އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި ޣައްޒާގެ ވެރިކަން ކުރާ ހަމާސް ޖަމާއަތާ ދެމެދު ހަނގުރާމަ ފެށުނު ފަހުން އެމެރިކާއިން އިސްރާއީލަށް 10،000 ޓަނަށް ވުރެ ގިނަ އަސްކަރީ ސާމާނު ފޯރުކޮށްދީފައިވާ ކަމަށް އިސްރާއީލުގެ އަސްކަރީ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިފައިންނަށް ބޭނުންވާ އަސްކަރީ ސާމާނު ހިފައިގެން އެމެރިކާގެ 200 ވަނަ ކާގޯ ބޯޓު އިސްރާއީލަށް އައިސްފައިވާ ކަމަށެވެ.

އަސްކަރީ ސާމާނުގެ ތެރޭގައި ބަރު ހަތިޔާރު އުފުލާ އުޅަނދާއި، ހަތިޔާރު، ސަލާމަތީ ސާމާނު، ސިއްޙީ ސާމާނު، އަދި ވަޒަނާއި ހަނގުރާމައިގައި ބޭނުންކުރާ އެހެނިހެން ތަކެތި ހިމެނެއެވެ.

ހަތިޔާރު ހިފައިގެން ދިޔަ އެމެރިކާގެ ފުރަތަމަ ކާގޯ ބޯޓު އިސްރާއީލަށް ގޮސްފައި ވަނީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

ހަފުތާއެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު އިސްރާއީލުން ޣައްޒާ ސަރަހައްދަށް އަސްކަރީ ހަމަލާތައް އަލުން ފެށީ މިދިޔަ ހުކުރު ދުވަހުއެވެ. އޮކްޓޫބަރު ހަތް ވަނަ ދުވަހު ފެށި ހަނގުރާމައަށް މެދުކެނޑުމެއް ގެނައީ އިސްރާއީލާއި ހަމާސް އާއި ދެ ފަރާތުގައި ތިބި އަސީރުންނާއި ގައިދީން މިނިވަން ކުރުމަށް އެއްބަސްވެގެނެވެ.

ހުކުރު ދުވަހު ހަމަލާތައް ފެށިފަހުން އިސްރާއީލުން އަންނަނީ ޣައްޒާގެ ދެކުނަށް ހަމަލާތައް އަމާޒުކުރަމުންނެވެ. ޣައްޒާގެ ދެކުނުން ޚާން ޔޫނިސްގައި ދިރިއުޅޭ ރައްޔިތުން ބުނާ ގޮތުގައި ޔަހޫދީ ފައުޖުން މެދުކެނޑުމެއް ނެތި އެ މީހުންގެ ގެދޮރަށް ބޮން އަޅަމުން ގެންދެއެވެ. އަދި، އެ ރަށް ވަށައިލާފައިވާ ޔަހޫދީ ސިފައިން އަސްކަރީ ޓޭންކުފަހަރު ފަދަ ބަރުހަތިޔާރު ބޭނުން ކޮށްގެން ހަމަލާ ދެމުންދާ ކަމަށް އެ މީހުން ބުނެއެވެ.

އިސްރާއީލުން އަންނަނީ ޣައްޒާގެ އުތުރަށްވެސް އަދިވެސް ހަމަލާތައް ދެމުންނެވެ. އެގޮތުން އެންމެ ފަހުގެ ހަމަލާތައް ޢަމާޒު ކޮށްފައި ވަނީ ޖަބާލިޔާ ރެފިއުޖީ ކޭމްޕު ހުންނަ ސަރަހައްދާއި، އެ ސަރަޙައްދުގައި ހުންނަ އާންމުން ދިރިއުޅޭ ގެދޮރަށެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 16،248 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޣައްޒާގެ އިތުރުން އިސްރާއީލުން ހިފާފައި އޮންނަ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މުސްލިމުންނަށްވެސް އިސްރާއީލުން އަންނަނީ ހަމަލާތައް ދެމުންނެވެ.