ޓެލްއަވީވު (07 ޑިސެންބަރު 2023): ޣައްޒާގައި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނު މުޖާހިދުންގެ ހަމަލާތަކުގައި ޔަހޫދީ ސިފައިންގެ 100 އެއްހާ ސިފައިންގެ ލޮލުގެ ފެނުން ގެއްލިފައިވާކަމަށް އިސްރާއީލު އެއްބަސްވެއްޖެއެވެ.

އިސްރާއީލުގެ ރަސްމީ ބްރޯޑްކާސްޓިން އޮތޯރިޓީ ބުނާގޮތުން 100 ވަރަކަށް ސިފައިންގެ ލޯތައް ހަލާކުވެ އެމީހުންގެ ފެނުން ގެއްލިފައިވަނީ އެކިގޮވުންތަކާއި ގަންޝޮޓްތަކާއެކު ބުރައިގެންދާ ކުދި ތޫނު އެތިކޮޅުތައް ނުވަތަ ޝާޕްނެލްތައް ލޮލަށް ވަނުމުގެ ސަބަބުންނެވެ.

މިތަކެތި ލޮލަށް ވަދެފައިވަނީ ހަނގުރާމައިގެ ތެރޭގައި އަޅަންޖެހޭ ރައްކާތެރިކަމުގެ އައިނު ގެއްލުމުގެ ސަބަބުންނާއި އެއައިނު ހަލާކުވުމުގެ ސަބަބުން އައިނު ނެތްވަގުތުތަކުގައި ލޮލަށް ވަން އެތިކޮޅުތަކުގެ ސަބަބުންނެވެ. މި 100 ވަރަކަށް ސިފައިންގެ ތެރެއިން ގިނަމީހުންގެ ދެލޮލުގެ ފެނުންވެސް ގެއްލި މުޅިން ކަނުވެފައިވާއިރު އަނެއްބައި ސިފައިންގެ ފެނުން ގެއްލިފައިވަނީ އެއްލޮލުގެއެވެ.

ބައެއް ސިފައިންގެ ދެލޯ އޮޕަރޭޝަން ކޮށްފައިވާއިރު އެމީހުންގެ ފެނުން ގެއްލިފައިވާކަން ނުވަތަ ނޫންކަން އަދި މުޅިން ކަށަަވަރު ނުވާކަމަށްވެސް އިސްރާއީލުގެ ރަސްމީ ބްރޯޑްކާސްޓިން އޮތޯރިޓީ ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން އިސްރާއީލު ގެންދަނީ ފަލަސްތީނު މުޖާހިދުންގެ ހަމަލާތަކުގައި މަރުވާ އެގައުމުގެ ސިފައިންނާއި ޒަޚަމްވާ ސިފައިންގެ އަސްލު އަދަދު ހާމަކުރަން ފަސްޖެހެމުންނެވެ. ހަމާސްގެ މުޖާހިދުންގެ ހަމަލާތައްދެކެ ބިރުން ހަނގުރާމައިގެ މައިދާން ދޫކޮށްދާ ޔަހޫދީ ސިފައިންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

މުޖާހިދުން ބުނާގޮތުން އެއްގަމު ހަމަލާތައް ފެށިފަހުން އިސްރާއީލުގެ ހާހަކަށް ވުރެ ގިނަ ސިފައިންވާނީ މަރާލާފައެވެ. ނަމަވެސް އިސްރާއީލު އެއްބަސްވެފައިވާގޮތުން އެއްގަމު ހަމަލާތައް ފެށިފަހުން މުޖާހިދުންގެ ހަމަލާތަކުގައި މަރުވެފައިވަނި އެގައުމުގެ 80 އާއި 90 އާ ދެމެދުގެ އަދަދެއްގެ ސިފައިންނެވެ.

އޭގެކުރިން ހަތެއް އޮކްޓޯބަރުގައި ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި (ތޫފާނުލްއަގްސާ ގައި) 300 އަށް ވުރެގިނަ ސިފައިން މަރުވިކަމަށް އިސްރާއީލު ކުރިންވަނީ އެއްބަސްވެފައެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ޝަހީދު ކުރަމުން ގެންދިޔަނަމަވެސް އިސްރާއީލުން އިއުލާނުކުރި އަސްކަރީ އެއްވެސް ލަނޑުދަނޑިއެއް މިހާތަނަށް ހާސިލު ކުރެވިފައެއް ނުވެއެވެ.

އިސްރާއީލުން އިއުލާނުކޮށްފައިވާ ލަނޑުދަނޑިތަކަކީ ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން ގަދަބާރުން މިނިވަންކުރުމާއި ހަމާސް ޖަމާއަތް އެއްކޮށް ބަލިކޮށް ނައްތާލުމާއި ޣައްޒާއަކީ އިސްރާއީލަށް އެއްވެސް ހަމަލާއެއް ނާންނަ ހަތިޔާރާއި މުޖާހިދުން ނެތް ސަރަހައްދަކަށް ހެދުމެވެ.

މިއިން އެއްވެސް މަގްސަދެއް އިސްރާއީލަށް ހާސިލް ކުރެވިފައިނުވާއިރު ހަމާސް ޖަމާއަތް ބަލިކުރުމަކީ އަދި އެޖަމާއަތް ނައްތާލުމަކީ ކުރިޔަށް އޮތް 10 އަހަރު ތެރޭގައިވެސް އިސްރާއީލަށް ކުރެވޭނެކަމެއް ނޫންކަމަށް އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވާ އެއްގައުމު ކަމަށްވާ ފަރަންސޭސިވިލާތުގެ ރައީސް އެންމަނުއެލް މެކްރޯންވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ވެސް ވަނީ އެމެރިކާގެ އަސްކަރީ އެހީއާއި މަދަދާއެކުވެސް އެއްގަމު ހަނގުރާމައިގައި އިސްރާއީލު ނާކާމިޔާބުވެ ހަމާސްގެ ޝަރުތުތަކަށް ބޯލަނބަން އިސްރާއީލަށް ޖެހިދާނެކަމުގެ ބިރު އޮތްކަމަށާއި އިސްރާއީލު ދަނީ ސްޓްރެޓީޖިކް ބައްޔަކާ ދިމާއަށް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް ހަމާސްއަށް ކާމިޔާބުވުމުގެ ފުރުސަތު ނުދޭނެކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ވިދާޅުވިއެވެ.

އެމެރިކާވަނީ ޔުކްރެއިން ހަނގުރާމައިގާ ރަޝިއާއަށްވެސް ކާމިޔާބު ވުމުގެ ފުރުސަތު ނުދޭނެކަމަށް އެތައް ފަހަރަކު ބުނެފައެވެ. ނަމަވެސް މިހާރު ޔުކްރެއިން ވަނީ އަސްކަރީ ގޮތުން އިނދަޖެހޭ ހިސާބުގައެވެ. އަދި ރަޝިއާވަނީ ހަނގުރާމަ ކާމިޔާބު ކުރުމާ ވަރަށް ގާތުގައެވެ.

ޣައްޒާއަށް އެއްގަމުން އަރައިގަނެގެން އުޅޭ ޔަހޫދީ ސިފައިންގެ ގިނަ ބަޔަކަށް ޝިގެއްލާފަދަ ބޭރަށް ހިންގުމުގެ ނުރައްކާތެރި ރޯގާއަކާއި ހުމުގެ ނުރައްކާތެރި ރޯގާއެއް ޖެހިފައިވުމުގެ ސަބަބުން އެތައް ސަތޭކަ ސިފައިންނެއްވަނީ އިސްރާއީލުގެ އަސްކަރީ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައެވެ.

އިސްރާއީލަށް ތާއީދުކޮށް ޚަބަރުތައް ފަތުރާ ހުޅަނގުގެ މީޑީއާތަކުން ޣައްޒާގައި އިސްރާއީލުން ކާމިޔާބީ ހޯދަމުން ގެންދާކަމުގެ ޕްރޮޕަގެންޑާތައް ފަތުރަމުން ގެންދިޔަނަމަވެސް ހަތިޔާރުނެތް އާންމުންގެ ބޮލަށް ބޮން އަޅައިގެން އާންމުން މެރުން ފިޔަވައި އެެހެން އެއްވެސް ކަމެއް ޣައްޒާގައި އިސްރާއީލަށް ހާސިލު ކުރެވިފައެއް ނުވެއެވެ.

އެއްގަމު ހަނގުރާމައިގައި އިސްރާއީލަށް ކުރިމަތިވާ ނާކާމިޔާބީ ފޮރުވުމަށާއި އިސްރާއީލަކީ ބާރުގަދަ ގައުމެއްކަން ދެއްކުމަށްވެސް އިސްރާއީލު ކުރާކަމަކީ ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި ގަތުލުއާންމުތައް ހިންގުމެވެ.

ޣައްޒާގައި ހުންނަވާ ހަމާސްގެ ލީޑަރު ޔަހްޔާ އައްސިންވާރުގެ ގެކޮޅު، އިސްރާއީލު ސިފައިން ހިސާރުކޮށްފައިވާ ކަމަށް ޔަހޫދީ ބޮޑުވަޒީރު ނަތަންޔަހޫ ރޭ ބުނެފައިވީނަމަވެސް އެއީވެސް ދޮގެއްކަން ފަހުންވަނީ ހާމަވެފައެވެ. ޚުދު އިސްރާއީލުގެ އަސްކަރިއްޔާއިންވެސްވަނީ އެކަން ދޮގުކޮށްފައެވެ. ސިންވާރަކީ ހަމާސްގެ ބިން ގަރާސްތަކުގައި އުޅުއްވާ ބޭފުޅެއްކަމުން އޭނާއުޅުއްވާތަނެއް ހޯދުމަކީ އިސްރާއީލަށް ފަސޭހަ ކަމެއް ނޫނެވެ.