އަންނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ.

މި މުބާރާތުގެ ގުރުއަތުލުން ބާއްވައިފައިވަނީ އެމެރިކާގެ މައޭމީގައެވެ. މި ގުރުއަތުލުމުގައި މި މުބަރާތުގައި ވާދަކުރާ 16 ޓީމުވަނީ ހަތަރު ޓީމުގެ ހަތަރު ގްރޫޕަށް ބަހައިލައިފައެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި މި މުބާރާތުގައި މިފަހަރު ކޮމެބޯލްއިން ވަނީ އުތުރާއި މެދުތެރޭ އެމެރިކާގެ މައްޗަށް އެކުލެވޭ ކޮންކާކަފް ސަރަހައްދުގެ އެންމެ ވަރުގަދަ ހަ ޓީމަށް މި މުބާރާތުން ޖާގަދީފައެވެ.

މި ފަހަރުގެ ގުރުއަތުލުމުގައި ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ޕޭރޫ، ޗިލީ އަދި ކޮންކާކަފް ސަރަހައްދުގައި ހިމެނޭ ކެނެޑާ އާއި ޓްރިނިޑާޑް އެންޑް ޓޮބޭގޯ ބައްދަލުކުރާ ޕްލޭ އޮފް އިން މޮޅުވާ ޓީމެކެވެ.

ގްރޫޕް ބީގައި ހިމެނެނީ ކޮންކާކަފް ސަރަހައްދުން މެކްސިކޯ، އެކުއެޑޯ، ވެނެޒުއޭލާ އަދި ކޮންކާކަފް ސަރަހައްދުގައި ހޮންޑިއުރަސް އާއި ކޮސްޓަރީކާ ބައްދަލުކުރާ ޕްލޭ އޮފް އިން މޮޅުވާ ޓީމެކެވެ.

ގްރޫޕް ސީގައި ހިމެނެނީ ކޮންކާކަފް ސަރަހައްދުން އެމެރިކާ އާއި ޕެނެޕާ، އުރުގުއާއީ އަދި ބޮލީވިއާއެވެ.

ގްރޫޕް ޑީގައި ހިމެނެނީ ބްރެޒިލް، ކޮލަމްބިއާ، ޕެރަގުއާއީ އަދި ކޮންކާކަފް ސަރަހައްދުން ޖެމެއިކާއެވެ.

މި މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މި އަންނަ އަހަރުގެ ޖޫން މަހުގެ 20ވަނަ ދުވަހު އެޓްލާންޓާގައެވެ. މުބާރާތުގެ މެޗުތައް މިފަހަރު އެމެރިކާގެ 14 ސިޓީއެއްގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ޖޫން މަހުގެ 20 އިން ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ތަށި ދިފާއު ކުރުމަށް ނިކުންނަ އާޖެންޓީނާ އާއި ކޮންކާކަފް ސަރަހައްދުގެ ޕްލޭ އޮފް ކާމިޔާބު ކުރާ ޓީމެކެވެ.

އަދި ކުއާޓާ ފައިނަލްގެ ހަތަރު މެޗު ޖުލައި މަހުގެ ހަތަރަކުން ހަޔަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ސެމީފައިނަލްގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ނުވައަކާއި ދިހަވަނަ 10 ދުވަހެވެ.

ތިންވަނަ ހޮވައި މެޗު ޖުލައި މަހުގެ 13ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 14ވަނަ ދުވަހުއެވެ.