07 Dec 2023, 23:09
ސަރުކާރު ކުންފުންޏަކުން އެ ކުންފުނީގެ އެތައް ހާސް މުވައްޒަފެއްގެ ކުށުގެ ރެކޯޑު ސާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅުމުން ފުނިޖެހިފައި އޮތް ކުށުގެ ރެކޯޑު ސާފުކުރުމުގެ ނިޒާމު މިހާރު އާންމު ހާލަތަށް އައިސްފައިވާކަމަށް އެ އޮފީހުން ބުނެފިއެވެ.
މިއަދު ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މި ހަފްތާގައި ފުނިޖެހުނު ކުށުގެ ރެކޯޑުގެ ނިޒާމު، މިހާރު ސާފުކޮށް ނިމިއްޖެ ކަމަށެވެ. އަދި ދެން ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެއާއެކު ޕީޖީ އޮފީހުން ބުނީ މި ހަފުތާގައި ކުރެވުނު ތަޖުރިބާއިން އޮޓޮމެޓިކުން ކުށުގެ ރެކޯޑް ސާފުކުރެވޭހެން ނިޒާމު ތައްޔާރުވެފައިވާކަމަށެވެ.
އެހެންކަމުން ދެން ކުއްލިއަކަށް ގިނަ އަދަދެއްގެ ކުށުގެ ރެކޯޑް ސާފުކުރަަން ހުށަހަޅައިފިނަމަ، ޚިދުމަތްތަކަށް ހުރަސްނޭޅޭނެ ފަދަ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ، މި ހަފުތާ ތެރޭ 6،062 ރެކޯޑް ސާފުކޮށްދެވިފާވާއިރު އެއީ ހަފުތާއެއްގެ މައްޗަށް ސާފުކުރެވުނު އެންމެ ގިނަ އަދަދު ކަމަށެވެ.
މީގެ އިތުރުން އޮންލައިންކޮށް 5826 ކުށުގެ ރެކޯޑާއި އީމެއިލާއި ފޯނުގެ ޒަރީއާއިން ލިބުނު 236 ރެކޯޑް ސާފުކޮށްދެވިފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.