ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުން ތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގެ 1200 ވަނަ މެޗް ލަނޑަކުން ފާހަގަ ކޮށްފިއެވެ.

ރޮނާލްޑޯގެ 1200 ވަނަ މެޗަށް ވެގެންދިޔައީ އޭނާ މިހާރު ކުޅެމުންދާ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރު އާއި އަލް ރިޔާދު ބައްދަލުކޮށް ހަތަރު ލަނޑު އެއް ލަނޑުން މޮޅުވި މެޗެވެ.

މި މެޗްގައި އޭނާ އެއް ލަނޑު ޖެހުމުގެ އިތުރުން އިތުރު ލަނޑެއް ޖެހުމަށް ވަނީ އެހީތެރިވެދީފައެވެ. އަލް ނަސްރުގެ ދަނޑުގައި ކުޅުނު މި މެޗްގައި ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑު ޖަހާފައިވަނީ މެޗްގެ 31 ވަނަ މިނެޓްގައި ސާޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އަދި އޭނާ ވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އެ ޓީމްގެ ލީޑު ފުޅާކުރުމަށް އޮޓާވިއާ ޖެހި ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މީގެ އިތުރުން މި މެޗްގައި އަލް ނަސްރު ކާމިޔާބު ކުރި ދެ ލަނޑު ޖަހާފައިވަނީ ޓަލިސްކާއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ވަނީ އޭނާގެ 1200 ވަނަ މެޗް ކާމިޔާބީއަކާ އެކު ފާހަގަ ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނީތީ އޭނާގެ ޓީމްގެ އެ ހުރިހާ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ހަމަ އެއާއެކު މިހާ ހިސާބަށް އޭނާ އައުމަށް އެހީތެރިވެދިފައިވާ އެންމެންނަށްވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން އަދިވެސް އޭނާގެ ކެރިއަރު ނުނިމޭކަމުގައި ރޮނާލްޑޯ ހާމަކުރިއެވެ. ރޮނާލްޑޯ ވަނީ އަލް ނަސްރުއަށް މިސީޒަންގައި މިހާތަނަށް ކުޅެފައިވާ 15 މެޗްގައި 16 ލަނޑު ޖަހައިދީފައެވެ. އަދި މި ސީޒަންގައި ސައުދީ ޕްރޯ ލީގުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅެނީވެސް ރޮނާލްޑޯއެވެ.

ރޮނާލްޑޯ މިހާތަނަށް އެންމެ ގިނަ މެޗް ކުޅެފައިވަނީ ރެއާލް މެޑްރިޑަށެވެ. އެއީ 438 މެޗެވެ. އޭގެފަހުން މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 346 މެޗް ކުޅެދީފައެވެ. މީގެ އިތުރުން ޕޯޗުގަލް ޤައުމީ ޓީމަށް 205 މެޗް ކުޅެދީފައިވާއިރު ޔުވެންޓަސްއަށް ވަނީ 134 މެޗް ކުޅެދީފައެވެ. އޭނާ މިހާރު ކުޅޭ އަލް ނަސްރަށް ވަނީ މިހާތަނަށް 46 މެޗް ކުޅެފައެވެ. އަދި ރޮނާލްޑޯ އެންމެ މަދުން މެޗް ކުޅެފައިވަނީ އޭނާ ކެރިއާ ފެށި ސްޕޯޓިން ލިޒްބަން އަށެެވެ. އެއީ 31 މެޗެވެ.