެހި ކެއްކުމަކީ ހޮބީއެއް..."އަހެދް ލުއިގޮތަކަށް ހީލިއެވެ.

"ކޯނޗެއް ކައްކަން އެނގޭނީ؟"

"ރެސިޕީ ބަލައިގެން ހުރިހާ އެއްޗެއް ހެދޭނެ...އެއަށް އަޅާނެ އެއްޗެހި ހުރެއްޖެއްޔާ. ރަށުގައި ކޭކު ކޯހަކާއި ޕޭސްޓްރީ ކޯހެއް ހެދިން އެހެންވެ ފޮނި އެއްޗެހި ހަދަން އެނގޭ....ކުޑައިރުން ފެށިގެން މަންމައަށް އެހީވާންފެށިގޮތަށް ކެއްކުމުގެ ތެރެއަށް ވަދެވުނީ..."އަހަދް ކިޔައިދިނެވެ.

އައްޒަހްރާވެސް ހުރީ ވަރުބަލިވެފައެވެ. ތަފާތު ޚިޔާލުތަކާއި ވިސްނުންތަކުން ބޮލަށް ބާރުކޮށްފައިވުމާއެކު އެހީވާނެ ކުއްޖަކު ލިބުމުން ހިތަށް ފިނިކަމެއް ލިބުނެވެ. ގޭތެރޭގައި ބޮއްސުންލާފައި ހުންނަ އެހެން މަސައްކަތްކޮށް ތަރުތީބުކުރަން ހެލިފެލިވެ އުޅެން ވަގުތު ހުސްވީއެވެ. އެހެންނޫނަސް ޒަވިއާރުއާއި ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއްވެސް އެބައޮތެވެ. އަލްބާންއާއި ޖޫރީގެ ކޮޓަރި ރީތިކޮށް ހަދާލާފައި ދާހެދުން ވަށިތައް ލޯންޑްރީ ރޫމަށް ގެންގޮސްލާފައި ދެން އުޅެވުނީ ނަމާދުކުރުމާއިގެންނެވެ. ރޭގަނޑު ކާންވެގެން އައްޒަހްރާ ބަދިގެއަށް ވަދެފައި އަހެދްއަށް ހިތް ތައުރީފުން ފުރުނެވެ. ބަދިގެއާއި ކާބައި ސާފުކޮށްލާފައި ކާން ހަދާފައި ހުރިއިރު ބާބިލްއަށްވުރެވެސް ރަގަޅެވެ. މޭޒުމަތީގައި ހުރި ކަންވާރުތަކުގެ މަތި ހިއްލައިލުމުން ބަނޑުފުރޭހާ މީރުވަސްދުވިއެވެ. ހުރިހާ ކުދިންވެސް ކެއުން މީރުވެގެން ތައުރީފުކުރިއެވެ.

***

އަހެދްގެ މާމަ ކުއްލިއަކަށް އައި ގަދަ ހުމާއެކު ރޯގާގެ އުދަގޫތައް ބޮޑުވެ އަނެއްކާ މާމަ ހޮސްޕިޓަލަށް ގެންދާން ބޭނުންވިއެވެ. ނަމަވެސް އެތަނަށް ގޮސް ކިއޫގައި މަޑުކުރަންވުމަކީވެސް މާމައަށް ފަސޭހަކަމަކަށް ނުވާނެއެވެ. އެންމެފަހުން އައްޒްހަރާ ގާތު ބުނުމުން ޒަވިއާރުއަށް ގުޅައިގެން ހަދަންވީގޮތް އޮޅުންފިލުވިއެވެ. އޭނަަ ބުނީ ވައިރަލް ހުމެއްކަމަށެވެ. ގިނައިން ދިޔާ އެއްޗެހިދީ އަރާމުކުރުމަށެވެ. ރަގަޅުނުވަންޏާ ތިންދުވަސް ފަހުން ޓެސްޓް ހަދާނީ ކަމަށެވެ.

އައްޒަހްރާ ކުރުބާއާއި މޭވާ އަދި ސޫޕްއާއެކު ބޭސްކޮތަޅެއްވެސް ފޮނުވިއެވެ.

"ނޭގޭ ދެން. ކާރެއް އޮތީމަ ހޮސްޕިޓަލަށް ގެންގޮސް އެކުވެރި ފިޒީޝަނަކަށް ދައްކާލަދިން ނަމަ މާރަގަޅުވީސްކަން ނޭގޭ...އޭނަ މާމަ ބަލަން ވަދެވެސް ނުލާ ބޭސް ފޮނުވީމަ މިހެން ހިތްހަމަޖެހޭނީ ކިހިނެއްތަ؟" އަހެދް ބޭސް ކޮތަޅުގައި ހުރި ބޭސްތައް ބަލައިލިއެވެ."ޕެރެސެޓްމޯލާއި އަދި އެލާޖީއަށްދޭ ބޭހަކާއި ވިޓަމިން ސީ.........ވަރެއްގެ ޑޮކްޓަރެއްނު..ރީތި މީހުންތައް މިގޭގައި އުޅެނީ އެކަމަކު ވަރަށް ފޮނި....."

ސަބީހާ ހިނިތުންވެލިއެވެ. އިޝާރާތުން ބުނީ ޝަކުވާ ނުކުރުމަށެވެ.

"މާމާ.އަހެދްއަކީވެސް ރޮބޮޓެއްނޫން. އިންސާނެއް..މިވަރުން ކިހިނެއް؟ މިވަރަށް މީހަކު ކެތްކުރާނީ.."އަހެދް އޭނަގެ މާމައަށް ބޭސްދީފައި ނިދަންލާ ހަރުވާޅާއި ކުރު ޓީޝާޓްކޮޅު ލުމަށްފަހު މޭކަޕްދޮވެލުމަށްފަހު މޫނުގައި ނައިޓްކްރީމް ހޭކިއެވެ."މާމާ އަހަރެން ޒަހްރާއަށް އޮޅުވާލައިފިން. އެއީ ރަގަޅުކަމެއް ނޫން ދޯ. ކައްކަން އެނގެއޭ ކިޔާފައި ފޮނި ކަނޑާލެވުނީމަ ބޮޑު ޚަރަދެއްކޮށްގެން ރެސްޓޯރެންޓަކުން އެއްޗެހި ގެނެވީ. އެންމެން ވަރަށްް މީރުވެެގެން އުޅުނު........"

ސަބީހާގެ މޫނުމަތިން އުފާވެރިކަމެއް ނުފެނުނެވެ.

"މާމަ ދެރަވީތަ؟ ޓްރަސްޓް މީ..އަހަރެން މީ އެހާ ނުބައި މީހެއްނޫން. ކިތަންމެފަހަރު ޝުކުރުގެ ސަޖިދަ ޖަހައިފިން...ބްލެސިންއެއް ލިބޭ ކޮންމެ ފަހަރަކު. ކިހާ ރަގަޅު؟"އެހެދް ހީލިއެވެ. އަދި ހާމަޔަށް އޮތް ދެފައިގާ ލޯޝަންލާން ފެށިއެވެ.

***

"އަހެދްގެ މާމަ ފްލޫ ތަ؟" އަހެދް ޖޫސް ގިރަން ހުއްޓާ ޖޫރީ އަހާލައިފިއެވެ. އަހެދްގެ މޫނު ނުފެނިގެން ޖޫރީގެ ހިތް ބޭގަރާރުވަނީއެވެ. ޚިޔާލަށް ހަމަ އަންނަނީ މުސްކުޅި އަންހެނެކެވެ. ފޮތިބޮނޑިއެއް ފެނުނީމަ ޖޫރީއަކަށް އެފޮތިގަނޑުގެ ތެރެއިން ރީތި އަންހެންކުއްޖަކު ތަސައްވަރެއް ނުކުރެވުނެވެ.

"ވައިރަލް ހުމެކޯ ބުނީ..."

"އޭގެތެރޭގައި ސްވައިން ފްލޫ ނުހިމެނޭނެތަ؟ކުރީދުވަހު ފްރެންޑެއް ބުނި އޭނަގެ ކޮންމެވެސް މީހެއް ނިޔާވީއޭ ނިއުމޯނިއާ ޖެހިގެން ވެންޓިލޭޓަރުގައި އޮވެ......." ޖޫރީގެ ހިތަށް ކުޑަ ބިރުވެރިކަމެއް ވަނެވެ. ބަލިވުމަކީ އޭނަގެ އެންމެ ބިރުވެރި ހުވަފެނެވެ. އިންޖެކްޝަނާއި ވެކްސިންތަކަކީ ދުނިޔެއިން އޭނަ އެންމެ ބިރުގަންނަ އެއްޗިއްސެވެ. ކުރީފަހަރު ވެކްސިން ޖެހިއިރު އޭނަ ޖެއްސި ވައްތަރު އަލްބާން ރިކޯޑްކުރިއެވެ. އެފެނުމުން ލަދުވެސް ގަނެއެވެ.

"އެހާ ބޮޑުކަމަކަށްނުވާނެ. ޑޮކްޓަރވެސް ވަރަށް ލައިޓްކޮށްނެގީ. މިބުނީ ޔޯ ބްރަދާގެ ވާހަކަ.....އެއީ ޑޮކްޓަރެއް ނު........."

"އާނ....ދޮންބެ ވަރަށް މޮޅުވާނެ.....ޖޫރީ މާސްކެއް އަޅަންވީކަން ނޭގޭ.." ޖޫރީ އަށް ބުނެވުނެވެ. "ނޫނީ ކަރަންޓީނުވާންވީނު ދުވަސްކޮޅަކަށް؟"

"އެހެންތަ؟ އެހާ ބިރުގަނޭ؟" އަހެދްގެ އަޑުން ނަގައިގަންނަވީ ގޮތެއް ޖޫރީއަކަށް ނޭގުނެވެ.

"މަންމަ ބަލިވެދާނެތީ މިހެން ބުނީ..ވައިރަސް އެއް ވެއްޖެއްޔާ ވަރަށް ހަލުވިކޮށް ފެތުރޭނެ، މާމައަށް ފްލޫވެކްސިން ނުޖަހާތަ؟ ނިއުމޯނިއާވެސް ޖެހިދާނެ..ވިއްސާރަވެސް ދުވަސްކޮޅެއް...ވަރަށް ބަލައިގެން އުޅެން ޖެހޭނީ....."

ޖޫރީ ވަގުތުން ޝަކުވާއާއިގެން ދުއްވައިގަތީ އޭނަގެ މަންމަގާތަށެވެ. އައްޒަހްރާ ދަސްކޮށްދިނީ ޒިކުރުކުރުމަށެވެ. ދުޢާކުރުމަށެވެ. ބަލިތަކަށް ފިލައިގެން ނޫޅެވޭނެކަމަށާއި ދިފާއުވާންވެސް އޮންނަކަމުގައެވެ. އެހެންވީމަ ގިނަގިނައިން އަތް ދޮވެ ރަގަޅު އެއްޗެހިކައިގެން އުޅެން ބުނެދިނެވެ.

***

އައްޒަހްރާ އެނދުުުުުގައި އޮށޯވެލިގޮތަށް އެއް ދިމާލަކަށް ބަލަހައްޓައިގެން ފިކުރެއްގައި އޮތެވެ. ސަކީނާ ގެ ވާހަކަތައް އޭނަގެ ސިކުުނޑިކަމުން ދިޔައީއެވެ. ދެއަތަށް ފުރޮޅި ފުރޮޅި އޮތްއިރު ލޮލުގައި ނިދީގެ އަސަރެއްނެތެވެ. އަތްތިލައިގާ އަޅުވާފައި އޮތް ތަސްބީހައިގެ މިނާތައް ގުނަމުން ތަސްބީހަ ކިޔަމުން ދިޔައެވެ. ވާރޭ ބޯކުރަން ފެށިއަޑާއެކު ކޮންމެވެސް ވަރަކަށް ހިތަށް ބިރުވެރިކަންވެސް ވަނެވެ. މާޒީގައި ނިދީގެ ބައިވެރިޔަަކަށް ވިނަމަވެސް މިރޭ އޭނަގެ ކަންފަތް ބޭގަރާރުވެފައިވަނީ ވާރޭގެ އަޑަކަށްވެސް ނޫނެވެ. އެންމެ ފަހުން އިންތިޒާރު ނިމުމަކަށް އައެވެ. ދޮރުގައި ޓަކިދިން އަޑުއިވުނެވެ.

"ޒަވިއާރު ވަދޭ..."ދަރިން ޓަކިދޭގޮތުންވެސް އައްޒަހްރާ ދަނެގަނެއެވެ.

ޒަވިއާރު އާދައިގެ މަތިން މަންމަގެ ހާލު އޮޅުންފިލުވިއެވެ. ރަގަޅު ކެއުމާއި ކަސްރަތުގެ މަތިން ހަނދާންކޮށްދިނެވެ. އައްޒަހްރާގެ އެހީ ޒަވިއާރުގެ ދުވަސް ދިޔަ ގޮތާއި ބެހޭގޮތުންނެވެ. އެކި ވާހަކަތަކުގެ މިސްރާބު ބަދަލުވަމުންގޮސް ސަކީނާއަށް ޒަވިއާރު އަންހެންކުއްޖަކާއިއެކު ފެނުނުކަމުގެ ޚަބަރު ލިބުނުވާހަކަ ބުނުމާއެކު ޒަވިއާރުގެ މޫނުމަތިން ކުޑަކޮށް ނުތަނަވަސްކަން ފެނުނެވެ.

"މަންމާ...ބޮޑުދައިތަ ވަރަށް ހަދައިގެން ވާހަކަދައްކައެއްނު..."

"ދެން ޒަވިއާ ތިބުނަނީ އެއީ ދޮގެކޭ؟"

"ވަރަށް ގިނަފަހަރު ފްރެންޑުންނާއެކު އުޅެވޭ...ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތަކަށް ނުވެ ހިނގައިދާނެ.."

"އެންމެ ރަގަޅު.."

"މަންމާ...ކައިވެންޏަކާއިމެދު ވިސްނަން އަދި މާ އަވަސް...މިއުޅެނީ އަދި ކިޔަވާ ނުނިމިގެން. އޭގެ ފަހުން އެކަމާ ވިސްނާނީ..."ޒަވިއާރުގެ ވާހަކަ ހުރިގޮތުން އައްޒަހްރާއަށް އަހަދްއާއި ޒަވިއާރު ގުޅުވަން ވާހަކަދައްކަން ފަސްޖެހެވުނެވެ. ޒަވިއާރު ކިޔަވަން ކުރާ އުއްމީދުތަކަށް ހުރަސްއެޅޭ ސަބަބަކަށް އޭނަވާން ބޭނުމެއްނޫނެވެ.

"މަންމަ ރަގަޅުކުއްޖެއް ހޯދާފައި އެބަހުރި. އަހެދް.."

"އޯހް.....މިގެއަށް އައި ނިގާބީތަ؟"

"އާނ..."

ޒަވިއާރު ވަގުތުން އެކަމަށް ދެކޮޅުހެދިއެވެ. ނިގާބީ އަންހެންކުއްޖަކާއި ކައިވެނިކުރަން ބޭނުންނުވާކަމަށާއި އޭނަ ބޭނުންވަނީ އޭނައާއެކު ވަޒީފާގައި އުޅޭނެ ތަންކޮޅެއް މިނިވަން ޚިޔާލުގެ އަންހެންކުއްޖެއް ކަމުގައިބުނެ ރައްދުދިނެވެ.

"މަންމާ ސޮރީ. އަޅުގަނޑަށް ފަސޭހަކަމެއްނޫން މަންމަގެ ހުށަހެޅުމާއި ދެކޮޅުހެދުން. އެކަމަކު މަންމައަށް އަންޑަސްޓޭންޑްވާނެކަމަަށް އުއްމީދުކުރަނީ...ނިގާބީއިންނަކީ ދެން އެންމެ މާތް މީހުނެއްނޫން ދޯ މަންމާ.."

އައްޒަހްރާގެ ލޮލުގައި ހުރި އުފާވެރި ވިދުވަރު ގެއްލުނެވެ.

***

މަރަކީ އިންސާނާގެ ވަށައިގެން ހިޔަނިހެން އެނބުރި އެނބުރިވާ އެއްޗެކެވެ. ގިނަފަހަރު ތައްޔާރުނުވެ ތިއްބާ ދަތުރުދާން ޖެހިދާނެއެވެ. ނަމަވެސް ބައެއް އިންސާނުންނަކަށް ކުރު މުއްދަތެއްގެ ތެރޭގައިވެސް ތައުބާވެ ތަގުވާވެރި މީހަކަށް ވެވިދެއެވެ. އަހެދްގެ މާމައަށް ނޭވާލާން އުދަގޫވެގެން ހޮސްޕިޓަލަށް ގެންދިޔައިރު އޮކްސިޖަން މާބޮޑަށް ދަށްވެ ވެންޓިލޭޓަރަށް ލާން ޖެހުނެވެ. ދެ ދުވަސް ތެރޭގައި ހާލު ދަށަށް ދަމުންގޮސް ނިޔާވުމަކީ އަހެދްއަށްވެސް ލިބުނު ޝޮކެކެވެ. މާމައެހާ ބަލިކަމެއް ނޭގި އެކަހަލަ ގޮތަކަށް ވަކިވެ ދިޔުން ގަބޫލުކުރަންވެސް ދަތިވީއެވެ.

އައްޒަހްރާ އަހެދްއާއިއެކު ގެއަށް ވަނުމުން ޖޫރީ މަޑުކޮށްލީ އޭނަގެ ބޭބެމެންނާއެކު ގޭޓްކައިރީގައެވެ.

"އިޓްސް ޝޮކިން...އަހެދް ނުވެސް ރޮއި.."ޖޫރީ ބޯ ހޫރައިލިއެވެ.

"ރުޔަސް ފެންނާނީ ކިހިނެއް؟"އަލްބާން އެހިއެވެ.

"ތިވާހަކަ ނުދައްކަފާނަންތަ؟މީހުންގެ ޕާސަނަލް ކަންތައްތަކެއްނު އެހުންނަނީ. އެގާލްއާއި މާމަގެ ރިލޭޝަންޝިޕް އޮތްގޮތެއްވެސް ނޭގެއެއްނު..އެކީ އުޅުނަސް އަދި ނޭގޭ ކަންތަކެއް ހުރެދާނެ.............."މުރުތަސިމް ފޯނާއި ކުޅެން ހުރެފައި ބުނެލިއެވެ. އެންމެންވެސް މަންމަ އެދިގެން ޖަނާޒާގައި ބައިވެރިވިއެވެ. ގެއަށް އައިއިރުވެސް އައްޒަހްރާއާއި އަހެދްއެރީ އެހެން ކާރަކަށެވެ.

"އެންމެ ދެރަވާ ކަމެއް އެނގޭތަ؟" ޖޫރީ އެންމެނަށް ގޮވާފައި ސަމާލުކަން އަތުލަން މަސައްކަތްކުރިއެވެ.

ނުނިމޭ