07 Dec 2023, 07:50
ލިވަޕޫލުގެ ޑިފެންޑަރު ޖޯލް މަޓިޕްއަށް އަނިޔާވެ، ސީޒަންގެ ބާކީބައި ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު ފުލަމް އަތުން 3-4ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވި މެޗުގައި މަޓިޕްގެ ކަކުލުގެ ލިގަމެންޓަށް ވަނީ އަނިޔާވެފައެވެ. އިއްޔެ ޝެފީލްޑް ޔުނައިޓެޑް އަތުން 2-0ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވި މެޗުގައި ކޯޗު ޔާގަން ކްލޮޕް ވަނީ މަޓިޕްއަށް އަނިޔާވިކަން ކަށަވަރު ވެސް ކޮށްދީފައެވެ.
"މަޓިޕްގެ ލިގަމެންޓަށް ވަނީ އަނިޔާވެފައި. ކުރިން ވެސް ބެލެވުނު އަނިޔާއާ ކުރިމަތިލާން އެ ޖެހުނީ. އެއީ ވަރަށް ހިތާމަ ހުރި ކަމެއް،" އިއްޔެގެ މެޗަށްފަހު ލިވަޕޫލުގެ ކޯޗު ކްލޮޕް ބުންޏެވެ.
އިއްޔެގެ މެޗުގައި ލިވަޕޫލުގެ އާޖެންޓީނާ މިޑްފީލްޑަރު އެލެކްސިސް މެކްއެލިސްޓާއަށް ވެސް ކުރިމަތިވި އަނިޔާއަކާ ގުޅިގެން މެޗު ފުރިހަމަކުރެވިފައެއް ނުވެއެވެ. އޭގެ އިތުރުން ކީޕަރު އެލިސަން، ޑިއޮގޯ ޖޮޓާ، ތިއާގޯ އަލްކެންޓަރާ، ސްޓެފަން ބައިޖެޓިޗް އަދި އެންޑީ ރޮބާޓްސަން ވެސް ހުރީ އަނިޔާގައެވެ.
އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ލިވަޕޫލުން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅެއް ހޯދައި، އެއް މެޗުން ވަނީ އެއްވަރުވެފައެވެ. ޕްރިމިއާ ލީގު ތާވަލުގައި ލިވަޕޫލު މިވަގުތު އޮތީ ކުޅުނު 15 މެޗުން ލިބުނު 34 ޕޮއިންޓާއެކު ދެވަނައިގައެވެ. އެއްވަނައިގައި އޮތް އާސެނަލާއި ލިވަޕޫލާ ދެމެދު މިހާރު އޮތީ އެންމެ ދެ ޕޮއިންޓުގެ ފަރަގެކެވެ.