ޑްރަގް ކޯޓަށް ދީފައިވާ އިމާރާތް މަރާމާތު ކުރަން 2.5 މިލިއަން ރުފިޔާއަށް ވައިޓްލައިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

ޖުޑީޝަރީގެ މީޑިއާ އެންޑް ޕަބްލިކޭޝަން ޔުނިޓްގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް (ލަތީ) މިއަދު ވިދާޅުވީ ޑްރަގް ކޯޓަށް ސަރުކާރުން ދީފައިވާ ކުރީގެ އެންސްޕާ ހިންގި އިމާރާތް މަރާމާތުކުރަން ވައިޓްލައިންއާ ހަވާލުކުރީ މި ހަފުތާގެ ކުރީކޮޅު ކަމަށާއި މަސައްކަތް ހަވާލުކުރީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

"ކޯޓު ހިންގަން ސަރުކާރުން ދިން އެންސްޕާ ހިންގި އިމާރާތް މަރާމާތުކުރުމަށް ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވަނީ. އެ މަސައްކަތް 45 ދުވަހުގެ ތެރޭގައި އެ ކުންފުނިން ނިންމަން ޖެހޭނެ،" ލަތީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އިމާރާތް މަރާމާތުކުރާނެ ބަޔަކު ހޯދަން ކުރި އިއުލާނާ ގުޅިގެން 23 ފަރާތަކުން ކުރިމަތިލި ނަމަވެސް ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯސަލް ހުށަހެޅީ ހަތް ފަރާތަކުން ކަމަށެވެ. އަދި ވިދާޅުވީ ވައިޓްލައިނާ އެ މަސައްކަތް ހަވާލުކުރީ އެހެން ފަރާތްތަކުން ހުށަހެޅި އަގާއި މަސައްކަތުގެ މުއްދަތަށް ވުރެ އެ ކުންފުންނިން ހުށަހެޅި އަގާއި މަސައްކަތުގެ މުއްދަތު ރަނގަޅުކަމަށް ފެނުމުން ކަމަށެވެ.

މިހާރު ޑްރަގް ކޯޓު ވަގުތީ ގޮތުން ހިންގަމުން ގެންދަނީ ކުރިން ޖުވެނައިލް ކޯޓު ހިންގި މ. ފަންހިޔާ ބިލްޑިން ގައެވެ.

ލަތީ ވިދާޅުވީ ޑްރަގް ކޯޓުގައި އިދާރީ ގޮތުން ނިންމަންޖެހޭ ކަންތައްތައް މިހާރު ނިމިފައިވާ ކަމަށާއި އެ ކޯޓުގައި ޝަރީއަތްތައް ފަށާނެ ދުވަހެއް މިހަފުތާގެ ތެރޭގައި ކަނޑައަޅާނެ ކަމަށެވެ.

ޑްރަގް ކޯޓަކީ މިއަހަރުގެ ބަޖެޓް ފާސްކުރި ފަހުން އުފެދުނު ކޯޓަކަށްވާތީ އެ ކޯޓަށް ވަކިން ބަޖެޓެއް ހަމަޖެހިފައި ނެތްނަމަވެސް އެކަން ހައްލުކުރުމަށްޓަކައި ބަޖެޓާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީއާ ވާހަކަދައްކަމުން އަންނަ ކަމަށް ވެސް ލަތީ ވިދާޅުވި އެވެ.

ޑްރަގް ކޯޓްގެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ހަވާލު ކުރި އިރު އެ އިމާރާތުގެ ދޮރުތައް ކީހާލައިގެން ނީލަން ކިޔަން އުޅުނު ދެމީހަކު ދާދިފަހުން ވަނީ ހައްޔަރުކޮށްފަ އެވެ.