މި އަހަރު ބޮކްސް އޮފީހުގެ ގިނަ ރެކޯޑުތައް މުގުރާލި ފިލްމު "ގަދަރު2"ގެ ބަތަލާ އަމީޝާ ޕަޓޭލް އިތުރު ފިލްމަކަށް ސޮއިކޮށްފިއެވެ.

"ހަޓަކު"ގެ ނަމުގައި އުފައްދާ މި ފިލްމުން އަމީޝާ ޕަޓޭލް ފެންނާނީ ފުލުސް އޮފިސަރެއްގެ ރޯލުންނެވެ. މި ފިލްމަކީ އަމީޝާގެ 24 އަހަރުވީ ދިގު ކެރިއަރުގައި ބަތަލާ ފުލުހެއްގެ ހެދުމުގައި ފެންނާނެ ފުރަތަމަ ފިލްމެވެ. އެހެންވެ، މި ސްކްރިޕްޓަކީ އަމީޝާއަށް ވަރަށް ކަމުދިޔަ ސްކްރިޕްޓެއް ކަމަށް ބޮލީވުޑް ހަންގާމާއާ ހަވާލާދީ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

އަލަށް ފިލްމު ޑައިރެކްޝަނަށް ނުކުންނަ އަޖޭ ޝަރުމާގެ މަސައްކަތް ކުރިއަށް އޮތް ޖަނަވަރީ މަހު ފަށާގޮތަށް ވަނީ ނިންމައިފައެވެ.

ފިލްމު "ހަޓަކް"ގެ ވަރަށް ބޮޑު ޝެޑިއުލްއެއް ކުރިއަށް ގެންދަން ނިންމާފައިވަނީ އިންޑިއާގެ ރާޖަސްތާނު އަދި އުތުރު އިންޑީއާގެ އެކި ސަރަޙައްދު ތަކުގައެވެ. ބޮލީވުޑްގައި ތަރި އޮއްސިފައިވާ ބަތަލާ އަމީޝާއަށް ބެލުންތެރިންގެ މަގުބޫލު ލިބެން ފެށީ ފިލްމު "ގަދަރު2"އަށް ފަހުއެވެ. ފިލްމު "ކަހޯނާ ޕިޔާރު ހޭ"އިން ފިލްމީ ދާއިރާއަށް ތަޢާރަފުވި ބަތަލާގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމަކީ ވެސް "ގަދަރު"އެވެ.

އަމީޝާ ޕަޓޭލް ފިލްމު "ކަހޯނާ ޕިޔާރު ހޭ"ގެ މަންޒަރެއްގައި

އަމީޝާ ޕަޓޭލް ފުލުހެއްގެ ރޯލު ކުޅެން ތައްޔާރުވަމުން އަންނައިރު ބަތަލާ ރާނީ މުކަރުޖީ، ސޮނަކްޝީ ސިންގް އަދި ޝެފާލީ ޝާހް ފަދަ ފިލްމީ ތަރިން ވަނީ ފުލުހުންގެ ރޯލުން ފެނިފައެވެ.

އަމީޝާ ޕަޓޭލްގެ ފިލްމީ ކެރިއަރުގެ ރީތި ފިލްމުތަކުގެ ތެރޭ "ކިޔާ ޔެހީ ޕިޔާރު ހޭ'، "އާޕް މުޖޭ އައްޗޭ ލަގްނޭ ލަގޭ"، "ހަމްރާޒް" އަދި "ހަމްކޯ ތުމްސޭ ޕިޔާރު ހޭ" ހިމެނެއެވެ.