ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 106 މިލިއަން ރުފިޔާ މިރޭ މަސްވެރިންނަށް ދޫކުރާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްކިރުމަށްފަހު ދޭންޖެހޭ ފައިސާ ނުލިބި ލަސްވުމަކީ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ.

"މަސްވެެރި އާއިލާ ތަކުގެ ޒަރޫރީ އެތައް ކަމަކަށް މި ލަހުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައި" ޝިޔާމް ވިދާޅުވިއެވެ.

އަދި އެ ކަމުގެ ސަބަބުން މަސްވެރި އެތައް އާއިލާއެއްގެ ޒަރުރީ ބޭނުންތަކަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައި ކަމަށް ވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

އެއާއެކު ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ މި ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުން ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

"106 މިލިއަން ރުފިޔާ މިރޭ މަސްވެރިންނަށް ދެވޭނެ އިންތިޒާމު ވެސް މިހާރުވަނީ ރައީސް ހަމަޖައްސަވައިފައި. އަމާޒަކީ ދާއިމީ ޖުމްލަ ހައްލެއް ހޯދުން،" ޝިޔާމް ވިދާޅުވި އެވެ.

މީގެ ކުރިން ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގެ ކަންކަމަކީ ވާހަކަ ދައްކައިގެން ހައްލު ހޯދޭނެ ކަންކަން ކަމަށާއި އޭނާގެ އަމާޒަކީ މަސްވެރިންގެ އަޑު ގާތުން އަހައިގެން ހައްލު ހޯދަން މަސައްކަތްކުރުން ކަމަށެވެ.