ރާއްޖޭގެ އެންމެ މަގުބޫލް އަދި އެންމެ ދުވަސްވީ ކިރުގެ ބާވަތް ކަމުގައިވާ ކޯސްޓް ކިރުގެ އަގު ބާޒާރުގައި ހެޔޮ ވެއްޖެ އެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން ބާޒާރުގައި އާންމު ގޮތެއްގައި އަގު ބޮޑުކޮން ހުރި ކޯސްޓް ކިރު ވަނީ ދަޅަކުން 4ރ. އާއި 14ރ. އާ ދެމެދު ހެޔޮވެފަ އެވެ.

ކޯސްޓް ކިރު ރާއްޖެ އެތެރެކުރާ ބީއެޗްއެމުން އެ ބްރޭންޑްގެ ކިރު ދަޅު ހޯލްސޭލް ކުރަނީ 400 ގްރާމް ކޯސްޓް ކިރު ދަޅަކުން ހަތަރު ރުފިޔާ އަގު ހެޔޮ ކޮށެވެ. ކުރިން 62ރ. އަށް ވިއްކި އެވަރުގެ ދަޅެއް މިހާރު ވިއްކަނީ 58ރ. އަށެވެ. އަދި 1800 ގްރާމްގެ ދަޅަކުން 12ރ. ހެޔޮ ކޮށްފައިވާ އިރު 2500 ގްރާމްގެ ދަޅަކުން 14ރ. ވަނީ އަގު ހެޔޮ ކޮށްފަ އެވެ. ކުރިން 135ރ. ވިއްކި ކޯސްޓް 900 ގްރާމްގެ ދަޅެއް މިހާރު ވިއްކަނީ 130ރ. އަށެވެ.

ބީއެޗްއެމްގެ ސޭލްސް އެންޑް މާކެޓިން އިބްރާހިމް ޝަރީފް ވިދާޅުވީ ކޯސްޓްގެ އަގު ހެޔޮ ވެފައިވަނީ ޑިއުޓީ މާފުވެ، އަލަށް ގެނައި ޝިޕްމަންޓްގެ އަގު ވެސް ހެޔޮ ވެފައިވާތީ ކަމަށެވެ. އަދި ވިދާޅުވީ ޔޫރަޕްގެ މާކެޓްގައި އަގަށް ބަދަލުތަކެއް ނާންނަނަމަ ކޯސްޓް ކިރުގެ އަގު މިހާރު ހުރު ހިސާބުގައި ހިފެހެއްޓޭނެ ކަމަށެވެ.

"މިފަހަރު އަގު ހެޔޮ މިކުރީ ޑިއުޓީ ދައްކަންޖެހޭ މިންވަރު ދައްވުމުން. އަޅުގަނޑުމެންގެ މަގުސަދަކީ ރައްޔިތުނަށް ވީހާވެސް ހެޔޮ އަގެއްގައި ތަކެތި ފޯރުކޮށްދިނުން" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިއުޓީ މާފްކުރުމާ އެކު ކުރިއަށް އޮތްތަނުގައި ވެސް ބައެއް ތަކެތީގެ އަގު ހެޔޮވާނެ ކަމަށެވެ. ބީއެޗްއެމްއިން ވަނީ މިދިޔަ ފެބްރުއަރީ މަހު ވެސް ކޯސްޓް ކިރުގެ އަގު ހެޔޮ ކޮށްފަ އެވެ.

ގިނަ ބާވަތްތަކުން ޑިއުޓީ މާފުކޮށްފައިވަނީ މިދިޔަ ޖެނުއަރީ އެކަކުން ފެށިގެންނެވެ. މީގެ ކުރިން އެކޮނޮމިކް މިނިސްޓްރީން ލަފާކޮށްފައިވަނީ ޑިއުޓީ މާފުކުރުމުގެ ސަބަބުން ގިނަ ބާވަތްތަކުގެ މުދަލުން 25 ޕަސެންޓް އަގު ހެޔޮ ވާނެ ކަމަށެވެ.