09 Dec 2023, 14:15
އިޓާލިއަން ސެރީއާގައި ޔުވެންޓަސް އާއި އެންމެފަހުގެ ޗެމްޕިއަން ނަޕޯލީ ބައްދަލުކުރި މެޗު ޔުވެންޓަސް ކާމިޔާބުކޮށް ތާވަލްގެ އެއް ވަނައަށް އަރައިފިއެވެ.
ޔޫވޭގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމް ކާމިޔާބުކޮށްފައިވަނީ އެއްލަނޑު ސުން ލަނޑުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނަޕޯލީއިންނެވެ. ނަމަވެސް މިއާއެކުވެސް ނަޕޯލީއަށް ޔޫވޭގެ ޑިފެންސް ފޫއަޅުވާލެވެގޮތެއް ނުވިއެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅެފައިވަނީ ނަޕޯލީއިންނެވެ.
މި ގޮތުން އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް މި ހާފްގައި ލިބިގެން ގޮސްފައެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެ ޓީމަށް ހިފޭގޮތެއްނުވިއެވެ.
މި މެޗްގައި ޔޫވޭއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ޖަހާ ލީޑު ނަގައިފާވަނީ މެޗްގެ 51 ވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑިފެންޑާ ފެޑެރީކޯ ގާޓީއެވެ. އޭނާ ވަނީ މިދިޔަ ހުކުރު ދުވަހު މޮންޒާ އާއެކު ކުޅެ މޮޅުވި މެޗްގައި އެންމެ ފަހު ވަގުތު ލަނޑެއް ޖަހާ ޔޫވޭ މޮޅު ކޮށްދީފައެވެ. އެހެން ކަމުން ގާޓީގެ މިދެ ލަނޑުވެސް ވެފައިމި ވަނީ ޔޫވޭ ދެ މެޗުން މޮޅު ކޮށްދިން ދެ ލަނޑަށެވެ.
މި މެޗްގެ ދެވަނަ ހާފްގައި ނަޕޯލީގެ ހުނަރުވެރި ފޯވާޑް ވިކްޓާ އޮސިމްހޭންއަށް ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ޔޫވޭގެ ކީޕާ ވޮޒްނިއެކް ޝިއުޒްނީ އަށް ހެދުނު ގޯހުގެ ފައިދާ އޮސިމްހޭންއަށް ހިފޭގޮތެއް ނުވިއެވެ.
މި ކާމިޔާބީއާއެކު ޔުވެންޓަސް މިހާރު ވަނީ ކުޅުނު 15 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ އެއް ވަނައަށް އަރާފައެވެ. އަދި ދެވަނައިގައި މި ވަގުތު އޮތް އިންޓާ މިލާނާއި ދެމެދު އެއް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ނަމަވެސް މި ހަފުތާ ބަންދުގައި އިންޓާ ކުޅޭ މެޗް ކާމިޔާބު ކޮށްފި ނަމަ އަނެއްކާވެސް އިންޓާ ތާވަލްގެ އެއްވަނަ އަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ނަޕޯލީ އުޅެނީ 24 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ.