08 Dec 2023, 21:40
އެންބީއޭ ސީޒަންގެ ތެރެއިން މި ފަހަރު އަލަށް ތައާރަފް ކުރި އިން ސީޒަން ޓޯނަމަންޓްގެ ފައިނަލުން ލޮސް އެންޖަލިސް ލޭކާސް އާއި އިންޑިއާނާ ޕޭސާސް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލުން ލޭކާސް ޖާގަ ހޯދީ ވެސްޓް ސެމީފައިނަލްގައި ނިއުއޯލިއަންސް ޕެލިކަންސް އާއި ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެންނެވެ.
ލަސް ވޭގާސްގެ ޓީ މޯބައިލް އެރީނާގައި ކުޅުނު މި މެޗު ލޭކާސް ކާމިޔާބުކޮށްފައިވަނީ 133 ޕޮއިންޓް 89 ޕޮއިންޓުންނެވެ.
މި މެޗުގެ ފުރަތަމަ ކުއާޓާގައި ޕެލިކަންސް އިން އެއް ޕޮއިންޓްގެ ލީޑެއް ނެގި ނަމަވެސް ދެވަނަ ކުއާޓާގައި ލޭކާސްއިން ވަނީ 13 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އަދި ތިންވަނަ ކުއާޓާގައި ލޭކާސްއިން ވަނީ މިލީޑު 39 ޕޮއިންޓަށް އިތުރު ކޮށްފައެވެ.
ލޭކާސްއަށް މި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ އަށް އެސިސްޓް ކޮށްދިން ލެބްރޮން ޖޭމްސެވެ.
އަދި ޕެލިކަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުވަ ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދިނުމުގެ އިތުރުން ހަތް އެސިސްޓް ކޮށްދިން ބްރެންޑަން އިންގްރާމްއެވެ.

ޕޭސާސް އަތުން ބަކްސް ބަލިވުމުން ގިނަ ބަޔަކަށްވަނީ ހައިރާންކަން ލިބިގެން ގޮސްފަ / ފޮޓޯ: ބްރޫ ހޫޕް
ލޭކާސާއެކު ފައިނަލްގައި ވާދަކުރާ އިންޑިއާނާ ޕޭސާސް ފައިނަލުން ޖާގަ ހޯދީ އީސްޓް ސެމިފައިނަލްގައި މިލްވައުކީ ބަކްސް އާ ބައްދަލުކުރި މެޗު ކާމިޔާބުކޮށްގެންނެވެ.
ލަސް ވޭގާސްގެ ޓީ މޯބައިލް އެރިނާގައި ކުޅުނު މި މެޗު ޕޭސާސްއިން ކާމިޔާބު ކުރީ 128 ޕޮއިންޓް 119 ޕޮއިންޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ކުއާޓާ ނިމުނު އިރު ޕޭސާސްއިން ވަނީ މި މެޗުގައި 12 ޕޮއިންޓްގެ ލީޑެއް ނަގައިގައެވެ.
ނަމަވެސް ބަކްސްއިން ތިންވަނަ ކުއާޓާގައި އެ ޓީމުގެ ކުޅުން ރަނގަޅުކޮ ތިން ޕޮއިންޓްގެ ލީޑެއް ނެގިއެވެ. އެއާއެކު ޕޭސާސްއިން އަނެއްކާ ވެސް ފަހު ކުއާޓާގައި އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗު ކާމިޔާބު ކުރީއެވެ.
ލޭކާސް އާއި ޕޭސާސް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހެވެ.
މި ފައިނަލް މެޗު ކާމިޔާބުކުރާ ޓީމަކަށް އެންބީއޭއިން އަލަށް ތައާރަފްކުރި އިން ސީޒަން ޓޯނަމަންޓްގެ ތަށި އުފުލައިލުމުގެ ފުރުސަތު ލިބޭނެއެވެ.