މަޝްހޫރު ފިލްމު "ކޭޖީއެފް"ގެ ސީރީސްތަކުން ބޮޑު މަގުބޫލުކަމެއް ހޯދި އިންޑިއާގެ ކަންނާޑާ އެކްޓަރު ޔަޝް އިތުރު ފިލްމަކަށް ތައްޔާރުވެއްޖެއެވެ.

"ޓޮކްސިކް"ގެ ނަމުގައި ޔަޝް ޕްރޮޑިއުސަރެއްގެ ދައުރު ވެސް ކުޅޭނެ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ 2025ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ.

މި ފިލްމަކީ ބޮޑެތި މީހުންނަށް ވަރަށް ރަނގަޅު ފެއަރީ ޓޭލްއަކަށް ވާނެ ކަމަށް ބުނަމުން ފިލްމު އިއުލާނުކޮށްފައި ވަނީ ކުޑަ ޓީޒާ އަކާވެސް އެކުގައެވެ. އަލިފާން ރޯވެފައިވާ ކާޑު ކުޅޭ މަންޒަރު މި ޓީޒާއިން ފެންނައިރު ފިލްމު "ޓޮކްސިކް" ވެގެންދާނީ "ކޭޖީއެފް"އަށް ފަހު އެކްޓަރު އެފަދަ އެކްޝަން ރޯލަކުން ފެންނާނެ ދެވަނަ ފިލްމަށެވެ.

"ކޭޖީއެފް"ގައި މިހާތަނަށް ޔަޝް ދައްކުވައި ދީފައިވާ ޕާފޮމެންސްގެ ވަރުގަދަ ކަމުން މި ފިލްމަކީ އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމެކެވެ.

ޔަޝް ޑައިރެކްޓަރު ޕްރަޝާންތު ނީލްއާ އެކު

ޢުމުރުން 37 އަހަރުގެ އެކްޓަރު އާ ފިލްމެއް އިއުލާނުކޮށްފައިވާއިރު "ކޭޖީއެފް"ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް ވަނީ މި ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ސްކްރިޕްޓް އޮތީ ތައްޔާރުވެފައި ކަމަށް ބުނެފައެވެ.

"ކޭޖީއެފް"ގެ ތިން ވަނަ ބައި ޑައިރެކްޓް ކުރާނީ ނީލް ކަން ޔަގީން ނުވިޔަސް އެ ފިލްމުން އަބަދުވެސް ލީޑް ރޯލްއިން ފެންނާނީ ޔަޝް ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ. ހުނަރުވެރި ކަންނާޑާ އެކްޓަރު ޔަޝް އަކީ އަބަދުވެސް ކޮމާޝަލް ވިސްނުމާ ދެކޮޅު އެކްޓަރަކަށް ވުމުން ފިލްމު "ކޭޖީއެފް3"ގެ އެއްވެސް ވާހަކައެއް ދައްކަން އޭނާ ދެކޮޅުހަދައެވެ.

ޔަޝްގެ އިތުރު ފިލްމެއް އިއުލާނު ކޮށްފައި މިވަނީ ވެސް އެކްޓަރުގެ ސަޕޯޓަރުން "ކޭޖީއެފް3"އަށް އިންތިޒާރު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. ފިލްމު "ޓޮކްސިކް"އިން ޔަޝްއާ އެކު ފެންނާނެ އިތުރު ތަރިންގެ މަޢުލޫމާތު ވަރަށް އަވަހަށް އާއްމުންނާ ހިއްސާކުރާނެ ކަމަށް ފިލްމު ގެނެސްދޭ ކޭވީއެން ޕްރޮޑަކްޝަންއިން ވަނީ ބުނެފައެވެ.