ފެބުރުއަރީ ހަތް ވަނަ ދުވަހު ޤައުމީ ދާރުލް އާސާރުގައި ބަހައްޓާފައި ހުރި ތަކެއްޗަށް ގެންލުން ދިން ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހެއްގެ މައްސަލައާއެކު 10 މައްސަލައެއްގެ ތަހުގީގު ނިންމާ ޕްރޮސެކިއުޓާ ޖެނަރަލް އޮފީސް (ޕީޖީ) ފޮނުވައިފި އެވެ.

ޗައިނާ ސަރުކާރުން ހިލޭ އެހީގައި ހަދައި ޖުލައި 26، 2010 ގައި ހުޅުވި ދާރުލް އާސާރަށް ފެބްރުއަރީ 7 ގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ބޮޑެތި ގެންލުންތަކެއް ދިނެވެ. އޭގެ ތެރޭގައި އެ އާސާރުގެ ޝޯކޭސްތަކާއި ބައެއް ބުދުތައް ތަޅައި ފުނޑުފުނޑުކޮށްލި އެވެ.

ފުލުހުން ބުނީ މި މަހުގެ 14 އިން ފެށިގެން 17 ވަނަ ދުވަހާ ހަމައަށް ޕީޖީއަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރޭގައި ހ. ޒަބަރުޖުދުގޭ ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޙަމްކޮށްލި މައްސަލައާއި ހަތް އަހަރުގެ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރި މައްސަލައަކާއި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް ހިމެނޭ ކަމަށެވެ.

ދެން ހިމެނެނީ ކުޑަ ކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގި މައްސަލައަކާއި ސިވިލް ސާވިސް ކޮމިޝަނަށް ވަދެ ހުތުރު އެއްޗެހި ކިޔާ އަޑުގަދަ ކުރި މީހެއްގެ މައްސަލައާއި މާޗް އެއްވަނަ ދުވަހު މާލެ ސިޓީ ކައުންސިލް އިދާރާ ކުރިމަތިން ސައިކަލުގައި ދުއްވާފައިދިޔަ ދެ ފުލުހަކަށް ހަމަލާދީ، ސައިކަލް އަންދާލި މައްސަލަ އެވެ.

މީގެ އިތުރުން ގ. ވަރަޕެލަށް އަށް ވަދެ ތޫނު އެއްޗަކުން ބިރު ދެއްކި މައްސަލައަކާއި ވަޅިން ހަރާނެ ކަމަށް ބުނެ މީހަކަށް ބިރު ދެއްކި މައްސަލައެއްގެ އިތުރުން ލ. ގަމުގައި ފުލުހުންގެ އިމާރާތުގައި ހުޅުޖަހަން ގޮވާ، މުދަލަށް ގެންލުން ދިނުމަށާއި ފުލުހުންނަށް އަނިޔާކުރުމަށް ގޮވާލައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި 32 މީހެއްގެ މައްސަލަ ވެސް މި ޕީޖީއަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިއިން އެއްވެސް މައްސަލައެއް ތަފުސީލެއް ފުލުހުން ނުދެ އެވެ.