ގްރަނޭޑާގެ ސްޕެއިން ފޯވަޑް ބްރަޔަން ޒަރަގޯޒާ، ބަޔާން މިއުނިކަށް ސޮއިކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އުމުރުން 22 އަހަރުގެ ޒަރަގޯޒާ ބަޔާނާ ގުޅުނީ 15 މިލިއަން ޔޫރޯ (13 މިލިއަން ޕައުންޑް)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.

އޭނާ އެ ކްލަބަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.

ބަޔާނުން ވެސް މިހާރުވަނީ އެ ކްލަބަށް ޒަރަގޯޒާ ސޮއިކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. ބަޔާނަށް ޒަރަގޯޒާ ސޮއިކުރި ނަމަވެސް، އޭނާ އެ ކްލަބުގެ ޖާޒީގައި ފެނިގެންދާނީ އަންނަ ސީޒަނުން ފެށިގެންނެވެ.

"ޒަރަގޯޒާ އަކީ ވަރަށް ވަރުގަދަ، ވަރަށް ހަލުވި ފޯވަޑެއް. އޭނާއަކީ ހައިރާންކުރަނިވި ހުނަރުތަކެއް ލިބިފައިވާ ކުޅުންތެރިއެއް. އޭނާ ވަނީ މި އަހަރު ސްޕެއިން ގައުމީ ޓީމުން ވެސް ފުރުސަތު ހޯދައި، ފެންވަރު ސާބިތުކޮށްދީފައި. އަދި ޒަރަގޯޒާގެ ކުޅުން އަހަރެމެން ގާތުން ބަލަމުންދާތާ ވަރަށް ގިނަ ދުވަސްވެއްޖެ،" ޒަރަގޯޒާ ސޮއިކޮށްފައިވާކަން އިއުލާންކުރުމަށް ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ކްރިސްޓޮފް ފްރޫންޑް ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޒަރަގޯޒާ ގެންދިއުމަށް ބަޔާންގެ އިތުރުން އާރްބީ ލައިޕްޒިގްއިން ވެސް މަސައްކަތްތެއް ކުރިއެވެ.

ބަޔާންއާ އޭނާ ގުޅުމުން އިނގިރޭސި ފޯވަޑް ހެރީ ކޭންއަށް ފޯވަޑް ލައިނުގައި އިތުރު އެހީއަކަށް ވެގެންދާނެއެވެ.