އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބު ކޮށްފައިވަނީ 1-2ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ޗެލްސީއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފެއްދީ ޔުނައިޓެޑުންނެވެ.

މި މެޗުގެ ފެށުން ރަނގަޅުވީ ޔުނައިޓެޑްގެއެވެ. މިގޮތުން މެޗުގެ ނުވަވަނަ މިނެޓްގައި ޔުނައިޓެޑަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ.

ނަމަވެސް ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ޕެނަލްޓީވަނީ ޗެލްސީގެ ކީޕާ ރޮބަޓް ސަންޗޭޒް ދިފާއުކޮށްފައެވެ. ނަމަވެސް ޔުނައިޓެޑުންވަނީ މެޗުގެ 19 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ.

މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފަހަކަށް އައިސް ގޯލާ ރައްޓެހިކަމަށް ފާހަގަކުރެވިފައިވާ ސްކޮޓް މެކްޓޮމިނޭއެވެ. މި މެޗުގައި ޗެލްސީއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ ފަހު މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މެންޗެސްޓާ ސިޓީއިން މި ސީޒަންގައި ޗެލްސީއާއި ގުޅުނު ކޯލް ޕާމާއެވެ.

މި މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު މެޗުގެ 69ވަނަ މިނެޓްގައި ޖަހައިދިނީ ވެސް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން މެކްޓޮމިނޭއެވެ. މި މެޗުގައި މެކްޓޮމިނޭއަށްވަނީ އޭނާގެ ކެރިއަރުގެ ފުރަތަމަ ހެޓްރިކް ހެދުމުގެ ފުރުސަތު ތަނަވަސް ވެގެން ގޮސްފައެވެ.

ނަމަވެސް އެންތަނީ ތަނަވަސްކޮށްދިން މި ފުރުސަތުގައި އޭނާއަށް މާ ރަނގަޅަށް ބޯޅައިގާ ޖެހޭގޮތް ނުވެ އެ ފުރުސަތު ބޭކާރުވީއެވެ. މި މެޗުގެ ފަހު ވަގުތު ކޮޅު ޗެލްސީއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ ވަަރަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

މި ކާމީޔާބީއާއެކު ޔުނައިޓެޑް މިހާރުވަނީ ކުޅުނު 15 މެޗުން ލިބިފައިވާ 27 ޕޮއިންޓާއެކު ތާވަލްގެ ހަވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި ޗެލްސީ އުޅެނީ 19 ޕޮއިންޓާއެކު ތާވަލްގެ 10ވަނައިގައެވެ.