08 Dec 2023, 11:24
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ސާފު ފެން ކެނޑުނީ އާރޯޕްލާންޓްގެ ވީއެފްޑީ ޑްރައިވަށް ދިމާވި ގެއްލުމެއްގެ ސަބަބުން ކަމަށާއި އެ މައްސަލަ މިއަދުގެ ވަގުތެއްގައި ހައްލުކުރުމަށް މަސައްކަތްކުރާ ކަމަށް ފެނަކައިން ބުނެފިއެވެ.
އައްޑޫ ސިޓީއަށް ސާފު ބޯފެން ފޯރުކޮށްދެނީ ފެނަކައިންނެވެ. އެ ސިޓީން ފެން ކެނޑިފައިވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ކުއްލި ގޮތަކަށެވެ.
މިކަމާ ގުޅިގެން ފެނަކައިން ބުނީ، ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ވީއެފްޑީ ޑްރައިވެއް މިހާރު ހޯދިފައިވާ ކަމަށެވެ. އަދި، މަސައްކަތް ކުރަނީ އެންމެ އަވަހަށް މާލެއިން އައްޑުއަށްދާ ފްލައިޓަކުން އެއާ ފްރައިޓް ކުރުމަށް ކަމަށް ފެނަކައިން ބުންޏެވެ.
ފެން ކެނޑުމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެހައި ދަތިތަކަށް ފެނަކައިން ވަނީ މައާފަށް އެދިފައެވެ.
އައްޑޫއާއި ގުޅިފައިވާ ރަށްތަކުން ފެން ކެނޑުމާ ގުޅިގެން އިއްޔެ "ސަން"އާ ވާހަކަ ދެއްކި އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ މޫލުކެޑެ ދާއިރާގެ ކައުންސިލަރު އަހްމަދު ސައީދު ވިދާޅުވީ ސާފު ފެން ނުލިބުމުގެ ސަބަބުން ގުޅިފައިވާ ރަށްތަކުގެ ހުރިހާ ރައްޔިތުން ވެސް ތިބީ ވަރަށް ދަތި ހާލުގައި ކަމަށެވެ. އެގޮތުން ފާޚާނާގެ ބޭނުންތަކާއި، އެ ނޫން ޒަރޫރީ ކަންކަމުގައި ވެސް ފެން ނުލިބުމުގެ ދަތި ވަރަށް ބޮޑަށް އެބައޮތް ކަމަށް ވިދާޅުވިއެވެ.
"މިއަދު މެންދުރު އަޅުގަނޑު ދަރިފުޅު ސްކޫލަށް ގެންދަން ފެންވެރުވީ ވެސް ފިހާރައިން މިނެރަލް ވޯޓާ ގަނެގެން،" ކަންބޮޑުވުން ހިއްސާކުރަމުން އައްޑޫ ރައްޔިތަކު "ސަން"އަށް ކިޔައިދިނެވެ.
އައްޑޫއަކީ މާލޭ ސިޓީ ނެގުމަށް ފަހު އެންމެ އާބާދީ ބޮޑު ސިޓީއެވެ. ޖުމުލަ 12،000 އަށްވުރެ ގިނަ ރައްޔިތުން އައްޑޫގައި ދިރިއުޅެއެވެ. އޭގެ ތެރެއިން ބޮޑު ބައެއް އުޅެނީ ގުޅިފައިވާ ރަށްތަކުގައެވެ.