19:35


ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑީއާރްޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު އިސްތިއުފާ ދެއްވުމުން އެ ގޮނޑިއަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހަމަޖައްސައިފި އެވެ.


ޑީއާރްޕީގެ އެއް ނައިބު ލީޑަރު ކަމުގައިވާ އަލީ ވަހީދު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާ ވިދާޅެއްނުވެ އެވެ. އަލީ ވަހީދު ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.


މީގެ އިތުރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއޭ އަށް ނިސްބަތްވާ ފޮނުަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ނަމަވެސް ޕީއޭގެ ފަރާތުން އެ ކޮމިޓީއަށް ހުށަހަޅާ ބޭފުޅެއްގެ ނަން އަދި ކަނޑައަޅުއްވާފައިނުވާ ކަމަށް އެ ޕާޓީން ބުނެ އެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި ވާދަވެރި އިދިކޮޅު ދެ ޕާޓީގެ މެމްބަރުން އެ ކޮމިޓީން އިސްތިއުފާ ދެއްވާފައި މިވަނީ، މަޖިލީހުގެ އަޣުލަބިއްޔަތުން މިއަދު ފާސްކޮށްފައިވާ ފަނޑިޔާރުންގެ ބިލުގެ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް، އެއީ ކޮން މައްސަލައެއް ކަމެއް އަދި ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.