23 May 2012, 12:04
މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖް 2012، މި މަހުގެ 30 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައި ވަނީ ރާއްޖެއާ އެކު ޖުމްލަ 16 ގައުމަކުން ކަމަށާއި އެގޮތުން މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުއެނީގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެއާ އެކު މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ބައެއް ގައުމުތަކުގެ ތެރޭގައި ބެޑްމިންޓަންގެ އެކިއެކި މުބާރާތްތަކުން ރަން ވަނަތައް ހޯދައިފައިވާ ގައުމުތައް ހިމެނެ އެވެ. އޭގެ ތެރޭގައި ޗައިނާ، މެލޭޝިއާ އަދި ޔޫއެސްއޭ ހިމެނެ އެވެ.
މިއީ މިމުބާރާތް ރާއްޖޭގައި ބާއްވާ ތިން ވަނަ ފަހަރު ކަމަށް ވީއިރު، މުބާރާތުގައި ރާއްޖެ އިން 23 ކުޅުންތެރިއަކު ވާދަކުރެ އެވެ. އަދި ރާއްޖެ އިން ބޭރުން 68 ކުޅުންތެރިއަކު ބައިވެރިވާ ކަމަށް ވެސް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.
މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގައި 40 ކުޅުންތެރިން ވާދަކުރާ އިރު، އަންހެން ބައިގައި 19 ކުދިން ބައިވެރިވެ އެވެ. އަދި ފިރިހެން ޑަބަލްސްގައި 19 ޕެއާ ބައިވެރިވާ އިރު، އަންހެން ބައިގައި 11 ޕެއާ ވާދަކުރެ އެވެ. އަދި މިކްސްޑަބަލްގައި ޖުމްލަ 10 ޕެއާ ވާދަކުރާ ކަމަށް ވެސް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެ އެވެ.