23 May 2012, 12:50
އިންޓަ ރިސޯޓް އޯޕަން ވޮލީބޯލް ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗްތައް ވަން އެންޑް އޮންލީ ރީތި ރަށާއި ޖުމެއިރާ ވިޓަވެލި މޯލްޑިވްސް އިން ކާމިޔާބުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭގައި ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ރީތަރަށް މޮޅުވީ، ބަނޑޮސް އައިލެންޑް ރިސޯޓާ ވާދަކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. މިއީ މި މުބާރާތުގައި ރީތިރަށް ލިބުނު ދެ ވަނަ މޮޅުވެސް މެ އެވެ.
ރޭގެ މެޗުގެ ސެޓްތައް ރީތިރަށް ރިސޯޓުން ގެންގޮސްފައިވާ ގޮތަށް ބަލާ އިރު، ފުރަތަމަ ސެޓް ކަމިޔާބު ކުރީ 25-17 އިނެވެ. ދެ ވަނަ ސެޓް 25-10 އިން ކާމިޔާބު ކުރި އިރު، ފަހު ސެޓް ރީތިރަށުން ކާމިޔާބު ކުރީ 25-12 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރީތިރަށުގެ ސެޓަރު އިޝާން މުހައްމަދު (ބަޓިސް)އެވެ.
މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗް ޖުމެއިރާ ވިޓަވެލި މޯލްޑިވްސް އިން ކާމިޔާބުކުރީ ކްލަބް މެޑް ކަނިފިނޮޅާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
މެޗުގެ ސެޓުތައް ޖުމެއިރާ ރިސޯޓުން ގެންގޮސްފައިވާ ގޮތަށް ބަލާ އިރު، ފުރަތަމަ ސެޓް ޖެމެއިރާ އިން ކާމިޔާބު ކުރީ 25-21 އިންނެވެ. އަދި ދެ ވަނަ ސެޓް 25-20 ކާމިޔާބު ކުރި އިރު، ފަހު ސެޓް ޖުމެއިރާ އިން ކާމިޔާބު ކުރީ 25-17 އިންނެވެ.
މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޖުމެއިރާގެ މުހައްމަދު ޔާމިނެވެ.
މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗުގައި ހަވީރު 4:15ގައި ބައްދަލުކުރާ ދެ ޓީމަކީ ރީތި ރަށާއި ކުލަބް ބެޑެވެ. އަދި ދެ ވަނަ މެޗުގައި މިރެ 8:15 ގައި ބައްދަލުކުރާ ދެ ޓީމަކީ ބަނޑޮހާއި ތާޖް ރިސޯޓެވެ.
ވޮލީ އެސޯސިއޭޝަނުން ބުނީ، މުބާރާތުގެ މެޗުތަކުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއްބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާޓީމެއް ފައިނަލަށް ދަތުރު ކުރާގޮތަށެވެ. އަދި ފައިނަލްގެ ދެވަނަ ޖާގަ ހޯދުމަށް ސެމީ ފައިނަލްގައި ވާދަކުރާނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމް ކަމަށް ވެސް ވޮލީ އެސޯސިއޭޝަނުން ބުނެ އެވެ.