07 Dec 2023, 12:44
ޔަހޫދީން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާގެ ދެކުނުގެ މައި ސިޓީ ވަށައިލައިފިއެވެ.
މިއީ ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާއި ޔަހޫދީ އިސްރާއީލާއި ދެމެދު އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމައަށް ދެ މަސް ދުވަސްވެފައިވާއިރު، ހަނގުރާމަ އެންމެ ވަރުގަދަކޮށް ކުރިއަށް ގެންދިޔަ ދުވަސްތަކެވެ. އިސްރާއީލު އަސްކަރިއްޔާއިން އަންނަނީ މަގުތަކާއި އިމާރާތްތަކުގެ ތެރެއިން ހަމާސްގެ މުޖާހިދުންނާ ހަނގުރާމަ ކުރަމުންނެވެ.
ހަނގުރާމައަށް ދެ މަސްވެފައިވާއިރު، ޣައްޒާގެ އުތުރު އެއްކޮށްގެން ސުންނާފަތިކޮށް، ގާތްގަޑަކަށް ދެ މިލިއަން މީހުންގެ ގެދޮރު ދޫކޮށްލުމަށް މަޖުބޫރު ކުރުމަށް ފަހު އިސްރާއީލުން މިހާރު ވަނީ ހަމަލާތައް ޣައްޒާގެ ދެކުނަށް އަމާޒުކޮށްފައެވެ.
އިސްރާއީލު އަސްކަރިއްޔާއިން ގެންގުޅޭ ޓޭންކްތަކާއި ބުލްޑޯޒަރުތައް އަދި އެހެނިހެން ހަނގުރާމައިގައި ބޭނުންކުރާ ސާމާނު ޣައްޒާގެ ދެކުނު ސިޓީއެއް ކަމަށްވާ ޚާން ޔޫނިސް ކައިރިން ވަނީ ފެނިފައެވެ. މިއާ އެކު ޣައްޒާގެ އާންމުންނަށް އަނެއްކާ ވެސް މި ވަނީ ފޮށި ތަންމަތި ބަންދުކޮށްގެން ފިލަން ދިއުމަށް މަޖުބޫރުވެފައެވެ.
"އަހަރުމެންގެ ސިފައިން މިހާރު ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސަރަހައްދު ވަށައިލާފައި،" އިސްރާއީލުގެ ސިފައިންގެ ވެރިޔާ ހަރްޒީ ހަލޭވީ ވިދާޅުވިއެވެ.
އަދި، އިއްޔެ ދިން ހަމަލާތަކަކީ ހަނގުރާމަ ފެށިގެން ދެ މަސް ދުވަސްވެފައިވާއިރު، އެންމެ ވަރުގަދައަށް ހަމަލާތައް ދިން ދުވަސް ކަމަށް ވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ.
އޮކްޓޫބަރު މަހު ހަތްވަނަ ދުވަހު ފެށި ހަނގުރާމައިގައި މިހާތަނަށް 16،248 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލައިފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާ އޮފީހުން އެންމެ ފަހުން ނެރުނު ރިޕޯޓްގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއްނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.
ފަލަސްތީނުގެ ހަނގުރާމަވެރި އެހެން ޖަމާއަތަކާއި ހަމާސް އަދި އިސްލާމިކް ޖިހާދުގެ މަސްދަރުތަކުން ބުނާގޮތުން އެ މީހުންގެ މުޖާހިދުން އަންނަނީ ޙާން ޔޫނިސްއާ ވަށައިގެންވާ ސަރަހައްދުތަކަށް އިސްރާއީލުގެ އަސްކަރިއްޔާ ވަނުމަށް ހުރަސް އެޅުމަށް އެ މީހުންނާ ހަނގުރާމަ ކުރަމުންނެވެ.
ޚާން ޔޫނިސްއަށް ދިން ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. ނުސްރަތު ވަގުތީ ހިޔަލަށް އިސްރާއީލަށް ދިން ހަމަލާގައި ހަ މީހުން ޝަހީދުކޮށްލާފައިވާއިރު 11 މީހުން ޒަޚަމުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނެއެވެ.
އަނެއްކޮޅުން ޣައްޒާގެ އުތުރާއި މެދުތެރެއަށް ދެމުންގެންދާ ހަމަލާތައް ވެސް އިސްރާއީލުން މެދުކަނޑައިލާފައެއް ނުވެއެވެ.