23 May 2012, 11:09
އުސް ފަސްގަނޑާމެދު ދެން ގޮތެއް ނިންމާނީ އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށްފަހު ކަމަށް ފުލުހުން ބުނެފި އެވެ.
އެމްޑީޕީން ކޭމްޕް ޖަހާފައިވާ އުސްފަސްގަނޑު ރޫޅާލަން ކްރިމިނަލް ކޯޓްގެ އަމުރަކަށް އެދި ފުލުހުން ހުށަހެޅުމުން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނަނީ އުސް ފަސްގަނޑު ރޫޅާލުމުގެ އަމުރަކަށް އެދި ފުލުހުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތައް ދިރާސާކޮށް ބެލިއިރު އެ މައްސަލައަކީ ކްރިމިނަލް ކޯޓުގެ އިޚުތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައެއްކަން އެނގެން ނެތް ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރެދެވެން ވެސް ނެތް ކަމަށެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް މިއަދު ވިދާޅުވީ ކުރިމިނަލް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންގެންދާ ކަމަށާއި އެކަން ބެލުމަށް ފަހު އުސް ފަސްގަނޑާމެދު ނިންމާ ގޮތެއް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށެވެ.
"މިއަދު ވެސް އެކަމާ ގުޅޭ ގޮތުން [އުސްފަސްގަނޑުގެ މައްސަލާގައި] ގޮތެއް ނިންމާފާނެ. މާދަމާ ވެސް ގޮތެއް ނިންމާފާނެ. އެކަން އަދި ބަލަމުން މިގެންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް އުސް ފަސްގަނޑު އަތުލައި ހައުސިން މިނިސްޓްރީގެ ބާރުގެ ދަށަށް ބަދަލު ކުރަން ކެބިނެޓުން ނިންމީ އެ ބިން ހަވާލުކުރުމުގައި ސިޓީ ކައުންސިލުން ސަރުކާރާއެކު ވެފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އަދި އެބިން ނެގިދާނެ ކަމަށް ބަންޑާރަ ނައިބު ވަނީ ލަފައެއް ވެސް ދެއްވާފަ އެވެ.
ސިޓީ ކައުންސިލުން ބުނެފައި ވަނީ ސިޔާސީ ހަރަކާތްތަކަށް އުސް ފަސްގަނޑު ދިނުމަކީ އެގުރިމެންޓާ ހިލާފުވުން ކަމަށް ނުބެލެވޭ ކަމަށާއި އެ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ފެބުރުއަރީ 7 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުމަށް ފަހު އެމްޑީޕީގެ ހަރަކާތްތައް ހިންގަން ފުރަތަމަ ކޭމްޕް ޖަހާފައި ވަނީ ލޮނުޒިޔާރަތްކޮޅުގަ އެވެ. ނަމަވެސް ފުލުހުން ވަނީ މާޗް 19 ވަނަ ދުވަހު އެ ކޭމެޕަށް ވަދެގަނެ ކޭމްޕް ރޫޅާލައިފަ އެވެ. އޭގެ ފަހުން އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހނގަމުން ދަނީ އުސް ފަސްގަނޑުގަ އެވެ. އެތަން އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަން ދީފައި ވަނީ އަންނަ މަހުގެ ނިޔަލަށެވެ.
އެމްޑީޕީން ބުނެފައި ވަނީ އުސް ފަސްގަނޑު އަތުލައިފިނަމަ މުޅި މާލޭގައި ކޭމްޕްޖަހާ މުޒާހަރާ ކުރާނެ ކަމަށެވެ.