08 Dec 2023, 09:54
އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ޔަހޫދީ ޢިސްރައީލާއި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ ދެމެދު ފެށި ހަނގުރާމައަށް ދެ މަސް ދުވަސް ވެފައިވާއިރު، މިހާތަނަށް 17،177 ފަލަސްޠީނު މުސްލިމުން ޝަހީދުކޮށްލައިފިއެވެ.
ޢިސްރާއީލުންގެ ޙަމަލާތައް މިހާރު އަމާޒުކޮށްފައި ވަނީ ޣައްޒާގެ ދެކުނަށެވެ.
ފަލަސްޠީނުގެ ސިއްޙީ ވުޒާރާއިން ހާމަކުރާ ގޮތުގައި ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ ޢަދަދު މިހާރު ވަނީ 46،000 މައްޗަށް އަރައިފައެވެ. ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުން އަންނަނީ އިސްރާއީލުން ޣައްޒާގައި ދެމުންގެންދާ ލާއިންސާނީ ޢަމަލުތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނަކަމުގެ އިންޒާރު ދެމުންނެވެ.
ފާއިތުވެދިޔަ 24 ގަޑިއިރުގެ އެކަނި ވެސް އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި 350 އަށް ވުރެ ގިނަ މީހުން މަރުވެ 900 އެއްހާ މީހުން ޒަޚަމުވެފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޙީ ވުޒާރާއިން ހާމަކުރެއެވެ. ނަމަވެސް މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންގެންދާތީ، މަރުވެފައިވާ މީހުންގެ ހަށިތައް ގުނުން އުދަގޫވެފައިވާ ކަމަށް ސިއްޙީ ވުޒާރާއިން ބުނެއެވެ.
ތެލުގެ ދަތިކަމުގެ ސަބަބުން ޣައްޒާގެ އުތުރުގައި ހުންނަ ހޮސްޕިޓަލްތަކުން ޚިދުމަތް ދިނުން ހުއްޓާލަން މަޖުބޫރުވެފައެވެ. ނަމަވެސް ޒަޙަމުވާ މީހުން އިތުރުވެ ފަރުވާ ނުދެވި ތިބި އެތައް ބަޔަކު ޣައްޒާގައި އެބަ ތިއްބެވެ.
އަނެއްކޮޅުން ޣައްޒާގެ ގާތްގަޑަކަށް 1.9 މިލިއަން މީހުންގެ ގެދޮރު ދޫކޮށްލަން ވަނީ މަޖުބޫރުވެފައެވެ. މިއީ 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ޖުމްލަ އާބާދީގެ 80 އިންސައްތަ މީހުންނެވެ.
މިއާ އެކު ވަގުތީ ހިޔާތަކުގައި ތިބުމަށް ޣައްޒާގެ ދެކުނުގައި އޮންނަ ރަފަޙް ސިޓީއަށް ގިނަ ބަޔަކު ވަނީ މިހާރު ގޮސްފައެވެ.
އަދި، ލުބުނާނާއި ޢިސްރާއީލާ ދެމެދުގައިވާ ސަރަޙައްދުގައި ވެސް އަނިޔާވެރިކަން ހުއްޓިފައި ނުވާއިރު، ލުބުނާނުގެ ސަރަހައްދުން ހިޒްބުالله އިން އަންނަނީ އިސްރާއީލަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. ރައްދުގައި އިސްރާއީލުން ވެސް އަންނަނީ ޙަމަލާތައް ދެމުންނެވެ.