އަމީނީމަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ން ނިންމައިފިއެވެ.

އަމީނީމަގުގައި މިހާރު ނުނިމި އޮތީ ސެގްމެންޓް 12 އާއި 13 ގެ މަސައްކަތެވެ.

އަމީނީމަގުގެ ބޮޑު ބައެއް މިހާރު ވަނީ ހަދައި ނިންމާލައިފައެވެ. އެގޮތުން ހެންވެއިރު ކޮޅުން ފެށިގެން ގޮސް އިއްޒުއްދީން މަގާ ހަމައަށް ވަނީ ތާރު އަަޅައި ޒަމާނީ ފެންވަރަކަށް ހަދައިފައެވެ. އޭގެ އެކޮޅަށް މާފަންނުގެ ބައިގައި އަދިވެސް ހުރީ ގާ އަތުރައިފައެވެ.

އާރުޑީސީއިން މިއަދު ބުނީ އަންނަ ހޮނިހިރު ދުވަހު އަލުން މަސައްކަތް ފަށާއިރު އެ ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެ ބަދަލުތައް ފުލުހުން ހިއްސާ ކުރާނެ ކަމަށް އާރުޑީސީން ބުންޏެވެ.

އަމީނީ މަގުގެ މިހާރު ނުނިމި އޮތް ހިސާބަކީ ވަރަށް ކާރޫބާރު ބޮޑު ހިސާބެކެވެ. ފުޑްކޯޓުތަކުގެ އިތުރުން ވިޔަފާރިވެރިންގެ މިސްކިތާއި ދިރާގު ހެޑް އޮފީހުގެ އިތުރުން ވިލިމާލެ ފެރީ ޓާމިނަލަށް ދާން ގިނަ ބަޔަކު އަބަދު ވެސް އެ ސަރަހައްދު ބޭނުން ކުރެއެވެ.

އަމީނީމަގު ތަރައްގީ ކުރުން ކުރިއަށް ގެންދިއުމުގެ ގޮތުން އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި ދާދި ފަހުން ވަނީ މަޝްވަރާ ކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުއެވެ. މި ޕްރޮޖެކްޓް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.