08 Dec 2023, 10:51
ރާއްޖެއަށް ދަތުރުކުރާ ފުލައިޓުތަކާއި އެ ގައުމުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އިތުރުކުރާނެ ކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ދީފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާ އެކު މި ވަގުތު ހުންނެވީ ޗައިނާގައެވެ. އެއީ، އެ ގައުމުގައި ކުރިއަށްދާ 'ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން'ގައި ބައިވެރިވެވަޑައިގަތުމަށެވެ.
ޗައިނާގައި ހުންނަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، ވިޔަފާރިއާއި ފަތުރުވެރިކަން ކުރިއަރުވަން ފުލައިޓުތައް އިތުރުކޮށް، ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓުތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ދީފައިވާ ކަމަށެވެ.
"ނަތީޖާއަށް ހެޔޮ ބަދަލެއް އަންނާނެ އުންމީދީ ދުވަސްތަކެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ޗައިނާއިން ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް އިތުރުކުރާނެކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާއިރު، ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ހިންގި ތަރައްގީގެ މުހިއްމު ގިނަ މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސްފައިވަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ.
އެގޮތުން، އޭރު ކުރިއަށް ގެންދިޔަ ސިނަމާލެ ބުރިޖުގެ މަޝްރޫއާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފުލެޓުތަކުގެ މަޝްރޫއަކީ ވެސް ޗައިނާ ސަރުކާރާ ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.