07 Dec 2023, 08:16
ކްލަބު ވޯލްޑް ކަޕްގައި ވާދަކުރާ މެންޗެސްޓާ ސިޓީގެ ސްކޮޑުގައި ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ހިމަނައިފިއެވެ.
ސިޓީން ކުޅުނު ސީޒަންގެ ފުރަތަމަ މެޗަށްފަހު، އަނިޔާއާ ގުޅިގެން ޑި ބްރޭނާ އިތުރު މެޗަކުން ފެނިފައެއް ނުވެއެވެ. ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ޑި ބްރޭނާ ސާޖަރީއެއް ހަދާފައިވާ އިރު، މިހާރު ވަނީ ސައުދީ އަރަބިއާގައި ބާއްވާ ކްލަބު ވޯލްޑް ކަޕްގެ ސްކޮޑުގައި ހިމަނައިފައެވެ. އޭނާއަށް މިމަހުގެ ތެރޭގައި އެނބުރި ކުޅުމަށް އާދެވޭނެ ކަމަށް ބެލެވެއެވެ.
ފާއިތުވެދިޔަ ސީޒަންތަކުގައި ސިޓީން ހޯދި ކާމިޔާބީގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ޑި ބްރޭނާއެވެ. މިދިޔަ ސީޒަނުގައި ސިޓީން ތިން ތަށި ހޯދި އިރު، ޑި ބްރޭނާ ވަނީ 49 މެޗުން 31 އެސިސްޓް ހަދައި، ދިހަ ގޯލު ކާމިޔާބުކޮށްފައެވެ. އެހެންކަމުން ޑި ބްރޭނާ ފިޓުވުން ވެގެންދާނީ ސިޓީއަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށެވެ.
ޔޫރަޕުގެ ޗެމްޕިއަނުންގެ ގޮތުގައި ސިޓިން ކްލަބު ވޯލްޑް ކަޕްގައި ވާދަކުރަން ފަށާނީ ސެމީ ފައިނަލާ ހިސާބުންނެވެ. ސިޓީއާއެކު ދެކުނު އެމެރިކާގެ ޗެމްޕިއަން ފްލުމިނެންސޭ ވެސް ފަށާނީ ސެމީގެ މެޗުންނެވެ. ދެން އެ މުބާރާތުގައި ވާދަކުރަނީ އޭޝިއާ ޗެމްޕިއަން އުރާވާ ރެޑް ޑައިމަންޑްސް، އެފްރިކާ ޗެމްޕިއަން އަލް އަހްލީ، ކޮންކާކަފް ޗެމްޕިއަން ލިއޯން، އޯޝޭނިއާ ޗެމްޕިއަން އޯކްލަންޑް ސިޓީގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ސައުދީގެ ޗެމްޕިއަން އަލް އިއްތިހާދެވެ.
މި ސީޒަނުގެ ކުރީކޮޅުގައި ޑި ބްރޭނާއާ ނުލައިވެސް ސިޓީން ރަނގަޅު ކުޅުމެއް ދައްކަމުންދިޔައެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު މެޗުތަކުން ޕޮއިންޓުތަކެއް ގެއްލި، ސިޓީއަށް ވަނީ އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނަ ގެއްލިފައެވެ. މިވަގުތު އެއްވަނައިގައި އޮތް އާސެނަލާއި ހަތަރުވަނައިގައި އޮތް ސިޓީއާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.